ބިދޭސީ މަސައްކަތްތެރިން އަނބުރާ ފޮނުވާލުމުގައި ނަޝީދުގެ ބަސް: އެންމެން ފޮނުވައެއް ނުލެވޭނެ!

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޕްރޮގްރާމެއްގައި ވާހަކަދައްކަވަނީ: ފޮޓޯ / މަޖިލިސް

ރާއްޖެއަށް ގަވާއިދާ ހިލާފަށް އެތެރެވެ މަސައްކަތް ކުރަމުންދާ ހުރިހާ ބިދޭސީން ފޮނުވާލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިފަހަކަށް އައިސް ބިދޭސީންނަށް މުސާރަ ނުދޭ މައްސަލާގައި ހިންގަމުން ގެންދާ ހަމަނުޖެހުންތަކާއި ގުޅިގެން ރައްޔިތުން މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެއް) މަޖިލީހަށް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލަ އާއި ގުޅިގެން ނަޝީދު ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ނުރުހުމުގައި އެމީހުންގެ ގައުމަށް އަނބުރާ ފޮނުވާ ނުލެވޭނެ ކަމަށެވެ.

އަދި ވަކިން ހާއްސަކޮށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ފޮނުވާލަން ސަރުކާރުން ކިތަންމެ ބޭނުންވި ނަމަވެސް އެކަމަކީ އަދި އަމުދުން ކުރެވޭނެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމީހުން [ބިދޭސީން] ރާއްޖެ އެތެރެ ކޮށްފައިވަނީ އިންސާނީ ވަގު ވިޔަފާރި ނުވަތަ ހިއުމަން ޓްރެފިކިންގެ ތެރެއިން ދިވެހިންގެ ބަޔަކު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އެހެންވީމަ އަޅުގަނޑުމެންނަށް ދިވެހީންނަށް، މާދަމާ އެ ހުރިހާ އެންމެން ފޮނުވާލެވިދާނެ ކަމަށް ދެކެވޭ ކަމަށް ވަނީވިންޏާ އަޅުގަނޑު ދަންނަވާނީ އެއީ ހަގީގަތުގައި ވާން ނެތް ކަމެއް، އަޅުގަނޑުމެންގެ ހިތު އެޅި ގޮތަށް އޮންނަންޖެހޭނެ ކަމަށް ދެކިގެން އަޅުގަނޑުމެން ދައްކާ ވާހަކައެކޭ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އިންތިހާ އަށް ހެޔޮ އަގުގައި އެމީހުން ގެނެސް، އެމީހުން ލައްވާ ގުލާނުކޮށް އަޅުދާސްތު ކުރުވުމަށްފަހު އެމީހުންގެ މަސައްކަތުން އެމީހުން ރާއްޖެ ގެނައި މީހުން އެތައް ފައިދާއެއް ނެގުމަށްފަހު މާދަމާ އެމީހުން ދާށޭ ބުންޏަސް އެމީހުން ނުދާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އަމިއްލަ ކަމަކަށް 100،000 ބިދޭސީން މި ތަނަށް އެތެރެކޮށް އިންތިހާއަށް ހެޔޮ އަގުގައި ގެނެސް ގުލާނުކޮށް އަޅުދާސްތުކޮށް މަސައްކަތް ކުރުވައި އެތައް ބިލިއަން ރުފިޔާގެ އެސެޓެއް ހަދާފައި އެ މީހުން ކައިރީ މާދަމާ ދާށޭ ބުންޏަސް، އަދި އެއީ ހިންގިދާނެ ކަމެއް ކަމަކަށް ނުދެކެން." ރައީސް ނަޝީދު ވިދާޅުވި އެވެ.

Leave a Reply

Your email address will not be published. Required fields are marked *