"އަޑީ ދައުލަތް" ހޯދުމަށް ޖާބިރު މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި

Jabir

ކާށިދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުﷲ ޖާބިރު/ ފޮޓޯ- ރައްޔިތުންގެ މަޖިލިސް

"އަޑީ ދައުލަތަކީ" ކޮބައިކަން ސާފުކުރަން، މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރު ހުށަހެޅި މައްސަލާގައި ވަނީ ގާނޫނު އަސާސީގެ 1 ވަނަ ބާބުގެ 2 ވަނަ މާއްދާގައި ރާއްޖެއަކީ ފުރިހަމަ މިނިވަންކަން ލިބިގެންވާ، ސުންނީ މުސްލިމުންގެ މައްޗަށް ބިނާވެފައިވާ، އަމިއްލަ ވެރިކަންކުރާ، ދީމިގްރާތީ، ޖުމްހޫރީ އަދި ޔުނިޓަރީ ދައުލަތެއްކަން ސަރީހަ އިބާރާތުން ބަޔާންކޮށްފައިވީ ނަމަވެސް، ހަގީގަތަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވަމުން ގެންދަވާ "އަޑީ ދައުލަތުގެ" ބާރު ރާއްޖޭގައި ވަކިހިތްޕަމުންދާ ކަމަށެވެ.

އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަންގެ ރިޕޯޓުތަކުން ވެސް "އަޑީ ދައުލަތުގެ" ބިރުވެރިކަން ވަޒަން ކުރެވިފައިވާ ކަމަށާއި، އަދި މިހާރުވެސް ރައީސް ސޯލިހާއި، ރައީސް ނަޝީދު އަދި މަޖިލީހުގެ 20 މެމްބަރުންނަށް "އަޑީ ދައުލަތުން" އަންނަނީ ލާދީނީ ފިކުރުގެ ބައެއް ކަމުގެ އިލްޒާމު އަޅުވައި މަރުގެ އިންޒާރު ދެމުން ކަމަށް ޖާބިރު ވިދާޅުވިއެވެ.

އެހެންކަމުން މިހާރުން މިހާރަށް މި މައްސަލަ ހައްލުކުރުމަށްޓަކައި "އަޑީ ދައުލަތަކީ" ކޮބައިކަން ދެނެގަނެ، އެ ދައުލަތުގެ އެޖެންޑާ އާއި އެ ދައުލަތުގައި އިސްވެ ހަރަކާތްތެރިވަނީ ކޮން ބައެއްތޯ ސާފުކުރަން ބޭނުންވާ ކަމަށް ޖާބިރުގެ ކުއްލި މައްސަލައިގައި ވިދާޅުވެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *