ފިނޭންސްގެ އާ އިމާރާތުގެ އެއްބަސްވުން ބާތިލް ނުކޮށް ކުރިޔަށް ދިއުމަށް މަޝްވަރާ ކުރަނީ

ފިނޭންސް މިނިސްޓްރީގެ އާ އިމާރާތް ނިމުމުން ހުންނާނެ ގޮތް --

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރުމަށް ނިންމާފައިވާ ފިނޭންސް މިނިސްޓްރީގެ އާ އިމާރާތުގެ މައްސަލާގައި ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން 22 މިލިއަން ޑޮލަރު ހަތް ދުވަހުގެ ތެރޭގައި ދެއްކުމަށް އޭޝިއަން އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރު (އޭއައިއޭސީ) އިން ކަނޑައަޅާފައި އޮތް ނަމަވެސް އެކަމުގައި އެއްބަސްވުން ބާތިލް ނުކޮށް އެ މަޝްރޫއު ކުރިޔަށް ގެންދިއުމާއި މެދު މަޝްރާ ކުރަމުން އަންނަ ކަމަށް އެޗްޑީސީން ބުނެފިއެވެ.

ގާތްގަނޑަކަށް 122 މިލިއަން ޑޮލަރު ހޭދަކޮށްގެން އެ އިމާރާތް ހަދަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ގައި ހަވާލުކުރީ މެލޭޝިއާގެ ޑަބްލިއުޒެޑްއާރު ކޮންސްޓްރަކްޝަން ކޮމްޕެނީއާއެވެ. ކުރިން އެ އިމާރާތް އަޅަން އޮތީ ފިނޭންސް މިނިސްޓްރީ ހުރި ބިމުގައެވެ.

ޑަބްލިއު ޒެޑް އާރު ޕްރޮޕަޓީ ސެންދްރިއަން ބަރްހާދު ގްރޫޕުން، އޭޝިއަން އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް އެ މައްސަލަ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހުށަހެޅީ އެ ކުންފުނިން މިހާތަނަށް ކޮށްފައިވާ މަސައްކަތަށް މި ސަރުކާރުން ފައިސާ ދީފައިނުވާތީއެވެ.

އާބިޓްރޭޝަނުން ހުކުމް ކުރީ، 2018 ވަނަ އަހަރު ފޮނުވި ބިލުތަކަށް ލިބުނު ފައިސާ، މިހާރުގެ އެކްސްޗޭންޖް ރޭޓާ އެއްވަރަށް ހަމަކޮށް ދެއްކުމަށެވެ. އެއީ 22 މިލިއަން ޑޮލަރެވެ.

އެޗްޑީސީން ބުނީ އެ މަޝްރޫއު ފެށިއިރު މަޝްރޫއު އަށް ބޭނުންވާ ފައިސާ ހަމަޖެހިފައި ނުވާ ކަމަށެވެ. އަދި އެ މަޝްރޫއު ހުޅުމާލެ ދެވަނަ ފިޔަވައްސަށް ބަދަލު ކުރުމުން މަޝްރޫއުގެ އަގު 155 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި އެ މަޝްރޫއު ކުންފުނީގެ ބިޒްނަސް ޕްލޭނުގެ ބޭރުން ކުރިޔަށް ގެންދަން ޖެހިފައިވާ ކަމަށާއި އަދި މަޝްރޫއުގެ އަގު އިތުރަށް ބޮޑުވެގެން ދިއުމަކީ ކުންފުނީގެ ބެލެންސް ޝީޓަށް އިތުރުވާނެ ބޮޑު ލޯނެއް ކަމަށްވެސް އެޗްޑީސީން ބުނެއެވެ.

ކޮންޓްރެކްޓަރާއި އެކުގައި ވެފައިވާ އެއްބަސްވުން ބާތިލްކުރުމަކީ އެންމެ އެކަށީގެންވާ ކަމެއް ކަމަށް އެ ކުންފުންޏަށް ނުފެންނަ ކަމަށާއި އަދި އެކަން އެގޮތަށް ކޮށްފި ކަމަށްވާ ނަމަ އިއާދަ ނުކުރެވޭނެ ފަދަ ބޮޑު ގެއްލުމުން އެ ކޯޕަރޭޝަން ސަލާމަތްކޮށް އެ މަޝްރޫއު ކުރިއަށް ގެންދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

އެގޮތުން އެ މަޝްރޫއު ދެކޮޅު ޖެހޭނެ ފަދަ ގޮތަކަށް ސްކޯޕަށް ބަދަލުތަކެއް ގެނައުމުގެ އިތުރުން ސަރުކާރާއި އެ ކޯޕަރޭޝަނަށް ގެއްލުން ނުވާނެ ފަދަ އެކަށީގެންވާ ފައިނޭންޝަލް ޓާމްސްއާއެކު މަޝްރޫއު ނިންމުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމުގެ ކަންކަން ކުރުމަށް ކޮންޓްރެކްޓަރާއެކު މަސައްކަތް ކުރަމުންދާ ކަމަށްވެސް އެޗްޑީސީން ބުންޏެވެ.

އެ އިމާރާތް ހަދަން ނިންމާފައި ވަނީ އިމާރާތުގެ ދަށުގައި 30،000 ކިއުބިކް މީޓަރުގެ ފެން ރައްކާކުރެވޭ ގޮތަށެވެ. ބިއްލޫރި އާއި ދަގަނޑުން ހަދާ އިމާރާތުގެ އެންމެ ތިރީ ބުރީގައި ހުންނާނީ ލޮބީ އާއި ފިހާރަތަކެވެ. ފުރަތަމަ ބުރި އާއި ދެ ވަނަ ބުރި ކާރު ޕާކު ކުރުމަށް ހާއްސަކުރާއިރު އޮފީސްތައް ހުންނާނީ ފަސް ވަނަ ބުރިން ފެށިގެން 23 ވަނަ ބުރިއާ ހިސާބަށެވެ.

Leave a Reply

Your email address will not be published. Required fields are marked *