ދުވާފަރުން ފެނުނު ޕޮޒިޓިވްވި ކޭސް އާއި ގުޅިގެން 48 މީހަކު އެކަހެރިކޮށްފި

ރ. ދުވާފަރު --

ރ. ދުވާފަރުން ތިން މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވުމާއި އެކުގައި އެރަށުން 48 މީހަކު އެކަހެރިކޮށްފިއެވެ.

ދުވާފަރު ކައުންސިލްގެ ރައީސް އިބްރާހިމް ނަސީރު ވިދާޅުވީ މިހާތަނަށް އެރަށުން ޕޮޒިޓިވްވި ތިން މީހުންގެ ކޮންޓެކްޓް ޓްރޭސިން ނިންމާލާފައިވާ ކަމަށާއި އެގޮތުން އެ ތިން މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 48 މީހަކު ފާހަގަވެ އެ މީހުން އެކަހެރިކޮށްފައިވާ ކަމަށެވެ.

ނަސީރު ވިދާޅުވީ އެމީހުން އެކަހެރި ކުރި ނަމަވެސް އެމީހުންގެ ސާމްޕަލް ނަގާފައި ނުވާ ކަމަށެވެ.

މި ތިން މީހުންނަކީ މާލެއިން ހޯމް ކަރަންޓީނަށް ދިޔަ ތިން މީހެކެވެ. އެ ތިން މީހުން ޕޮޒިޓިވްވީ ކަރަންޓީނުން ދޫކޮށްލި ފަހުންނެވެ. މި ތިން މީހުންނަކީ މިދިޔަ މަހުގެ 19ވަނަ ދުވަހު ދުވާފަރަށް ހޯމް ކަރަންޓީނަށް ދިޔަ ތިން މީހުންނެވެ. އެމީހުންގެ ސާމްޕަލް ނެގިއިރު ފުރަތަމަ ދެއްކީ ނެގެޓިވް ކޮށެވެ.

އެމީހުން ޕޮޒިޓިވްވުމާއި އެކު ރަށު ތެރޭގައި ބަލި ފެތުރި ދާނެ ކަމުގެ ބިރު އޮތުމުން ރަށަށް އަރާ ފޭބުން މަނާ ކުރުމާއި އެކުގައި ގިނަ ފިޔަވަޅުތަކެއް އެޅިއެވެ. ނަމަވެސް ރަށަށް އަރާ ފޭބުން ފިޔަވާ އެހެން ހުރިހާ ފިޔަވަޅުތަކަކަށް ވަނީ ލުއި ދީފައެވެ.

ދުވާފަރުގެ އިތުރުން އއ. ތޮއްޑޫ، ހޯމް ކަރަންޓީނުގައި ހުރި ކުޑަ ކުއްޖަކު އިއްޔެ ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި އޭގެ ކުރިން ދުވަހު ހދ. ނޮޅިވަރަމްގައި ހޯމް ކަރަންޓީނުގައި ތިބި ބަޔަކު ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *