ސިފައިންނާއި ފުލުހުންގެ ފްލެޓުގެ މަސައްކަތުގައި ޖަރީމާތަކެއް އެބަ ހިނގާ: ޔައުގޫބު

ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ މަޖިލީހުގެ ޖަލްސާއެއްގައި: ފޮޓޯ / މަޖިލިސް

ސިފައިންނާއި ފުލުހުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި އަޅަމުން އަންނަ ފްލެޓްތަކުގެ މަސައްކަތުގައި "ޖަރީމާ"ތަކެއް އެބަ ހިނގާ ކަމަށް ދާންދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު ޔައުގޫބު އަބްދުﷲ ތުހުމަތު ކުރައްވައިފިއެވެ.

ސިފައިންނާއި ފުލުހުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި އަޅަމުން އަންނަ ފްލެޓްތަކުގެ މަސައްކަތް ދަނގެތީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ހިއްސާ އޮންނަ އާރުސީސީއާ ހަވާލުކުރަން ނިންމާފައިވާ ކަމަށް މިއަދު ރާއްޖޭގެ މީޑިއާއެއްގައި ވަނީ ރިޕޯޓު ކޮށްފައެވެ. އެކަން އެގޮތަށް ކުރާކަން ހާމަކޮށްފައި ވަނީ ތައިލެންޑްގެ ކޮންޓްރެކްޓަރު، އައިލެންޑް އެކްސްޕާޓާއި ހަވާލާދީއެވެ.

އާރްސީސީ އަށް އެ މަސައްކަތް ކުރުމަށް ހަވާލު ކުރަން ނިންމާފައިވާއިރު މިދިޔަ އާދީއްތަ ދުވަހު ހުޅުމާލޭގައި ވަނީ ސިފައިންނާއި ފުލުހުންނަށް ހުޅުމާލޭގައި ހަދާ ފްލެޓްތަކުގެ މަސައްކަތް ކުރާ އައިލެންޑް އެކްސްޕާޓްގެ ބިދޭސީ މުވައްޒަފުންނަށް މުސާރަ ނުދޭ ކަމަށް ބުނެ އެ މީހުން މުޒާހަރާ ކޮށްފައެވެ. އެ ބިދޭސީން މުޒާހަރާކޮށްފައި ވަނީ، އެ މީހުންނަށް އަށް މަސް ދުވަހުގެ މުސާރަ ނުދޭ ކަމަށް ބުނެއެވެ.

އެ މަސައްކަތް ހަވާލުކޮށްފައިވާ އައިލެންޑް އެކްސްޕާޓު ކުންފުނިން ބުނެފައިވަނީ އެ ފްލެޓުތަކުގެ މަސައްކަތް ނުނިމި އެ ކުންފުންޏަށް ބޮޑެތި ގެއްލުންތައް ވަމުން އަންނަ ކަމަށެވެ. އެހެންކަމުން ސަބް ކޮންޓްރެކްޓަރަކާއި މަސައްކަތް ހަވާލު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެ ސަބް ކޮންޓްރެކްޓަރަކީ އާރްސީސީއެވެ. އަދި މިހާރު ހަމައެކަނި ބޭނުން ވަނީ ފުލުހުންގެ ތެރޭގައި އުފައްދާފައި އޮންނަ ޕޮލްކޯ އާއި ސިފައިންގެ ސިފްކޯގެ ހުއްދައެވެ.

އެކަމާއި ގުޅިގެން ޔައުގޫބު ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ ސިފައިންނާއި ފުލުހުންގެ ފްލެޓުތަކުގެ މަސައްކަތުގައި ގޮތް ނޭނގޭ ބޮޑެތި ޖަރީމާތަކެއް އެބަ ހިނގާ ކަމަށެވެ. ފުލުހުންގެ ތެރޭގައި އުފައްދާފައި އޮންނަ ޕޮލްކޯ އާއި ސިފައިންގެ ސިފްކޯ ކޮންޓެރްކްޓަރާއި ގުޅިގެން ހިންގާ ޖަރީމާއިން ފުލުހުންނާއި ސިފައިން ސަލާމަތް ކުރާނަން ކަމަށް ޔައުގޫބު ވިދާޅުވިއެވެ.

"އެކަން ކުރާނީ މަޖިލިސް ތެރެއިން، އެމްޑީޕީ މެންބަރުން. ފުލުހުންނާއި ސިފައިން މިކަމަށް ސަމާލުވެ ތިއްބެވުމަށް އެދެން،" ޔައުގޫބުގެ ޓްވީޓުގައި ވިދާޅުވިއެވެ.

ސިފައިންނާއި ފުލުހުންގެ ފްލެޓުތައް އިމާރާތް ކުރުމަށް އާރްސީސީ އާއި އައިލެންޑު އެކްސްޕާޓާއި އެކުގައި ކުރަންޖެހޭ މަޝްވަރާތައް ނިމިފައިވާ ކަމަށް އާރްސީސީގެ ޗެއާމަން އަދި އެ މަސައްކަތް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި ހަވާލުކުރިއިރު ޑިފެންސް މިނިސްޓަރަކަށް ހުންނެވި މިހާރުގެ ދަނގެތި ދާއިރާގެ މެންބަރު ނާޒިމް ވަނީ ވިދާޅުވެފައެވެ. ޕޮލްކޯ އާއި ސިފްކޯގެ ހުއްދަ ލިބުމުން އެ މަސައްކަތާއި ހަވާލުވާނެ ކަމަށްވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *