މިނިސްޓަރަށް ފްލެޓުތައް ނުފެނުމުން އިދިކޮޅުން "ވަލު ދޮރާށިން" ވަދެ މަސައްކަތް ބަލާލައިފި

އިދިކޮޅު ކޯލިޝަންގެ ބޭފުޅުން ހުޅުމާލެ ދެވަނަ ފިޔަވައްސަށް ވަޑައިގެން --

ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އިއްޔެ ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެއް ކޮޓަރީގެ ފްލެޓުތައް އަޅަން ފަށާފައި ނުވާ ކަމަށް ވިދާޅުވުމުން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އެ ފްލެޓުތަކުގެ މަސައްކަތް ކުރިޔަށްދާ ގޮތް ބަލާލުމަށް ހުޅުމާލެ ދެވަނަ ފިޔަވައްސަށް ހިނގައްޖެއެވެ.

އެތަނަށް ވަޑައިގަތުމަށްފަހު ނޫސްވެރިންނާއި ބައްދަލުކޮށް ވާހަކަދައްކަވަމުން ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ހިޔާ މަޝްރޫއުގެ 7،000 ފްލެޓާ އެކު އެއް ކޮޓަރީގެ ފްލެޓުތަކުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމީ ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރޭގައި ހިމަނައިގެން ކަމަށެވެ.

މުއިއްޒު ވިދާޅުވީ މަސައްކަތް ކުރިޔަށްދާ ފްލެޓުތަކުގެ މައުލޫމާތު ސަރުކާރުގެ ކަމާ ގުޅުންހުރި މިނިސްޓަރަށް އެނގިވަޑައި ނުގަތުމުން މި ސަރުކާރުން ބޯހިޔާވަހިކަމަށް ދޭ އިސްކަން ހާމަވެގެންދާ ކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބިންގާ އަޅާފައިވާ އެއްވެސް ފްލެޓެއް ނެތްކަން ފާހަގަކުރައްވާ ޑރ. މުއިއްޒު ވިދާޅުވީ އެތަނުގައި ހުރި ހުރިހާ ފްލެޓަކީ ރައީސް ޔާމީންގެ ސަރުކާރުން އިމާރާތް ކުރުމަށް ފަށާފައިވާ ފްލެޓުތައް ކަމަށެވެ.

"އެކަމަކު މި ސަރުކާރުން އައިސް މިހުރިހާ ކަމަކަށް ފަސް އަޅައި ފޮރުވާލައިފަ އަދި އެކަންކަން ނުކުރާ ކަންކަމަށް ހަދައި، އަދި ހިނގަމުންދާ ކަންކަން ސްލޯކޮށްލައި، މިކަހަލަ ގޮތަކަށް ކަންކަން މިދަނީ،" ޑރ. މުއިއްޒު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ޕީއެންސީގެ ނާއިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ ފްލެޓުތައް ބަލާލުމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ގައި އެދުމުން ދިން ފުރުސަތުގައި އެ ކުންފުނީގެ ބޭފުޅަކަށް އިދިކޮޅު ބޭފުޅަކާއި އެކުގައި ފްލެޓުތައް ބަލާލުމަށް އަންނަން ކެރިވަޑައިނުގެން ކަމަށެވެ. އެއް ކޮޓަރީގެ ފްލެޓުތައް ހުރި ސަރަހައްދަށް ދެވެން އޮންނަ މަގު އޮތީ ބަންދުކޮށްފައި ކަމަށާއި ނަމަވެސް "ވަލު ދޮރާށިން" ވަދެ އެ ފްލެޓުތަކުގެ މަސައްކަތްތައް އިދިކޮޅުން ބަލާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބިމުގައި އަޅާފައިވާ ފްލެޓުތަކުގައި، އެއް ކޮޓަރީގެ އެއްވެސް ފްލެޓެއް އަޅާފައި ނެތް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ކެޓަގަރީތަކަކަށް ފްލެޓްތައް ދޫކުރުމަށް ދޭން ހަމަޖެހިފައި އިއުލާން ކުރީ، ޑޮކްޓަރުންނާއި ނަރުހުންނަށް، ޓީޗަރުންނަށް، އެކަނިވެރި މައިންނާއި ބަފައިންނަށް، 18-40 އަހަރާ ދެމެދު ކައިވެނިކޮށްގެން އުޅޭ މީހުންނަށް، މާލޭ ރަށްވެހިންނަށް، ދަފްތަރުގައި ރެޖިސްޓްރީކޮށްފައި ތިބި މީހުންނަށް އަދި ނުކުޅެދުންތެރިކަން ހުންނަ އާއިލާތަކަށް ކެޓަގަރީއެއް ކަމަށެވެ. އަދި އެ ނޫން ކެޓަގަރީއެއް، އަދި އެކަމަށް ވަކި ޔުނިޓުތަކެއް އޭރުގެ ސަރުކާރުން ދެވަނަ ފިޔަވަހީގައި އަޅާފައި ނެތް ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *