ރައީސް ޔާމީންގެ އަބުރަށް ހުތުރުވާ ގޮތަށް ހަބަރު ނުފެތުރުމަށް އިލްތިމާސްކޮށްފި

ހައިކޯޓުގައި އޮތް ކުރީގެ ރައީސް ޔާމީންގެ ޝަރީއަތް ނިންމާލުމަށްފަހު އެމަނުކުފާނު އަނބުރާ މާފުށީ ޖަލަށް ގެންދަނީ: ފޮޓޯ / ހަތާވީސް

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ގުޅޭ ގޮތުން ދޮގު ވާހަކަތައް ފެތުރުމާއި އެމަނިކުފާނުގެ އަބުރުފުޅަށް ހުތުރުވާ ފަދައިން ކުރެވޭ ކަންކަމަކީ އަޅާނުލާ ދޫކޮށްލެވޭނެ ކަންކަން ނޫން ކަމަށްވެސް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފިއެވެ.

"ވޮޑަމުލާ ކިޔާ ރަށަށް ނުދަންނަން، އެ ރަށް ދިނީ އަދީބުގެ ދެ ރައްޓެހިންނަށްކަން އެނގޭ: ޔާމީން" މި ސުރުހީގެ ދަށުން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ޝާއިރުކޮށްފައިވާ ހަބަރަކާއި ގުޅިގެން ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން އެ ހަބަރުގައި ހުރި މައުލޫމާތުތައް ދޮގުކޮށް ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ "ވޮޑަމުލާ" ކިޔާ ރަށެއް އޮންނަކަން ރައީސް ޔާމީނަށް ފުރަތަމަ އެނގިވަޑައިގެންނެވީ މައްސަލައިގެ ޝަރީއަތް ކޯޓުގައި ކުރިއަށް ދަނިކޮށް ކަމަށް ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ދަންނަވާފައިވާނެ ކަމަށެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ބުނީ އެ މައްސަލައިގެ ތަހުގީގު ފުލުހުން ކުރިއިރު ވެސް އެ ރަށާއި ގުޅޭގޮތުން އެއްވެސް ސުވާލެއް ރައީސް ޔާމީނާއި ކުރައްވާފައި ނުވާ ކަމަށެވެ. އެ ރަށުގެ ވާހަކަ ދައުލަތުން ފާހަގަކޮށްފައިވަނީ ދައުވާ އުފުލި އަޑުއެހުމުގެ ފަހުން ބޭއްވުނު އެހެން އަޑުއެހުމެއްގައި ކަމަށްވެސް ނޫސްބަޔާނުގައި ބުނެފައިވެއެވެ.

މި މަހުގެ 8 ވަނަ ދުވަހު ހައިކޯޓުގައި އޮތް ޝަރީއަތުގެ މަޖިލީހުގައި އެ ރަށާ ގުޅޭގޮތުން އެމަނިކުފާނު ހާމަކުރެއްވި މައުލޫމާތުތަކަކީ އެ ރަށުގެ މައުލޫމާތު އެނގުނު ފަހުން އެ ރަށުގެ ކަންކަން ހިނގާފައިވާ ގޮތުގެ މައުލޫމާތު އެކިއެކި ފަރާތްތަކުން ހޯދި މައުލޫމާތު އެމަނިކުފާނަށް ވަކީލުން ހިއްސާކުރުމުން މިހާރު ލިބިވަޑައިގެންފައިވާ މައުލޫމާތުތަކެއް ކަމަށް ބަޔާނުގައިވެއެވެ.

ބަޔާނުގައި ރައީސް ޔާމީނާއި ގުޅޭ ގޮތުން ދޮގު ވާހަކަތައް ފެތުރުމާއި އެމަނިކުފާނުގެ އަބުރުފުޅަށް ހުތުރުވާ ފަދައިން ކުރެވޭ ކަންކަމަކީ އަޅާނުލާ ދޫކޮށްލެވޭނެ ކަންކަން ނޫން ކަމަށްވެސް ވަނީ ބުނެފައެވެ. އަދި އެފަދަ ކަންކަމާއި މެދު އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ވަކީލުންގެ ޓީމުން ނެތރެފައިވާ ނޫސްބަޔާނުގައިވެއެވެ.

އެހެންކަމުން ބްރޯޑްކާސްޓްކުރުމާއި މީޑިއާގައި ހަބަރު ފެތުރުމުގެ ސުލޫކީ މިންގަނޑާއި ހިލާފަށް ޔާމީންއާ ގުޅޭގޮތުން ދޮގު މައުލޫމާތު ފަތުރައި، އެމަނިކުފާނުގެ އަބުރުފުޅަށް ހުތުރުވާ ފަދައިން ކުރެވޭ ކަންކަމަކީ އަޅައިނުލައި ދޫކޮށްލެވޭނެ ކަންކަން ނޫންކަމަށްވެސް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *