ފުލުހުންގެ ބައެއް އިސް މަގާމުތަކަށް ބަދަލުތަކެއް ގެނެސްފި

ފުލުހުންގެ އަހަރީ ދުވަހާއި ގުޅިގެން ބޭއްވި ރަސްމިއްޔާތެއްގައި ކޮމިޝަނަރު ޕޮލިސް މުހައްމަދު ހަމީދު ހިމެނޭހެން ގިނަ އަދަދެއްގެ ފުލުހުން ސެލިއުޓަށް އަތް ނަގައިގެން: ފޮޓޯ / ރައީސް އޮފީސް

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބައެއް ޑިޕާޓްމަންޓްތަކުގެ އިސްމަޤާމުތަކަށް ބަދަލު ގެންނަވައިފިއެވެ.

އެގޮތުން ގެނެސްފައިވާ ބަދަލުތަކަކީ ރިސޯސް މެނޭޖްމަންޓުގެ ހެޑްގެ މަގާމަށް އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް އައްޔަންކުރެއްވުމާއި ޑިވިޝަނަލް ޕޮލިސިން ކޮމާންޑުގެ ހެޑްގެ މަގާމަށް އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަލީ ރަޝީދު އައްޔަންކުރެއްވުމުގެ އިތުރުން ޑިވިޝަނަލް ޕޮލިސިން ކޮމާންޑުގެ ނޮދަން ޑިވިޝަންގެ ހެޑްގެ މަގާމަށް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އާސިމް އަބްދުﷲ އައްޔަންކުރެއްވުމެވެ.

ރިސޯސް މެނޭޖްމަންޓުގެ ހެޑްގެ މަގާމަަށް އައްޔަންކުރެއްވި އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޟް ކުރިން ހުންނެވީ ކޮވިޑް19 އޮޕަރޭޝަނާ ގުޅިގެން ވަގުތީ ގޮތުން މާލެ ސަރަހައްދު ހިމެނޭ ސެންޓްރަލް ޕޮލިސިން ކޮމާންޑުގެ ހެޑްގެ ގޮތުގައެވެ. އަދި ޑިވިޝަނަލް ޕޮލިސިން ކޮމާންޑުގެ ހެޑްގެ މަގާމަށް އައްޔަންކުރެއްވި އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް އަލީ ރަޝީދު ކުރިން ހުންނެވީ ރިސޯސް މެނޭޖްމަންޓްގެ ހެޑް މަގާމުގެ އިތުރުން ކޮވިޑް19 އާއި ގުޅިގެން ޑިވިޝަނަލް ޕޮލިސް ކޮމާންޑުގެ ހެޑްގެ ގޮތުގައި ހުންނެވި އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޟް ސެންޓްރަލް ޕޮލިސިން ކޮމާންޑާއި ހަވާލުވެލެއްވުމުން، އެކޮމާންޑުގެ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ކަމަށް ފުލުހުން ބުނެއެވެ.

ޑިވިޝަނަލް ޕޮލިސިން ކޮމާންޑުގެ ނޮދަން ޑިވިޝަންސްގެ ހެޑްގެ މަގާމަށް އައްޔަންކުރެއްވި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އާސިމް އަބްދުﷲ ކުރިން ހުންނެވީ ޑިވިޝަނަލް އޮޕަރޭޝަންސް ކޮމާންޑުގެ ދަށުން ހިންގަމުންއައި ޑިވިޝަނަލް އޮޕަރޭޝަން ކޮމާންޑްގެ ސަޕޯޓް ސާވިސްގެ ހެޑްގެ މަގާމުގައެވެ.

މީގެއިތުރުން، ކޮވިޑް 19 އާގުޅިގެން އެންއޯއީސީގައި ފުލުހުން އަދާކުރަމުންދިޔަ ދައުރު ނިމުމާ ގުޅިގެން އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއިލް ނަވީން ވަނީ ކުރިންވެސް ހުންނެވި ސެންޓްރަލް ޕޮލިސިން ކޮމާންޑްގެ ހެޑްގެ މަގާމަށް އައްޔަންކުރައްވާފައެވެ. އަދި ސެންޓްރަލް ޕޮލިސިން ކޮމާންޑްގެ ދަށުން ހިންގަމުންދާ މާލޭ ސިޓީ ޕޮލިސްގެ ހެޑްގެ މަގާމަށް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވަނީ އައްޔަން ކުރައްވާފައެވެ. ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް ކުރިން ހުންނެވީ ނޮދަން ޑިވިޝަންސްގެ ހެޑްގެ މަގާމުގައެވެ.

ރިސޯސް މެނޭޖްމަންޓަކީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ފައިނޭންސް، ހިއުމަން ރިސޯސް އަދި އިންޖިނިއަރިން އެންޑް މެކޭނިކަލް ސާވިސް ޑިޕާޓްމަންޓް ހިމެނޭ ޑައިރެކްޓަރޭޓެވެ. އަދި ޑިވިޝަނަލް ޕޮލިސިން ކޮމާންޑަކީ މާލެ ފިޔަވައި، އަތޮޅުތަކުގައި ދެވޭ ފުލުހުންގެ ހިދުމަތާއި ގުޅޭ ކަންކަން ބަލަހައްޓާ ކޮމާންޑެވެ. ސެންޓްރަލް ޕޮލިސިން ކޮމާންޑަކީ މާލެ، ހުޅުމާލެ، ވިލިމާލެ ހިމެނޭގޮތަށް މާލެ ސަރަހައްދުގެ ޕޮލިސްއާއި ގުޅޭ ކަންކަން ބެލެހެއްޓުމާއި، އޮޕަރޭޝަނަލް ސަޕޯޓުގެ ޑިޕާޓްމަންޓުތައް ހިމެނޭ ކޮމާންޑެވެ.

މި ބަދަލުތައް ގެނެސްފައި މިވަނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ސްޓްރެޓިޖިކް ޕްލޭން 2019 އިން 2023 ގެ ދަށުން ސްޓްރެޓީޖިކް ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ކަމަށް ފުލުހުން ބުންޏެވެ.

Leave a Reply

Your email address will not be published. Required fields are marked *