އަދީބަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް މިއަދު ހެނދުނު 10:30ގައި

ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ---

ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހަތް ދައުވާގެ އަޑުއެހުން މިއަދު ހެނދުނު 10:30ގައި ބޭއްވުމަށް ތާވަލް ކޮށްފިއެވެ.

މި މައްސަލައިގެ އަޑުއެހުމެއް މިދިޔަ ބުރާސްފަތި ދުވަހުވެސް ތާވަލުކުރިއެވެ. ނަމަވެސް އެ ދުވަހު އަޑުއެހުން ވަނީ ކެންސަލް ކޮށްފައެވެ. ކްރިމިނަލް ކޯޓުން ބުނީ އަޑުއެހުން ފަސްކުރީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް ޑިސްއިންފެކްޓު ކުރާތީ ކަމަށެވެ.

ޓޫރިޒަމަށް ފަޅުތަކާއި ރަށްތައް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ އަދީބާއި ގާތް ގުޅުމެއް އޮންނަ އެސްއޯއެފް ނަމަކަށް ކިޔާ ކުންފުންޏަށް ޖަމާކޮށް ހިންގި ހިޔާނާތް ތިން ބިލިއަން ރުފިޔާ އަށް އަރައެވެ. އެ އަދަދު އެނގުނީ، ކުރީގެ ސަރުކާރުގެ ހިޔާނާތް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަނުގެ ތަހުގީގުންނެވެ.

ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 29ވަނަ ދުވަހު ބުނީ އަދީބުގެ މައްޗަށް ހަތް ދައުވާއެއް އުފުލީ 2014 އަދި 2015 ގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ކޮރަޕްޝަނާއި ހިޔާނާތާއި މަނީ ލޯންޑަރިންގެ މައްސަލަތަކާ ގުޅިގެން ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަނާއި ރިޔާސީ ކޮމިޝަން ގުޅިގެން ހިންގި ތަހުގީގާ ގުޅިގެންނެވެ. މި ތަހުގީގަށް ފަހު އަދީބުގެ މައްޗަށް ދައުވާކޮށްދޭން ފުލުހުން ހުށަހެޅީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ގައި ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން، އަދީބުގެ މައްޗަށް އުފުލާފައި ވަނީ، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދެ ދައުވާއަކާއި، މަނީ ލޯންޑަރިންގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ.

ޕީޖީއާ އެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން އެ ހަތް މައްސަލައިގައިވެސްް އަދީބު ދައުވާއަށް އިއުތިރާފުވާނެ ކަމަށް މީގެ ކުރިން ކަމާ ބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. އިއުތިރާފުވުމުން އެ ހަތް މައްސަލައިގައި އޭނާގެ މައްޗަށް އެންމެ ގިނަވެގެން އަންނާނީ ޖުމްލަ ވިހި އަހަރުގެ ޖަލު ހުކުމެވެ.

Leave a Reply

Your email address will not be published. Required fields are marked *