އަދީބަށް ގުޅީ ކެމްޕެއިނަށް ލިބިފައިވާ ފަސް މިލިއަން ޑޮލަރު ހޯދަން: ރައީސް ޔާމީން

ހައިކޯޓުގައި އޮތް ކުރީގެ ރައީސް ޔާމީންގެ ޝަރީއަތް ނިންމާލުމަށްފަހު އެމަނުކުފާނު އަނބުރާ މާފުށީ ޖަލަށް ގެންދަނީ: ފޮޓޯ / ހަތާވީސް

ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބަށް ތަކުރާރުކޮށް ގުޅުއްވާފައި ވާނީ ގއ. މޮޑެމުލާގެ އިކުއިޒިޝަން ކޮސްޓުގެ ފައިސާ ހޯދާކަން ނޫން ކަމަށާއި އެމަނިކުފާނަށް ގުޅާފައި ވާނީ ކެމްޕެއިން އަށް ލިބުނު ފަސް މިލިއަން ޑޮލަރު ހޯދަން ކަމަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ހައިކޯޓުގައި މިއަދު ބޭއްވި އިސްތިއުނާފު ޝަރީއަތުގެ އަޑުއެހުމުގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެ ފައިސާ ހުރީ އަދީބުގެ އަތްޕުޅުގައި ކަމަށެވެ. އެ ފައިސާ އާއި ހަވާލުވާން ދިޔައީ އަދީބާއި އޭރުގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ކަމަށް ވެސް ރައީސް ޔާމީން މިއަދު ވިދާޅުވިއެވެ. މީގެކުރިންވެސް އެމަނިކުފާނު ވަނީ ސިޔާސީ މަސައްކަތް ކުރުމަށް އެމަނިކުފާނަށް ފަސް މިލިއަން ޑޮލަރު ލިބިވަޑައިގެންނެވި ކަމަށް ވިދާޅުވެފައިވެއެވެ. ނަމަވެސް އެ ފައިސާ އަކީ ކޮންތަނަކުން ލިބިވަޑައިގެންނެވި ފައިސާއެއް ކަމެއް ވިދާޅެއް ނުވެއެވެ.

ރައީސް ޔާމީން މިއަދު ވިދާޅުވީ ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮއްވާލުމާއި ހަމައިން ވެސް އެފައިސާ ހުންނެވީ އަދީބުގެ އަތްޕުޅުގައި ކަމަށެވެ.

"ފަހަރެއްގައިވެސް ވޮޑަމުލާގެ ފައިސާ ހޯދާކަން ނޫން. ހަމަ ތެދެއް މި ދަންނަވަނީ، ވޮޑަމުލާ އަކީ އޮންނަ ރަށެއްކަންވެސް އެނގުނީ ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ ތެރެއިން. އެއީ އަޅުގަނޑުގެ ސަރުކާރުން ދޫކުރި ރަށެއްވެސް ނޫން. އެއީ ރައީސް މަޢުމޫނުގެ ސަރުކާރުން ދޫކޮށްފައިވާ ރަށެއް. އަދީބު މަސައްކަތް ކުރެއްވީ އޭނާގެ ވަރަށް ގާތް ދެ ރަޙްމަތްތެރިންނަށް އެ ރަށް ހޯދައިދޭން." ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެކުރިންވެސް އަދީބުގެ އަތްޕުޅުގައި ރައީސް ޔާމީންގެ ގިނަ އަދަދެއްގެ ފައިސާ ހުންނާނެ ކަމަށް ވިދާޅުވިއެވެ. އަދި އަދީބުވެސް ވަނީ ރައީސް ޔާމީންގެ ފައިސާ އެމަނިކުފާނުގެ އަަތްޕުޅުގައި ހުންނަވާ ކަމަށް އެއްބަސްވެވަޑައިގެންފައެވެ. ނަމަވެސް ރައީސް ޔާމީން ތަކުރާރުކޮށް ވަނީ އަދީބަށް އެއްވެސް ހާލެއްގައި ގުޅީ ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދަން ނޫން ކަމަށް ވިދާޅުވެފައެވެ.

"އެއް މިލިއަން ޑޮލަރެއް ވެސް ނޫން އަޅުގަނޑުގެ އަދީބުގެ އަތުގައި ހުންނާނީ، ސިޔާސީ ގޮތުން ފަސް މިލިއަން ޑޮލަރު އަޅުގަނޑަށް ލިބުނު، އެއާ ހަވާލުވާން ދިޔާއީ ކުރީގެ ފިޝަރީޒް މިނިސްޓަރު ޝައިނީ އާއި އަދީބު، އެހެންވެ އެ ފައިސާ އަޅުގަނޑު ބޭނުންވީ، ދައުލަތުގެ ފައިސާ ދޭކަށް އަޅުގަނޑު ނުބުނަން،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މާލީ ބަޔާނުގައި އެ އެއް މިލިއަން ޑޮލަރަކީ އަދީބު ދިން ކަމަށް ބުނާ ފައިސާއެއް ކަމަށް ބަޔާންކޮށްފައިވެއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެގޮތަށް މާލީ ބަޔާނުގައި ބަޔާންކުރީ އަދީބު އެހެން ވިދާޅުވަމުންދާތީ ކަމަށެވެ. އެ ފައިސާއާމެދު އެއްވެސް ޝައްކެއް އެމަނިކުފާނުގެ ނެތް ކަމަށާއި އެއީ އެމަނިކުފާނަށް އަދީބު ދޭން ޖެހޭ ފައިސާތަކެއް ކަމަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

1 thought on “އަދީބަށް ގުޅީ ކެމްޕެއިނަށް ލިބިފައިވާ ފަސް މިލިއަން ޑޮލަރު ހޯދަން: ރައީސް ޔާމީން

Leave a Reply

Your email address will not be published. Required fields are marked *