ޖޭޕީގެ ރައީސްކަމުން ވެސް އިސްތިއުފާ ދިނުމަށް އަލީ ވަހީދަށް އަންގައިފި

ޖޭޕީގެ ލީޑަރު ގާސިމް އަދި އެޕާޓީގެ ރައީސް އަލީ ވަހީދު --

މަގާމުން މިއަދު ވަކި ކުރެއްވި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ސަރުކާރު ހިންގާ ކޯލިޝަން ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރައީސްގެ މަގާމުންވެސް އިސްތިއުފާ ދެއްވުމަށް އަންގައިފިއެވެ.

ޖުމްހޫރީ ޕާޓީގެ އޮފިޝަލަކު މިރޭ "ހަތާވީސް އޮންލައިން" އަށް ވިދާޅުވީ ޖޭޕީގެ ރައީސްގެ މަގާމުން އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް ގާސިމް އަލީ ވަހީދުގެ ކިބައިން އެދިވަޑައިގެންފައިވާ ކަމަށެވެ. އޭނާގެ ކިބައިން އެގޮތަށް ގާސިމް އެދިވަޑައިގެންފައި މިވަނީ އަލީ ވަހީދުގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކުރެވިފައި ވާތީއެވެ.

ޓޫރިޒަމް މިނިސްޓަރުގެ މަގާމުން އަލީ ވަހީދު ވަކި ކުރެއްވުމުގެ ކުރިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުވެސް ވަނީ އޭނާ މަގާމުން އިސްތިއުފާ ދެއްވުމަށް އެދިވަޑައިގެންފައެވެ. ނަމަވެސް އަލީ ވަހީދު މަގާމުން އިސްތިއުފާ ދެއްވާފައި ނުވާތީ ރައީސް ސޯލިހު މިއަދު ވަނީ އަލީ ވަހީދު މަގާމުން ވަކި ކުރައްވާ އެ މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އާއި ހަވާލުކުރައްވާފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެފަދަ އަހްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައި ވާކަމުގެ ޝަކުވާ އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާއަށާއި ޖެންޑާ މިނިސްޓްރީ އަށް ހުހަޅާފައިވާ ކަމަށެވެ.

އަލީ ވަހީދާ ގުޅިގެން ހުށަހަޅާފައިވަނީ ކޮން ޝަކުވާއެއް ކަމެއް ހޫދު ހާމައެއް ނުކުރައްވައެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އަލީ ވަހީދަށް ކުރަނީ ޖިންސީ ފުރައްސައިގެ މައްސަލަތަކެކެވެ. އެ މައްސަލަ މިހާރު ފުލުހުންނަށް ވެސް ވަނީ ހުށަހަޅާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *