އާސަންދައިގެ ދަށުން ނޫނަސް ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަން އިންޑިއާ އަށް ދިއުމުގެ ފުރުސަތު

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރާއި މަޝްވަރާ ކުރައްވަނީ: ފޮޓޯ / ފޮރިން މިނިސްޓްރީ

އާސަންދައިގެ ދަށުން ނޫނަސް ކްރިޓިކަލް ފަރުވާ ބޭނުންވާ ފަރާތްތަކަށް އިންޑިއާއިން ބޭސްފަރުވާކުރުމަށް އެޤައުމަށް ދިޔުމުގެ ފުރުސަތު އެގައުމުން ހުޅުވާލައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ކްރިޓިކަލް ކެއާ ބޭނުންވާ ފަރާތްތަކުން އިންޑިއާއަށް ދިޔުމަށް އެދުމަށް ފޮރިން މިނިސްޓްރީގެ ކޮންސިއުލާ ޑިޕާޓްމަންޓަށް މެއިލް ކުރެއްވުމަށް އެދޭ ކަމަށެވެ. އަދި އިތުރު މައުލޫމާތު އޮޅުން ފިލުވުމަށް 7983400 އަށް ގުޅުއްވުމަށްވެސް އެދެއެވެ.

ފޮރިން މިނިސްޓްރީން ބުނީ އެއީ ރާއްޖެއިން ލިބެން ނެތް، "ކްރިޓިކަލް" ފަރުވާ ހޯދާ ފަރާތްތަކަށް ޚާއްސަކޮށް އިންޑިއާ ސަރުކާރުން ދިން ފުރުސަތެއް ކަމަށެވެ. ފޮރިން މިނިސްޓްރީ މެދުވެރިކޮށް އިންޑިއާއަށް ދިޔުމުގެ ހުއްދައަށް އެދުނުނަމަވެސް، ދަތުރުކުރެވޭނީ އިންޑިއާ ސަރުކާރުން ބަލަން ޖެހޭ ކަންތައްތައް ބެލުމަށްފަހު، ހުއްދަ ދޭ ފަރާތްތަކަށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ދަތުރުކުރުމުގެ ހުއްދަ ލިބޭ ފަރާތްތަކުން އިންޑިއާއަށް ދިޔުމަށް، މާލޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން މެޑިކަލް ވިސާ ނަގަން ޖެހޭނެ ކަމަށާއި މިގޮތަށް ބޭސްފަރުވާއަށް ވަޑައިގަންނަވާ ފަރާތްތަކުން އިންޑިއާގައި ތިބުމާއި، ކަރަންޓީންވުމުގެ އިންތިޒާމްތަކާއި، ބޭސްފަރުވާގެ ކަންތައްތައް ހަމަޖައްސަން ޖެހޭނީ އެފަރާތަކުން އަމިއްލައަށ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

މި ޚާއްސަ ހުއްދަ ލިބިފައިވަނީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، އިންޑިއާ ސަރުކާރާއި، މާލޭގައި ހުންނަވާ އިންޑިއާ ސަފީރާއެކު ކުރެއްވި މަޝްވަރާތަކަށްފަހު ކަމަށާއި އިންޑިއާގެ ބޯޑަރު ބަންދުކޮށް، އަދި ބައެއް ސަރަހައްދުތައް ލޮކްޑައުންގައި އޮތުމުން އިންޑިއާއަށް މިވަގުތު ދަތުރުނުކުރެވޭތީ، ކްރިޓިކަލް ފަރުވާ ހޯދުމަށް އެގައުމަށް އެތެރެވުމަށް ދިވެހިންނަށް ދިން ޚާއްސަ ހުއްދައަކީ މިގޮތަށްދޭ އެގައުމުން ދިން ފުރަތަމަ ހުއްދަ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

Leave a Reply

Your email address will not be published. Required fields are marked *