މުވައްޒަފުން މުޒާހަރާއެއް ނުކުރޭ، ތިބީ ކިއުއެއްގައި: އާރްސީސީ

އާރްސީސީގެ މުވައްޒަފުން މުޒާހަރާ ކުރަނީ ކަމަށް ބުނެ ދައުރުވި ފޮޓޯ: ފޮޓޯ / އެމްވީ ކްރައިސިސް

ދަނގެތި ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމްގެ އާއިލީ ކުންފުނި، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންގެ މުވައްޒަފުންތަކެއް ސަފެއް ހަދައިގެން މަގުމަތީގައި ތިއްބާ އެ މުވައްޒަފުން ކުންފުންޏާއި ދެކޮޅަށް މުޒާހަރާ ކުރަނީ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކޮށްފިއެވެ.

ސޯޝަލް މީޑިއާގައި އާރްސީސީގެ ބިދޭސީ މުވައްޒަފުންތަކެއް މުޒާހަރާ ކުރަނީ ކަމަށް ބުނެ އަންނަނީ ފޮޓޯއެއް ދައުރުވަމުންނެވެ. އެ ފޮޓޯ ދައުރުވުމާއި އެކުގައި އާރްސީސީ އާއި އެކުންފުނީގެ ޗެއާމަންގެ މަގާމުގައި ހުންނެވި ކާނަލް ނާޒިމް އަށް އަމާޒުކޮށް އަންނަނީ ފާޑު ކިޔުންތައް އަމާޒު ކުރަމުންނެވެ.

ދައުރުވަމުން އަންނަ ފޮޓޯ އާއި ގުޅިގެން އާރްސީސީން ކޮށްފައިވާ ޓްވީޓެއްގައި ބުނީ އެ ވީޑިއޯ ނަގާފައި ވަނީ މުވައްޒަފުން ވޯކް ވިސާ ކާޑު ހެއްދުމަށް ފޮޓޯ ނެގުމަށް މ. ފޮޓޯ ފްރެންޑު ކައިރީގައި ކިއުގައި ތިއްބާ ކަމަށެވެ. އަދި އެގޮތަށް މުވައްޒަފުން ތިއްބާ މުވައްޒަފުން މުޒާހަރާ ކުރަނީ ކަމަށްބުނެ އެމްވީ ކްރައިސިސް އިން ދޮގު ހަބަރު ފަތުރާފައި ވާތީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާނެ ކަމަށާއި އެ މައްސަލާގައި ދައުވާ ކުރާނެ ކަމަށް އާރްސީސީން ބުނެއެވެ.

އެކަމާއި ނުރުހުން ފާޅުކުރައްވާ ކާނަލް ނާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ނަމުގައި އެމްވީ ކްރައިސިސް އިން ހިންގާ އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހަޅާނެ ކަމަށާއި އަދި ފޭކް ނިއުސް ނުވަތަ ދޮގު ހަބަރު ފެތުރުމަށް ރާއްޖޭގައި ޖާގައެއް ނޯންނާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

މިފަދަ ފޮޓޯއެއް ދައުރުވެފައި މިވަނީ ބ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބޮޑުފިނޮޅުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންތަކަކަށް އެތައް މަހެއްގެ މުސާރަ ދީފައި ނުވާތީ އެރަށުގައި އިހުތިޖާޖުކޮށް އަދި އެރަށުގައި ތިބި ދިވެހިން ރަހީނު ކޮށްފައިވާ މައްސަލައެއް މިދިޔަ ހަފްތާގައި ފެންމަތިވެފައި ވަނިކޮށެވެ. އެ ބިދޭސީ މުވައްޒަފުންނަކީ ރައްޔިތުން މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ ރިޒް ކުންފުނީގެ މުވައްޒަފުންނެވެ. އެކަމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ބިދޭސީ މުވައްޒަފުން ރާއްޖެ ގެނެސް ހާލުގައި ގެންގުޅޭ ކަމަށާއި އެފަދަ މީހުންނަށް ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *