ހުޅުމާލޭގައި ހަމަނުޖެހުން ހިންގި 40 ބިދޭސީއަކު ވަނީ ހައްޔަރުކޮށްފައި

ހުޅުމާލޭގައި މީގެކުރިން މުޒާހަރާކުރި ބިދޭސީންތަކެއް ---

މުސާރަ ނުދިނުމާ ގުޅިގެން ހުޅުމާލޭގައި މިއަދު ބިދޭސީންތަކެއް ކުރި މުޒާހަރާގެ ތެރެއިން ހަމަނުޖެހުން ހިންގި 40 ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

މި ހަމަނުޖެހުން ހިންގި ބިދޭސީން ހައްޔަރުކުރުމުގެ މަސައްކަތް ފުލުހުން ފަށާފައިވާއިރު، މިހާތަނަށް 40 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.

އަންނަ އައިލެންޑް އެކްސްޕާޓު ކުންފުނީގެ އެ ބިދޭސީން މުޒާހަރާ ކުރަމުން ގެންދިޔައީ އެމީހުންނަށް ދޭންޖެހޭ މުސާރަ ދީފައި ނުވާތީއެވެ. އެ މީހުން މުޒާހަރާ ފެށީ މުސާރަ ދޭން ދިން މުހުލަތުގައި އެކަން ނުކުރުމުންނެވެ.

އެ ބިދޭސީންގެ މުޒާހަރާ ހުއްޓުވުމަށް ދިޔަ ފުލުހުންނާއި ދިމާލަށް ގާބުރި ފަދަ ތަކެތި އެ ބިދޭސީން ވަނީ އުކާފައެވެ. އަދި އެކަމުގެ ސަބަބުން ފުލުހުންނަށް އަނިޔާވެ ފުލުހުންގެ ބައެއް ވެހިކަލްތަކަށް ވެސް އަނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ނަމަވެސް ފަހުން އެސަރަހައްދަަށް ދިޔައީ ރައިޓް ގިޔަރުގައި ތިބި ފުލުހުންނެވެ. އެ ފުލުހުން ވަނީ ހަމަނުޖެހުން ހިންގި ސަރަހައްދަށް ގޮސް އެ ސަރަހައްދު ފުލުހުންގެ ކޮންޓްރޯލްގެ ދަށަށް ގެނެސްފައެވެ.

އެ ސަރަހައްދުގައި ހުރި މީހަކު ބުނީ ހަމަނުޖެހުން ހިންގި ބިދޭސީން ފުޅި އާއި ގާ ފަދަ ތަކެތި އުކާފައިވާ ކަމަށެވެ. އަދި ބިދޭސީން އެއްލި ގާބުރުތަކުން ޖެހި އެ ސަރަހައްދުގައި ހުރި ބައެއް ފިހާރަތކުގެ ބިއްލޫރިތައް ވެސް ތަޅައިގެން ދިޔަ ކަމަށްވެސްވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *