ކޮވިޑަށް ޓެސްޓް ކުރެވޭ މެޝިން ނައިފަރުން ގެންދިއުމުން ޝިޔާމް ކަންބޮޑުވެއްޖެ

ނައިފަރު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަހުމަދު ޝިޔާމް މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަދައްކަވަނީ: ފޮޓޯ / މަޖިލިސް

ނައިފަރުގައި ހުންނަ ޅ. އަތޮޅު ހޮސްޕިޓަލުގައި ހުރި ކޮވިޑް19 އަށް ޓެސްޓް ކުރާ މެޝިން އެތަނުން އެހެން ރަށަކަށް ގެންދިއުމުން ނައިފަރު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަހުމަދު ޝިޔާމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާގެ ހުއްޓުވަން ގޮވާލައި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން އެ މެޝިނަކީ ކޮވިޑް19 ގެ ބަލިމަޑުކަމުގެ ހާލަތު އައުމުގެ މާ ކުރިންވެސް އެހެން ބަލިތަކަށް ޓެސްޓު ކުރުމުގެ ގޮތުން ނައިފަރުގައި ހުރި މެޝިނެއް ކަމަށެވެ.

އެ މެޝިނަކީ ކޮވިޑަށްވެސް ޓެސްޓު ކުރެވޭ މެޝިނެއްކަން ފާހަގަކުރައްވަމުން ޝިޔާމް ވަނީ ރައްޔިތުން "ރޮއިރޮއި" ތިއްބާ އެ މެޝިން އެހެން ރަށަކަށް ގެންދިޔައީ ކަމަށް ވިދާޅުވެފައެވެ.

ސަރުކާރުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ކޮވިޑް19 އަށް ޓެސްޓު ކުރެވޭނެ ގޮތް ހަމަޖައްސާނެ ކަމަށް ބުނެފައިވާތީ އެކަމަށް ފާޑު ވިދާޅުވެ ޝިޔާމް ވަނީ ވޭތުވެދިޔަ ހަތަރު މަސް ދުވަހުގެ ތެރޭގައި ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ކޮވިޑް19 އާއި ދެކޮޅަށް މަސައްކަތް ކުރުމަށް ސަރުކާރުން ހަރަދު ކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އަދި އެ ސަރަހައްދުތަކުގައި ކޮވިޑަށް ޓެސްޓް ކުރެވޭ މެޝިނެއް ހޯދަން ހޭދަ ނުކުރެވުނީ ކީއްވެގެންތޯ ވެސް ސުވާލު ކުރެއްވި އެވެ.

"މި ފަސް ހަސްފަތާލު ފުރިހަމަ ނުވެގެން މެޝިނެއް ހުރި ތަނަކުން އެއިން ހަސްފަތާލަކަށް މެޝިނެއް ގެންދަން ޖެހޭ ހިސާބަށް ދިޔައީތޯ؟ މި ދަންނަވަނީ ކުޑަކުޑަ މެޝިނެއްގެ ވާހަކަ،" ޝިޔާމް ވިދާޅުވިއެވެ.

ނައިފަރުގައި ހުރި މެޝިން ގެންދިޔައީ ބ. އޭދަފުއްޓަށެވެ. އެ މެޝިނަކީ ޓީބީ ފަދަ ބަލިތަކަށް ޓެސްޓު ކުރާ ޖީން އެކްސްޕާޓު މެޝިނެއް ނަމަވެސް އެ މެޝިނުން ކޮވިޑަށް ޓެސްޓު ކުރެވޭނެ ކަމަށް ޑަބްލިއުއެޗްއޯ އިން ވަނީ ބުނެފައެވެ. އަދި އެ މެޝިނަށް ލެއްވޭ ޓެސްޓު ކިޓުތައްވެސް ރާއްޖެ އަށް ވަނީ ހަދިޔާކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *