ދިވެހިން ދެކޭ އުންމީދާއި ތަނަވަސް ދިރިއުޅުން އިންޑިއާ މެދުވެރިކޮށް ހޯދޭނެ: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަދި އިންޑިއާއިން ރާއްޖެ ކަނޑައަޅާފައި ހުންނެވި ސަފީރު/ ފޮޓޯ- ރައްޔިތުންގެ މަޖިލިސް

ދިވެހީން ދެކޭ އުންމީދާއި ތަނަވަސް ދިރިއުޅުން އިންޑިއާ މެދުވެރިކޮށް ހޯދޭނެކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިންޑިއާ ސަރުކާރުން އައުޓްޑޯ ޖިމް ވަސީލަތްތައް ހަދިޔާ ކުުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އިންޑިއާގެ އަވަސް އަދި ބާރު ތަރައްގީ މިއަދު ދިވެހިންނަށް އެބަ ފެންނަ ކަމަށެވެ. ރާއްޖޭގެ ރައްޔިތުން އެދި ގޮވަނީ، އާންމު ހާލަތު ރަނގަޅުވުމަށްކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ދިވެހިން ބޭނުން ވަނީ ޖީބަށް އެއްޗެއް ވަނުމަށާއި ވަޒީފާގެ ފުރުސަތު ލިބުމަށް ކަމަށެވެ.

"ބޯހިޔާވަހިކަން ލިބުމަށްކަން. އަމިއްލަ ސިއްހަަތު އޮތުންކަން. ދަރިންނަށް ކިޔަވައި ދެވުންކަން. ރާއްޖޭގެ ރައްޔިތުން އަބަދުމެ އެ އާދޭސް ކުރަނީ އެމީހުންނަށް އުންމީދެއް ހޯދައި ދިނުމަށް، ތަނަވަސް ދިރުއުޅުމެއް ހޯދައި ދިނުމަށް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ދިވެހިންނަށް އިންޑިއާ ކަނޑުގައިވެސް އަދި މުޅި ދުނިޔޭގައިވެސް ރަނގަޅު މަގާމެއް ހޯދި ދާނެ ކަމަށާއި ނަމަވެސް އެމަނިކުފާނު ދެކިލައްވާ ގޮތުގައި އެ މަގާމަކީ، އިންޑިއާއާ ޖަދަލުކޮށް ނުވަތަ ބޮޑާ ހޭކުމުގެ ރޫހެއްގައި އިންޑިއާ ފޫހިވާ ގޮތެއްގައި އުޅެފި ނަމަ ހޯދަން ދަތިވާނެ އެއްޗެއް ކަމަށެވެ. ނުވަތަ އެ އުފާވެރި މަންޒަރު ހޯދުމަށް ދަތިވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ދަރިންނާއި ދަރިންގެ ދަރިންނަށް ރަނގަޅު ގޮތް ހޯދައި ދިނުމަށް ރަނގަޅު ބުއްދި އަޅުގަނޑުމެން ނެރެން ޖެހޭނެ. އަޅުގަނޑުމެންނަށް ކަށަވަރު އިންޑިއާ ތަރައްގީއާ ގުޅުނީމަ، އަޅުގަނޑުމެންގެ އާންމުދަނީ އިތުރުވާކަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *