ހާއްސަ ހާލަތްތަކުގައި އޯޑިއޯ އަދި ވީޑިއޯކޮށް ޝަރީއަތް ހިންގޭނެ އިސްލާހު ތަސްދީގުކޮށްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު --

އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޚާއްޞަ ޙާލަތްތަކުގައި ޝަރީޢަތް ހިންގުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިދޭ ގޮތަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފިއެވެ.

މި ބިލުގައި ގާނޫނުއަސާސީން ނުވަތަ ގާނޫނަކުން ބާރު ލިބިގެން އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތެއް ނުވަތަ ކާރިސާގެ ހާލަތެއްގެ ސަބަބުން ޝަރީއަތުގެ މަޖިލީހަށް ހާޒިރުވުމުގައި ރައްކާތެރިކަމެއް ނެތުން؛ ޖޯގުރަފީ ގޮތުން ރަށްތަކާއި ސަރަހައްދުތައް އެތުރިފައިވާ ގޮތުގެ ސަބަބުން ދަތުރުފަތުރު ކުރުމަށް، މޫސުމީ ގޮތުންނާއި ހަރަދުގެ ގޮތުންނާއި ނުވަތަ ޖިނާއީ އަދުލުގެ ނިޒާމު ހިންގުމުގެ އިންތިޒާމުތައް އެ ރަށެއްގައި ނުވަތަ އެ ސަރަހައްދެއްގައި ގާއިމުކުރެވިފައިވާ ގޮތްތަކަށް އެ ވަގުތަކު އޮތް ހުރަސްތަކާއި ގޮންޖެހުންތަކަށް ރިއާޔަތްކުރުމާއެކު، އަދި ހުށަހެޅިފައިވާ މައްސަލައެއް ނިންމުމަށް ލަސްވުން މެދުވެރިވެ، އަދުލު އިންސާފު ގާއިމުކުރުމަށް ބުރޫއަރާފާނެ ހާލަތްތަކަކީ ހާއްސަ ހާލަތްތަކެއް ކަމަށް ފަނޑިޔާރަށް ކަނޑައެޅިދާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ނަމަވެސް މިގޮތަށް ޝަރީއަތްތައް ކުރިއަށް ގެންދެވޭނީ އެގޮތަށް އެކަން ކުރުމަށް ކުށުގެ ތުހުމަތުގައިވާ ފަރާތް ނުވަތަ ދައުވާ ލިބޭ ފަރާތް އިއުތިރާޒު ނުކުރާނަމަ ކަމަށްވެސް ބިލުގައިވެއެވެ.

އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށް ކުރިއަށްގެންދާ ޝަރީއަތްތަކުގެ މަޖިލިސްތަކުގެ ރެކޯޑިން އެ މައްސަލައެއް ނިމޭ ތާރީހުން ފެށިގެން 25 އަހަރު ދުވަހުގެ މުއްދަތަށް ރައްކާތެރިކޮށް ބަލަހައްޓަން ޖެހޭ ގޮތަށް ވެސް ބިލުގައި ކަނޑައަޅާފައިވެއެވެ. މީގެ އިތުރުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ތިރީސްވަނަ ބާބުގެ ކުރިއަށް ކުއްލި ނުރައްކަލުގެ ހާލަތެއްގައި ނުވަތަ ކާރިސާއެއްގައި ހާއްސަ އުސޫލުތައް ހިނގުމާ ބެހޭ ބާބެއް އިތުރުކޮށް މި ބިލުގައި ހިމަނާފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *