11 އަހަރުގެ ކުއްޖާ ރޭޕްކުރި އަނީސްގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލައިފި

11 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލާގައި ހައްޔަރުކޮށްފައިވާ އަނީސް ހިލްމީ ---

އުމުރުން 11 އަހަރުގެ އަންހެން ކުއްޖާ ރޭޕްކުރި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލާފައިވާ ކަމަށް ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ހއ. ބާރަށް، ސިލްސިލާގެ، އަނީސް ހިލްމީއެވެ.

އަނީސް ހައްޔަރުކޮށްފައިވަނީ، މިދިޔަ މަހުގެ 10 ވަނަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ހުށަހެޅުނު، އުމުރުން 11 އަހަރުގެ ކުއްޖަކު ގެސްޓް ހައުސްއަކަށް ގެންގޮސް ރޭޕްކޮށްފައިވާ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިދިޔަ މަހުގެ 12 ވަނަ ދުވަހުގެ 22:13 އެހައިކަންހާއިރު އޭނާ ދިރިއުޅޭ ގޭގައި ހުއްޓައެވެ. ތަހުގީގުގައި މިހާތަނަށް ބެލި ބެލުމުން، އެކުއްޖާ ރޭޕްކޮށްފައި ވަނީ ކުއްޖާ ގްރޫމް ކޮށްގެންކަން އެނގިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ޕްރޮސިކިއުޓަރު ޖެނެރަލް އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަރު އަހުމަދު ޝަފީއު މިއަދު ވިދާޅުވީ އަނީސްގެ މޮބައިލް ފޯނު އެނަލައިޒް ކުރުމުން އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ފެނިފައިވާ މައްސަލާގައި އަނީސްގެ މައްޗަށް ތިން ދައުވާއެއްކޮށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އަނީސްގެ މައްޗަށް އުފުލާފައިވާ ދައުވާތައް: 
1. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ތިންވަނަ މާއްދާގެ ދަށުން، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދަޢުވާ. (އަދަބު: 10 އަހަރާއި 14 އަހަރާ ދެމެދު ޖަލު ހުކުމެއް)
2. ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 123 ވަނަ މާއްދާގެ ދަށުން، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެކުއްޖާ ގްރޫމްކުރުމުގެ ކުށުގެ ދަޢުވާ. (އަދަބު: 10 އަހަރު ޖަލު ހުކުމެއް)
3. ގާނޫނުލްއުގޫބާތުގެ 622 ވަނަ މާއްދާގެ ދަށުން އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދަޢުވާ. (އަސާސީ އަދަބު: 1 މަހާއި 6 ދުވަސް ޖަލު)

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ފަރާތްތަކާއި، ކުޑަކުދިން ރޭޕްކޮށް ބްލެކްމެއިލްކޮށް، ގްރޫމްކުރުވައިގެން ކުށްކުރުމުގައި ކުދިން ބައިވެރިކުރުވައި އަދި ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް އަމަލުކުރާ ފަރާތްތަކާމެދު ޤާނޫނީގޮތުން އެޅެން އޮންނަ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *