ޖޫރިމަނާ ކުރާ ގޮތަށް ގަވާއިދު ބަދަލުކުރަން އުޅެނީ ބިރުދައްކަން: އެޑިޓަރުން

ރޭ ބޭއްވި އެޑިޓަރުންގެ ބައްދަލުވުމުގައި "ސަން" އޮންލައިންގެ ޗީފް އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ) ވާހަކަދައްކަވަނީ: ފޮޓޯ / ސަން

މީޑިއާތައް ޖޫރިމަނާ ކުރާ ގޮތަށް ގަވާއިދު ބަދަލު ކުރުމަށް އުޅެނީ މީޑިއާތަކަށް ބިރުދެއްކުމަށް ކަމަށް ނޫސް މަޖައްލާތަކުގެ އެޑިޓަރުން ވިދާޅުވެއްޖެއެވެ.

މީޑިއާތަކުގެ އެޑިޓަރުން މިފަދައިން ވިދާޅުވެފައި މިވަނީ މީޑިއާތަކާ މެދު ފިޔަވަޅު އެޅޭނެ އިޖުރާއަތުތައް ގަވާއިދުގައި ހިމެނުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މޯލްޑިވްސް މީޑިއާ ކައުންސިލްގެ މައްޗަށް އަންގާފައިވާތީއެވެ.

މި މަހުގެ ފުރަތަމަ ދުވަހު މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ ސޮއިކޮށް ސޮއިކުރައްވާ މީޑިއާ ކައުންސިލްގެ ރައީސް ހިދާޔަތުﷲ އަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ ދާދިފަހުން ހުޅުމާލެ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކޮށްފައިވާ ކަމަށް ބުނާ މައްސަލާގައި އަނިޔާ ލިބުނު ފަރާތުން މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ބުނެ ތަފާތު އެކި ގޮތް ގޮތަށް ބައެއް މީޑިއާތަކުން ހަބަރު ފަތުރަމުން ގެންގޮސްފައިވާ ކަމަށެވެ.

އެކަމުގެ ސަބަބުން އާއްމުންގެ ތެރޭގައި ނުތަނަވަސްކަން އުފެދެމުންދާ ކަމަށް ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން ފާހަގަކުރާ ކަމަށް މަޖިލީހުގެ އަމީން އާއްމު ފޮނުވާފައިވާ ސިޓީގައި ވިދާޅުވެފައިވެއެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ހަގީގަތާ ހިލާފު ހަބަރުތައް އެއްވެސް މީޑިއާއަކުން ފަތުރާފައިވާ ނަމަ، އެކަން ބަލައި ދެއްވުމަށް އެ ކޮމިޓީން އެދިވަޑައިގަންނަވާ ކަމަށް މަޖިލީހުގެ އިދާރާ އިން ފޮނުވި ސިޓީގައި ބުންޏެވެ.

ރޭ ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ބޭއްވި ބައްދަލުވުމެއްގައި އެޑިޓަރުން ވިދާޅުވީ "ވަންއޮންލައިން"ގެ ޗީފް އެޑިޓަރު ސިނާން އަލީ ވިދާޅުވީ ގަވާއިދަށް ބަދަލު ގެނައުމަށް މޯލްޑިވްސް މީޑިއާ ކައުންސިލަށް ރައްޔިތުންގެ މަޖިލީހުން އެންގި އެންގުން ސިފަ ކުރަނީ ބިރު ދެއްކުމުގެ އަމަލެއްގެ ގޮތުގައި ކަމަށެވެ. މީޑިއާތަކުގެ މައްސަލަތައް ބެލެމުގެ އިންތިޒާމުތައް އެ ކައުންސިލްގައި ހަމަޖެހިފައި އޮންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ގާނޫންގެ ތެރެއިން އުސޫލުތަކެއް އެބަހުއްޓޭ. އެ އުސޫލުތަކުގެ ތެރެއިންނޭ އެކަންކަން ހިނގަން ޖެހޭނީ. އެއީ މީޑިއާ ވެސް ބަލައިގަންފައި އޮތް މީޑިއާ ވެސް ރެޕްރެޒެންޓިވްވާގޮތަށް ހެދިފައި އޮތް ބޮޑީތަކެއް. އޭގެ ބޭރުން ބިރުދެއްކުމުގެ އަމަލެއްގެ ގޮތުގައި އެކަން ކުރެވިގެން ނުވާނެ،" ސިނާން ވިދާޅުވިއެވެ.

"ސަން އޮންލައިން"ގެ ޗީފް އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ) ވިދާޅުވީ ވަކި ބަޔަކު ޖޫރިމަނާ ކުރަން ބުނުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް ބައެއް މީޑިއާތަކަށް ސިޓީތައް ފޮނުވަމުން އަންނަކަން ފާހަގަކުރައްވާ ހިރިގާ ވިދާޅުވީ އެ މައްސަލަ [ސަފާރީ ކޭސް] ނޫހެއްގެ އޮތްކަމަށް ބުނެ ބްރޯޑްކާސްޓްކުރާ ކަމަށް ވަންޏާ އެ މައްސަލަ ބައްލަަވާ ވާހަކަ ބްރޯޑްކޮމް އިން މީޑިއާތަކަށް އަންގަމުން އަންނަ ކަމަށެވެ.

"އެއީ ބިރުދެއްކުމުގެ އަމަލެއް އިނގޭތޯ. އެއީ އަޅުގަނޑުމެން ބަލައިގަންނަކަމެއް ނޫން. ފްރީ މީޑީއާއެއްވެއްޖިއްޔާ އެ ފްރީޑަމް މީޑީއާގައި އޮންނަން ޖެހޭނެ،" ހިރިގާ ވިދާޅުވިއެވެ.

"އަވަސް އޮންލައިންގެ" ޗީފް އެޑިޓަރު އާދަމް ހަލީމް (މުންޑޫ) ވިދާޅުވީ އެއް ނޫހަކުން ނުވަތަ ޗެނަލެއްގެ ކޮންޓެއްޓެއް އަނެއް ނޫހަކުން ބޭނުންކުރަމަކީ ތަހުޒީބީ އަމަލެއް ކަމަށެވެ.

އާމީންއާންމުގެ ސިޓީގައި ބުނެފައި ވަނީ އެ ބައްދަލުވުމުގައި، ވަކި ގާނޫނެއްގެ ދަށުން ގަވާއިދު ހެދުމުގެ ބާރު ވަކި ފަރާތަކަށް ދީފައިވާ ނަމަ، އެހެން ގޮތަކަށް އެ ގާނޫނުގައި ބަޔާންކޮށްފައި ނުވާހާ ހިނދަކު، ގަވާއިދު ހެދުމަށް ދެވޭ ބާރުތަކުގެ ތެރޭގައި، އެ ގަވާއިދާ ހިލާފުވެއްޖެ ނަމަ 2،000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމަށް އެ ގަވާއިދުގައި ހިމެނިދާނެ ކަމަށް މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *