އެމްޑީޕީ މެންބަރުންގެ ނުރުހުން އޭސީސީއަށް، ވިދާޅުވަނީ ފެއިލްވެއްޖެ ކަމަށް

އޭސީސީގެ މެންބަރުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގައި: ފޮޓޯ / މަޖިލިސް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ފެއިލްވެއްޖެ ކަމަށް ވިދާޅުވެ ރައްޔިތުން މަޖިލީހުގެ އެމްޑީޕީ އަށް ނިސްބަތްވާ މެންބަރުން ނުރުހުން ފާޅުކުރައްވައިފިއެވެ.

ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި މެންބަރުން މިފަދައިން ވިދާޅުވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހަޅާފައިވާ ސިޓީ އަކާއި ގުޅިގެން ބަހުސް ކުރައްވައެވެ.

ހަސަން ލަތީފު ހުށަހަޅާފައިވާ ސިޓީގައި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ރައްޔިތުންގެ ގާތުގައި އެންމެ ބޮޑަށް ވައުދުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަނާއި ވައްކަމުގެ މައްސަލަތައް ބަލާ ފިޔަވަޅު އެޅުން ކަމަށް ވިދާޅުވިއެވެ.

އެ މައްސަލަ އަށް ބަހުސް ކުރައްވަމުން ބިލެއްދޫ ދާއިރާގެ މެންބަރު މުހައްމަދު ހަލީމް (ދޮންބިލެއް) ވިދާޅުވީ މިހާރު އޭސީސީގައި ތިއްބެވި މެންބަރުންނަކީ 19ވަނަ ރައްޔިތުންގެ މަޖިލީހުން އައްޔަން ކުރައްވާފައިވާ މެންބަރުންތަކެއް ކަމަށެވެ.

ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ / މަޖިލިސް

ނަމަވެސް އޭނާ ވަނީ އެ މެންބަރުން ފެއިލްވެފައިވާ ކަމަށް ވިދާޅުވެފައެވެ. މިދިޔަ އަހަރުގެ ތެރޭގައި އޭސީސީން ނިންމާފައިވާ މައްސަލަތަކުގެ ތެރެއިން 90 އިންސައްތަ މައްސަލަތައް ނިންމާފައި ވަނީ ހެކި ނެތިގެން އެއީ ކޮރަޕްޝަންގެ އަމަލު ނުހިމެނޭ މައްސަލަތަކެއްގެ ގޮތުގައި ކަމަށް ހަލީމް ވިދާޅުވިއެވެ.

ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ވިދާޅުވީ އޭސީސީގައި ރައްޔިތުންގެ ކަންބޮޑުވުންތައް އިންތިހާ އަށް އޮތް މައްސަލަތަކެއްވާއިރު އެ މައްސަލަތައް ގޮސްފައިވާ ހިސާބު ނޭނގުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. މީގެއިތުރުން ވިސާމް ވަނީ އެ ކޮމެޓީގެ ބައްދަލުވުމެއްގައި އޭސީސީގެ ރައީސާ ވާހަކަ ދެއްކެވި ގޮތުން ނުރުހުންފާޅު ކުރައްވާފައެވެ.

އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ނުރުހުން އޭސީސީގެ މެންބަރުންނަށް އަމާޒު ކުރެއްވިއިރު ދާދިފަހުން  ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ދައުލަތުގެ އެންމެހާ ކަންކަން ވީހާވެސް ގާތުން އޭސީސީން ބެލުމަކީ އެ ކޮމިޝަނުން ކުރާ ވަރަށް ރަނގަޅު ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި ދައުލަތުގެ ތެރޭގައި ހިނގާ އެހެން ކަންކަންވެސް ގާތުން އެ ކޮމިޝަނުން ބަލަމުން ގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *