ހިޔާ މަޝްރޫއާ ގުޅޭ ގޮތުން ޑރ. މުއިއްޒު މަޖިލީހުގެ ކޮމެޓީއަށް ހާޒިރު ކުރަނީ

ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ---

ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރައްޔިތުން މަޖިލީހުގެ ކޮމެޓީއަކަށް ހާޒިރު ކުރުމަށް ނިންމައިފިއެވެ.

ޑރ. މުއިއްޒު މަޖިލީހުގެ ކޮމެޓީއަކަށް ހާޒިރު ކުރުމަށް ނިންމާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރި ފްލެޓް ތަކާ ގުޅޭ މައުލޫމާތު ހޯދުމަށެވެ. އެމަނިކުފާނު ހާޒިރު ކުރުމަށް ނިންމާފައި ވަނީ މަޖިލީހުގެ ގައުމީ ތަރައްގީއާ ތަރިކައިގެ ކޮމެޓީއަށެވެ.

މުއިއްޒު ވަނީ އޭނާގެ ފަރާތުން މަޖިލީހަށް ދޭންޖެހޭ އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

މީގެކުރިންވެސް މުއިއްޒު ވަނީ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ހާޒިރު ކޮށްފައެވެ. އެއީ ބަދަލުގެ ގޮތުގައި ނޫމަޑި ރިސޯޓްސް އެންޑް ރެސިޑްންސްއަށް 845 މިލިއަން ރުފިޔާ ދިން މައްސަލާގައި މައުލޫމާތުގައެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ރައީސް ޔާމީންގެ ސަރުކާރުން އިމާރާތް ކޮށްފައިވާ "ހިޔާ މަޝްރޫއު" ގެ ދަށުން 7000 ފްލެޓު ވަނީ އަޅާފައެވެ. މި ސަރުކާރުން ވަނީ އޭގެ ތެރެއިން ބައެއް ފްލެޓްތައް މަދުކޮށްފައެވެ. އެގޮތުން މި ސަރުކާރުން ވަނީ ފްލެޓުތަކުގެ އަދަދު 6،860 އަށް ތިރިކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *