މީޑިއާތަކަށް ބިރު ދެއްކުން ހުއްޓާލާ: އިދިކޮޅު

އިދިކޮޅު ޕީޕިއެމް އަދި ޕީއެންސީން މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: ފޮޓޯ / މިހާރު

ރާއްޖޭގެ މީޑިއާތަކަށް ބިރު ދެއްކުމުގެ ގޮތުން ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން ހިންގާ އަމަލުތައް ކުށްވެރިކޮށް އެ އަމަލުތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލައިފިއެވެ.

އެ ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މީޑިއާތައް ޖޫރިމަނާ ކުރެވޭނެ ގަވާއިދެއް ހެދުމަށްފަހު ވަކި ތާރީހެއްގެ ކުރިން މަޖިލީހަށް ފޮނުވުމަށް އެ އިދާރާއިން މީޑިއާ ކައުންސިލަށް ފޮނުވާފައިވާ ސިޓީއާ ގުޅިގެން ކަންބޮޑުވާ ކަމަށެވެ.

އަދި މިއީ މިނިވަން މީޑިއާ އަށް ހުރަސްއަޅާ މީޑިއާތަކަށް ބިރުދެއްކުމުގެ ގޮތުން ކުރިއަށްގެންދާ ވަރަށް ނުރައްކާތެރި ކަންތައްތަކެއްގެ ފެށުން ކަމަށް އިދިކޮޅުން ބުނެއެވެ.

އެގޮތުން މިހާރު ރާއްޖޭގައި ހިނގަމުންދާ އެކި ކަންކަމާ ގުޅޭގޮތުންނާއި، ދާދިފަހުން ކެންޔާ އަންހެނަކު ސަފާރީއެއްގައި ރޭޕްކޮށް، ސިޔާސީ ނުފޫޒުގަދަ ބަޔަކު ހިންގާފައިވާ އަމަލުތަކާ ބެހޭގޮތުން ރިޕޯޓުކޮށްފައިވާ މީޑިއާތަކަށް އަމާޒުކޮށް، އެ މީޑިއާތަކުގެ މައްސަލަތައް ބެލުންފަދަ ކަންކަން ހިންގުމަކީ މިނިވަން ނޫސްވެރިކަމެއް އޮންނަންޖެހޭނެ ކަމަށް ބުނެ އަޑުގަދަކުރި ފަރާތްތަކުން ހިންގާ ދަށު ދަރަޖައިގެ އަދި ޑިމޮކްރެސީއާ ބީރަށްޓެހި އަމަލެއް ކަމަށްވެސް ބުނެފައިވެއެވެ.

މީގެއިތުރުން އިދިކޮޅުން ވަނީ މިނިވަންކަމާއެކު ވަކި އަތަކަށް ނުޖެހި ހަބަރާ މައުލޫމާތު ރައްޔިތުންނާ ހަމައަށް ގެނެސްދިނުމުގެ ފުރުސަތު ދައުލަތުގެ ހުރިހާ މުއައްސަސާތަކުން ވެސް ފަހިކޮށްދޭންޖެހޭ ކަމަށްވެސް ބުނެފައެވެ. ނަމަވެސް މައުލޫމާތު ހާމަކުރުމުގައި ސަރުކާރުން މީޑިއާތަކަށް ތަފާތުކުރުން ގެންގުޅޭ ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

އަދި މީޑިއާ ކައުންސިލަކީ މީޑިއާގެ މައްސަލަތައް ބަލާ މިނިވަން މުއައްސަސާއަކަށް ވާއިރު، އެ ކައުންސިލްގެ މަސައްކަތްތައް ވަކި ގޮތަކަށް ގެންދިޔުމަށް މަޖިލީހުން ބާރުފޯރުވުމަކީ މިއަދުގެ ސަރުކާރުން ވަރަށް ބޮޑަށް މީޑިއާތައް ކޮންޓްރޯލް ކުރުމަށް އަމާޒު ހިފާފައިވާ ކަމުގެ ހެތްކެއް ކަމަށްވެސް އިދިކޮޅުން ވަނީ ބުނެފައެވެ.

އެހެންކަމުން މީޑިއާތަކަށް ބިރުދައްކާ، މީޑިއާތަކުގެ އަނގަ ބަންދުކުރުމަށް ސަރުކާރާ، މަޖިލީހުން ކުރަމުންދާ މަސައްކަތް ހުއްޓާލުމަށާއި، ވަކިވަކި މީޑިއާތަކަށް އަމާޒުކޮށް ކުރަމުންދާ ފުރައްސާރަ ހުއްޓާލަން ގޮވާލާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ކޯލިޝަނުން މިފަދައިން ބުނެފައިވާއިރު މީޑިއާތަކާ މެދު ފިޔަވަޅު އެޅޭނެ އިޖުރާއަތުތައް ގަވާއިދުގައި ހިމެނުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މޯލްޑިވްސް މީޑިއާ ކައުންސިލްގެ މައްޗަށް ވަނީ އަންގާފައެވެ.

މި މަހުގެ ފުރަތަމަ ދުވަހު މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ ސޮއިކޮށް ސޮއިކުރައްވާ މީޑިއާ ކައުންސިލްގެ ރައީސް ހިދާޔަތުﷲ އަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ ދާދިފަހުން ހުޅުމާލެ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކޮށްފައިވާ ކަމަށް ބުނާ މައްސަލާގައި އަނިޔާ ލިބުނު ފަރާތުން މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ބުނެ ތަފާތު އެކި ގޮތް ގޮތަށް ބައެއް މީޑިއާތަކުން ހަބަރު ފަތުރަމުން ގެންގޮސްފައިވާ ކަމަށެވެ.

އެކަމުގެ ސަބަބުން އާއްމުންގެ ތެރޭގައި ނުތަނަވަސްކަން އުފެދެމުންދާ ކަމަށް ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން ފާހަގަކުރާ ކަމަށް މަޖިލީހުގެ އަމީން އާއްމު ފޮނުވާފައިވާ ސިޓީގައި ވިދާޅުވެފައިވެއެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ހަގީގަތާ ހިލާފު ހަބަރުތައް އެއްވެސް މީޑިއާއަކުން ފަތުރާފައިވާ ނަމަ، އެކަން ބަލައި ދެއްވުމަށް އެ ކޮމިޓީން އެދިވަޑައިގަންނަވާ ކަމަށް މަޖިލީހުގެ އިދާރާ އިން ފޮނުވި ސިޓީގައި ބުންޏެވެ.

Leave a Reply

Your email address will not be published. Required fields are marked *