ހިޔާ ފްލެޓު ލިބި، ނުގުޅުނު ފަރާތްތަކުގެ ނަންތައް އާއްމުކޮށްފި

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރާ ފްލެޠުތައް-- ފޮޓޯ/ މިހާރު

"ހިޔާ މަޝްރޫޢު" ގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ "ދިރިއުޅުމުގެ ހާލަތު" ދެނެގަތުމަށް ގޭގެއަށް ޒިޔާރަތްކުރުމުގެ ކުރިން އެ ފަރާތްތަކާއި ފޯނުން ގުޅައި ކަށަވަރު ކުރުމުގެ މަސައްކަތްތަކުގެ ދަށުން، ގުޅޭނެ ނަންބަރެއްގެ ގޮތުގައި ދީފައިވާ ނަމްބަރުން ނުގުޅޭ ބައެއް ފަރާތްތަކުގެ ނަންތައް ހާމަކޮށްފިއެވެ.

ރައީސް އޮފީހުން ބުނީ ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން މިއަދު ގެޒެޓް ކޮށްފައިވާ އެ ލިސްޓްގައި ހިމެނޭ ފަރާތްތަކަކީ، ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓަށް އެދި H4 ،H5 ،H6 ، H8 އަދި H10 އެ ޓެގަރީތަކުގެ ދަށުން ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ގުޅޭނެ ނަންބަރެއްގެ ގޮތުގައި ދީފައިވާ ނަމްބަރުން، ނުގުޅުނު ފަރާތްތައް ކަމަށެވެ.

މީގެ އިތުރުން H7 އަދި H9 ކެޓަގަރީގެ "ދިރިއުޅުމުގެ ހާލަތު" ދެނެގަތުމުގެ މަސައްކަތް އަދި މުޅީން ނިމިފައި ނުވާތީ، އެ މަސައްކަތް ނިމުމުން އެ ދެ ކެޓަގަރީއިން ނުގުޅޭ ފަރާތްތަކުގެ ލިސްޓްތައް ވެސް ޢާންމު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި، އެއީ ފްލެޓް ލިބިވަޑައިގަންނަވާ ބޭފުޅުންގެ ފައިނަލް ލިސްޓުތައް ނޫން ކަމަށްވެސް ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން ފާހަގަ ކުރާ ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.

މިއަދު ޢާންމުކުރި ލިސްޓުގައި ހިމެނޭ ފަރާތްތަކުން މި މަހުގެ 14ވަނަ ދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިން، https://hcc.presidency.gov.mv އެ ލިންކުގައިވާ ފޯމު ފުރިހަމަ ކުރުމަށް އެދޭ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ހިޔާ ފްލެޓުތައް ލިބި ނުގުޅޭ ފަރާތްތަކުގެ ނަން އާއްމުކޮށްފައިވާއިރު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވީ ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ މަޝްރޫއުގެ ފްލެޓްތައް ހަވާލު ކުރެވޭނީ އަށް މަސް ފަހުން ކަމަށެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ ހިޔާ މަޝްރޫއުގެ މަސައްކަތް ނިންމުމަށް ކޮންޓްރެކްޓަރާ ހަވާލުކުރީ ދެ އަހަރު ދުވަހުގެ މުއްދަތަށް ކަމަށާއި މަސައްކަތް ނިންމަން އޮތް ތާރީހަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަސް ކަމަށެވެ.

ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އިމާރާތް ކުރާ ހިޔާ ފްލެޓުތައް ނިންމޭނެ ކަމަށް ކޮންޓްރެކްޓަރު އަންގަނީ އިތުރު އަށް މަސް ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ. ސަބަބެއް ކަމަށް ވިދާޅުވީ އެޕާޓްމަންޓުތަކުގެ ތަޅުން އެޅުމާއި ފެން މީޓަރު ހަރުކުރުމާއި ކަރަންޓު ގުޅުމަށް އެ މުއްދަތު ނަގާނެތީ ކަމަށެވެ.

Leave a Reply

Your email address will not be published.