ދައުލަތުގެ އެހެން މުއައްސަސާތަކާއި ހިލާފަށް ޕީޖީގެ ފަރާތުން ފެނުނީ ޒިންމާދާރު ސިފަތަކެއް: އިދިކޮޅު

އިދިކޮޅު ކޯލިޝަނުގެ އިސް ބޭފުޅުން ޕީޖީއާ ބައްދަލުކުރުމަށް ވަޑައިގެން --

ދައުލަތުގެ އެހެނިހެން މުއައްސަސާތަކާއި ހިލާފަށް ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމްގެ ފަރާތްޕުޅުން ފެނިގެން ދިޔައީ ޒިންމާދާރު ސިފަތަކެއް ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ވަނީ އެ ކޯލިޝަންގެ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ޕީޖީ ހުސައިން ޝަމީމާއި ބައްދަލުކުރައްވާފައެވެ. އެ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިދިކޮޅު ލީޑު ކުރައްވަމުން ގެންދަވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ބައްދަލުވުމުގައި މަޝްވަރާ ކުރެވިގެން ދިޔައީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ދެކޮޅަށް އުފުލަމުންދާ ދައުވާތަކާއި މިހާރުގެ ސަރުކާރުން ކުރަމުންދާ ބައެއް ކަންކަމާއި ގުޅިގެން އިދިކޮޅުގައި ހުރި ކަންބޮޑުވުންތަކާއި ގުޅޭ ގޮތުން ކަމަށެވެ.

އަދުރޭ ވިދާޅުވީ އެ ބައްދަލުވުމުގައި މޯލްޑިވިސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމްދީނާއި ހިލާފު ވާހަކަތައް ހިމަނާ ނެރެފައިވާ ރިޕޯޓާއި ގުޅިގެން އެ ރިޕޯޓު ނެރުނު މީހުންނަށް ދައުވާ ނުކޮށް ލަސްވާ މައްސަލައިގެ ކަންބޮޑުވުންވެސް ހިއްސާ ކުރައްވާފައިވާ ކަމަށެވެ.

މުޖްތަމައު ތެރޭގައި މިހާރު ފެންމަތިވަމުން އަންނަ ރޭޕް ކޭސްތަކާއި، ޖިންސީ ގޯނާއާއި ފުރައްސާރައިގެ އެކި އަމަލުތަކާއި މެދު ފިޔަވަޅު ނޭޅި، ސަރުކާރުން އެކަންކަމަށް ސަމާލުކަމެއް ދީފައި ނުވުމުން އެކަމުގެ ކަންބޮޑުވުންތައްވެސް ޕީޖީއާއި ހިއްސާ ކޮށްފައިވާކަމަށް އަދުރޭ ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *