އަންހެނުންނާއި ކުޑަކުދިންނަށް ލިބޭ އަނިޔާތަކަށް ހާއްސަ އިސްކަމެއް ދީގެން ހައްލުކުރަން ޖެހޭ: ރައީސް

ރައީސް ސޯލިހު ރަށަކަށް ވަޑައިގަތުމުން މަރުހަބާ ދެންނެވުމުގެ ގޮތުން ތުއްތު ކުއްޖަކު މާބޮނޑިއެއް އަރުވަނީ --

ގެވެށި އަނިޔާގެ މައްސަލަތަކާއި، ކުޑަކުދިންނާއި އަންހެނުންނަށް ކުރިމަތިވާ ޖިންސީ ގޯނާގެ މައްސަލަތަކަކީ ހާއްސަ އިސްކަމެއް ދީގެން ހައްލު ކުރަންޖެހޭ މައްސަލަތަކެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ދުނިޔޭގެ އާބާދީ ދުވަހާއި ގުޅިގެން ފޮނުއްވި ހިތާބެއްގައެވެ. މި އަހަރުގެ އާބާދީ ދުވަހަށް، އދ.ގެ އާބާދީއާ ބެހޭ އިދާރާއިން ކަނޑައަޅާފައިވަނީ "ކޮވިޑް19 ހުއްޓުމަށް: އަންހެނުންނާއި އަންހެން ކުދިންގެ ސިއްހަތު ރައްކާތެރި ކުރާނީ ކިހިނެއް؟" މި ޝިއާރެވެ.

ރައީސް ސޯލިހުގެ ހިތާބުގައި ކޮވިޑް19ގެ ސަބަބުން އެތައް ގައުމެއްގެ އިގްތިސޯދާއި މުޖުތަމައުތަކަށް އެތަކެއް އަސަރުތަކެއް ފޯރާފައިވާ ކަމަށާއި އަދި ހިތްދަތިކަން ތަޖުރިބާކުރަން ނުޖެހޭ އާއިލާއެއް ނެތްކަން ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ކޮވިޑް19 ނުރައްކަލަށް އެންމެ ބޮޑަށް ހުށަހެޅިފައިވާ އެއް ބަޔަކީ އަންހެނުން ކަމަށެވެ. އެއީ އެ ބައްޔާ ދެކޮޅަށް އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ، ސިއްހީ ހިދުމަތްތެރިންގެ ތެރޭގައި ގިނައީ އަންހެނުން ކަމަށްވާތީ ކަމަށާއި ރާއްޖޭގައިވެސް ސިއްހީ ހިދުމަތްތެރިންގެ 70 އިންސައްތައަކީ އަންހެނުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑް19 ޖެހުނު އަންހެނުންގެ އަދަދު މަދުކަމުގައިވިޔަސް، ފުރަބަންދުގެ ސަބަބުން ދިމާވި، އަދި ދިމާވަމުންދާ ގޮންޖެހުންތަކުގެ އަސަރު، އެންމެ ބޮޑަށް ކުރާ ބަޔަކީ އަންހެނުންނާއި އަންހެން ކުދީން ކަމަށް ރައީސް ވިދާޅުވިއެވެ. އާއިލާތައް 24 ގަޑިއިރު ގޭގައި ތިބެންޖެހުމުން، ދަރިންނާއި މައިންބަފައިން ބެލުމާއި، ގޭތެރޭގެ މަސައްކަތްތައް ފަދަ، ގެވެހި ޒިންމާތައް އުފުލަންޖެހޭ މިންވަރު އެތައް ގުނައެއް އިތުރުވި ކަމަށް ރައީސް ވިދާޅުވިއެވެ.

ސިއްހީ ހިދުމަތުގެ ނިޒާމަށްވެސް މި ދުވަސްވަރަކީ ވަރަށް ބާރު ބޮޑު ދުވަސްވަރެއް ކަމަށާއި އޭގެ ސަބަބުން އާންމު ސިއްހަތުގެ ނިޒާމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ހަމަ އެފަދައިން ނަފްސާނީ ދުޅަހެޔޮ ކަމަށްވެސް، ވަރަށް ނޭދެވޭ އަސަރުތައް ފޯރަމުން އަންނަ ކަމަށާއި ގެވެށި އަނިޔާގެ މައްސަލަތަކާއި، ކުޑަކުދިންނާއި އަންހެނުންނަށް ކުރިމަތިވާ ޖިންސީ ގޯނާގެ މައްސަލަތައްވެސް އިތުރުވެއްޖެ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިއީ ހާއްސަ އިސްކަމެއް ދީގެން ހައްލުކުރަން ޖެހިފައިވާ ކަންކަމެވެ." ރައީސް ވިދާޅުވިއެވެ.

ދިވެހިރާއްޖެއަކީ، މި ސަރަހައްދުގެ ގައުމުތަކާ އަޅާބަލާއިރު، ދުޅަހެޔޮ އާބާދީއެއް ބިނާކުރުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ގައުމެއް ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ވިހެއުމުގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން މަރުވާ ނިސްބަތް ވަރަށް ބޮޑަށް ދަށްކުރެވިފައިވާ ކަމަށެވެ. ނަމަވެސް އެ ކާމިޔާބު އެގޮތުގައި ދެމެހެއްޓޭނީ، ކޮވިޑް19 ފަދަ ބޮޑެތި ބަލިތަކާއި އެކުވެސް، ދުޅަހެޔޮ އާބާދީއެއް ބިނާކޮށް، އުފަންވެނި ސިއްހަތަށާއި، އެހެނިހެން އިޖުތިމާއީ ކަންކަމަށް އިސްކަންދީގެން ކަމަށް ރައީސް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *