ޓޫރިޒަމްގެ ޕޮލިސީ ޑައިރެކްޓަރުގެ މަގާމުގައި ހުރި ހައްސާން ވެސް މަގާމުން ވަކިކޮށްފި

މަގާމުން ވަކިކުރި ހައްސާން އަލީ ވަހީދާއި އެކު ---

ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ކުރިން ހުންނެވި އަލީ ވަހީދުގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް ކުރެވުމާއި އެކު އޭނާ މަގާމުން ވަކިކޮށްފައިވާއިރު އެ މިނިސްޓްރީގެ ޕޮލިސީ ޑައިރެކްޓަރަކަށް ހުރި މުހައްމަދު ހައްސާން ވެސް މަގާމުން ވަކިކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި ހައްސާނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެންމެ ފަހުން ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި މޫސާ ޒަމީރުގެ ކޮއްކޮއެކެވެ. އަދި ހައްސާން އެ މަގާމުގައި ހުރީ ކުރީ ސަރުކާރުން އޭނާ އެމަގާމަށް އައްޔަން ކުރި ގޮތަށެވެ. އޭނާ އަކީ އަލީ ވަހީދާ ވަރަށް ގާތް ބޭފުޅެއް ކަމަށްވެއެވެ.

ނަމަވެސް ހައްސާން ވަކިކުރި ސަބަބެއް ނޭނގެއެވެ. ރަސްމީ އެއްވެސް އިދާރާއަކުން އެކަމާއި ގުޅޭ ގޮތުން ޖަވާބެއް ނުދެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެފަދަ އަހްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައި ވާކަމުގެ ޝަކުވާ އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާއަށާއި ޖެންޑާ މިނިސްޓްރީ އަށް ހުހަޅާފައިވާ ކަމަށެވެ.

އަލީ ވަހީދާ ގުޅިގެން ހުށަހަޅާފައިވަނީ ކޮން ޝަކުވާއެއް ކަމެއް ހޫދު ހާމައެއް ނުކުރައްވައެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އަލީ ވަހީދަށް ކުރަނީ ޖިންސީ ފުރައްސައިގެ މައްސަލަތަކެކެވެ. އެ މައްސަލަ މިހާރު ފުލުހުންނަށް ވެސް ވަނީ ހުށަހަޅާފައެވެ.

އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް ރައީސް އެންގެވި ނަމަވެސް އޭނާ އިސްތިއުފާ ނުދެއްވުމުން މިއަދު ރައީސް ސޯލިހު ވަނީ މިއަދު އޭނާ މަގާމުން ވަކި ކުރައްވާފައެވެ. އަދި ޓޫރިޒަމް މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުން ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އަށް ވަނީ ހަވާލު ކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *