އެތައް ދުވަހެއް ފަހުން ހުކުރު ނަމާދު ކުރެވެން ފެށުމުން ޝުކުރު ކުރުމަށް ގޮވާލައިފި

ހުކުރު ހުތުބާ އަޑުއެހުން/ ފޮޓޯ- އިސްލާމިކް މިނިސްޓްރީ

ކޮވިޑް19އާ ގުޅިގެން މާލެ ސަރަހައްދުގައި ހުކުރު ކުރުން މެދު ކަނޑާލުމަށް އޮތުމަށްފަހު އަލުން ހުކުރު ކުރަން ފެށުމުން އެކަމަށް ޝުކުރު އަދާ ކުރުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.

މިއަދުގެ ހުކުރު ހުތުބާގެ މައުޟޫ އަކީ "ނިއުމަތަށް ޝުކުރު ކުރުން" މިއެވެ. މާތް ﷲ ދެއްވާފައިވާ ނިއުމަތްތަކަށް ޝުކުރު ވެރިވުމަށް ހަނދާން ކުރުމަށް ގޮވާލާފައިވާ މި ހުކުރު ހުތުބާގައި ބުނެފައި ވަނީ މާތްﷲ ދެއްވާފައިވާ އެންމެ ބޮޑު ނިއުމަތަކީ އިސްލާމްކަމުގެ ނިއުމަތް ކަމަށެވެ.

ދިވެހި ފަސްގަނޑަކީ ސައްތައިން ސައްތަ މުސްލިމް ގައުމެއްކަން ފާހަގަކޮށް ހުތުބާގައި ވަނީ އެކަން ކުރުމަށްޓަކައި ކާބަފައިން ނުހަނު ބޮޑު ގުރުބާނީއެއް ވެފައިވާކަމަށާއި މި ގައުމު މުސްލިމު ގައުމެއްގެ ގޮތުގައި ބޭއްވުމަށް ކޮންމެ ފަރުދަކުވެސް މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ

އެތައް ދުވަހެއް ފަހުން މިއަދު ހުކުރު ނަމާދު މިސްކިތްތަކުގައި ކުރެވޭތީ އެކަމަށް ޝުކުރުވެރިވުމަށާއި މިހާރު ކޮވިޑް19 ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދިންނަމަވެސް ކުރިއަށް އޮތް ތަނުގައިވެސް އާއްމު ސިއްހަތު ހެޔޮ ގޮތުގައި ދެމެހެއްޓުމަށްޓަކައި ތޮއްޖެހިގެން ނޫޅުމަށް ހުތުބާގައި ވަނީ ގޮވާލައްވާފައެވެ. ގިނަގިނައިން އަތް ދޮވުމާއި، ޢާއްމު ސާފުތާހިރުކަމާއި، ގައިދުރުކަމާއި، މާސްކު އެޅުން ފަދަ ކަންކަމަށް ސަމާލުވުން އިންތިހާ ދަރަޖައަށް މުހިއްމުކަން ވެސް ޚުތުބާގައި ވަނީ ފާހަގަކުރައްވާފައެވެ.

"ލޮލަށް ނުފެންނަ ކުޑަ ކުޑަ މަހުލޫގެއްގެ ސަބަބުން، ބިރުވެރިކަމާއި ނާމާންކަން ވެރިވެ، އާއްމު ހިދުމަތްތައް ހުއްޓި އިގްތިސޯދީ ގޮތުން ބޮޑު ގެއްލުމަކާ ކުރިމަތިވުމުން، އިންސާނުންނަށް ލިބިގެން ދިޔައީ ކޮންފަދަ ބޮޑު އިބުރަތްތެރި ފިލާވަޅެއް ހެއްޔެވެ." ޚުތުބާގައި ވިދާލުޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *