ގާޒީ ހަސަން ނަޖީބު ދޮގު މައުލޫމާތު ދިން މައްސަލަ ފުލުހުންނަށް ވަނީ ހުށަހަޅާފައި

ކްރިމިނަލް ކޯޓަށް 2018 ވަނަ އަހަރު އައްޔަން ކުރި ހަސަން ނަޖީބު

ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީނަށް ކެމްޕެއިން ކުރެއްވި ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ދޮގު މައުލޫމާތު ދިން މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކޮށްދިނުމަށް އެދި ފުލުހުންގެ މުއައްސަސާ އަށް ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

ޖޭއެސްސީން މިއަދު ވަނީ ގާޒީ ހަސަން ނަޖީބު ވަކި ކުރުމަށް ނިންމި ސަބަބުތައް ބަޔާންކޮށް ނޫސް ބަޔާނެއް ނެރެފައެވެ. އެގޮތުން 2017 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ކައުންސިލަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އިން ކުރިމަތިލާފައިވާ ކެންޑިޑޭޓު ގާތު އޭނާގެ ނަން އަނބުރާ ގެނައުމަށާއި، އެ އިންތިޚާބުގައި ޕްރޮގްސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) އިން ކުރިމަތިލާފައިވާ ކެންޑިޑޭޓަށް ތާއީދު ކުރުމަށް ޤާޒީ ޙަސަން
ނަޖީބު ވިދާޅުވި ކަމަށާއި، ނަން އަނބުރާ ނެގުމަށް ބުނި ކެންޑިޑޭޓުގެ ކެންޑިޑެސީ ބާޠިލުކުރުމަށް ޤާޒީ ޙަސަން ނަޖީބު އުޅުއްވި ކަމަށް ބުނެ ހުށަހެޅުނު މައްސަލައަކާއި 2017 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ކައުންސިލަށް ޕީ.ޕީ.އެމް. އިން ވާދަކުރި ކެންޑިޑޭޓަކާއެކު ޤާޒީ ޙަސަން ނަޖީބު އެމް.ޑީ.ޕީ. އެކްޓިވިސްޓަކާ ބައްދަލުކޮށް އޭނާ ޕީ.ޕީ.އެމް.އަށް ސޮއިކުރުވިކަމަށް ބުނެ ހުށަހެޅުނު މައްސަލައެއް ވަނީ ފާހަގަކޮށްފައެވެ.

ދެހާސް އަށާރަވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ޕީ.ޕީ.އެމް އިން ވާދަކުރި ކެންޑިޑޭޓް ކުރީގެ ރައީސް ޢަބްދު ޔާމީން ޢަބްދުލްޤައްޔޫމް އަށް ތާއީދު ހޯދުމުގެ ގޮތުން 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރީކޮޅުގައި ޤާޒީ ޙަސަން ނަޖީބާއި އެހެން ފަނޑިޔާރުންތަކަކާއި އެކު، ގއ. ވިލިނގިލި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ) ގެ މުވައްޒަފުންތަކަކާއި އެކު ބައްދަލުވުމެއް ބާއްވައި ޕީ.ޕީ.އެމްގެ ކެންޑިޑޭޓަށް ތާއީދު ހޯދުމުގެ ގޮތުން ވާހަކަ ދައްކަވާފައިވާ ކަމަށް ބުނެ ހުށަހެޅު މައްސަލައެއް ވެސް ވާކަމަށް ޖޭއެސްސީން ބުންޏެވެ.

ޤާޒީ ޙަސަން ނަޖީބު ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓެއްގެ ވަޒީފާގައި އުޅެނިކޮށް، އެއްވެސް ފަރާތަކުން ގއ. ވިލިނގިލީ ކޯޓުގެ އަމުރަކަށް އެދި ހުށަހަޅާފައިނުވަނީސް، ގާޒީ ޙަސަން ނަޖީބުގެ އަމިއްލަ އިސްނެގުމަށް ގއ. ވިލިނގިލީ ދެ މީހެއް ހައްޔަރުކުރުމަށް ގއ. ވިލިނގިލީ މެޖިސްޓްރޭޓު ކޯޓުން ކޯޓު އަމުރެއް ނެރުނު ކަމަށް ބުނެވެސް މައްސަލައެއް ހުށަހެޅުނު ކަމަށް ޖޭއެސްސީން ބުންޏެވެ.

ދެހާސް އަށާރަވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު، ޤާޒީ ޙަސަން ނަޖީބު އާއި އެހެން ފަނޑިޔާރުންތަކެއް ގެމަނަފުއްޓަށް ދަތުރުކޮށް، ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ޖަލުގައި ބަންދުކޮށްފައި ހުރި ގެމަނަފުށީ މީހެއްގެ ޢާއިލާގެ މެމްބަރުންތަކާއެކު ޕީ.ޕީ.އެމްގެ އެކްޓިވިސްޓެއްގެ ގޭގައި ބައްދަލުކޮށް އެ ޢާއިލާ އެންމެން ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ވޯޓް ދޭން އެއްބަސްވާނަމަ ޖަލުގައި ބަންދުކޮށްފައިހުރި މީހާ މިނިވަން ކުރެވިދާނެ ކަމަށް ވިދާޅުވި ކަމަށް ބުނެވެސް ޖޭއެސްސީ އަށް ވަނީ މައްސަލައެއް ހުށަހެޅިފައެވެ.

ޤާޒީ ޙަސަން ނަޖީބު ގއ. ވިލިނގިލި މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓެއްގެ މަޤާމުގައި ހުރިއިރު، ޤާޒީ ޙަސަން ނަޖީބުގެ އެއްބަނޑު މީހެއްގެ ދަރިއެއްގެ މައްޗަށް ދަޢުވާކުރެވުނު މައްސަލައެއް ބެލިކަމަށާއި، ޝަރީޢަތަށް ފާހަގަކުރެވުނު އެއްވެސް ނުކުތާއެއްނެތި ޙުކުމްކުރި ކަމަށް ބުނެ ހުށަހެޅުނު މައްސަލައެއް ވެސް ވެއެވެ.

ޖޭއެސްސީން ބުނީ ގާޒީ ހަސަން ނަޖީބު އެކޮމިޝަނަށް ހުށަހަޅާފައިވާ މާލީ ބަޔާންތަކުގައި އޭނާއަކީ "ބެން އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް"ގެ ހިއްސާދާރެއްކަން ހާމަނުކޮށް، ދޮގު މަޢުލޫމާތު ދީފައިވާ ކަމަށް ބުނެ އެކޮމިޝަނަށް މައްސަލައެއް ބަލާފައިވާނެ ކަމަށާއި އަދި އެ މައްސަލައާ ގުޅިގެން އެ ކޮމިޝަނަށް ފާހަގަކުރެވުނު ޖިނާއީ މައްސަލަތައް ބަލައި ދިނުމަށް އެދި 16 އޭޕްރިލް 2020 ވަނަ ދުވަހު އެމައްސަލަ ވާނީ މޯލްޑިވްސް ޕޮލިސް ސާވިސް އަށް ފޮނުވާފައިވާނެ ކަމަށް ޖޭއެސްސީން ބުންޏެވެ.

ޖޭއެސްސީން ބުނީ އެ ކޮމިޝަނުން ފަޑިޔާރުންގެ މައްސަލަތައް ބަލަމުން ދަނީ ފަނޑިޔާރުންގެ ތެރޭގައި ތަފާތުކުރުމެއްނެތި، ޤާނޫނުއަސާސީއާއި ފަނޑިޔާރުންގެ ޤާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު އެއީ އަސާސެއް ކަމަށް ބަލައިގެން ކަމަށެވެ. ސިޔާސީ ހަރަކާތްތަކުގައި ނުވަތަ ސިޔާސީ ވަކި ފިކުރަކަށް ތާއީދު ކުރާކަމަށް ބުނެ
އެ ކޮމިޝަނަށް 2019ވަނަ އަހަރު އަދި 2020ގައި ހުށަހަޅާފައިވާ މައްސަލަތައް ނިންމުމުގައި އަދި ފަނޑިޔާރު މަޤާމުން ވަކިކުރަން ޖެހުނަސް، ވަކި ސިޔާސީ ޕާޓީއަކަށް ނުވަތަ ފިކުރަކަށް ބެލުމެއްނެތި، މައްސަލަތައް އެ ކޮމިޝަނުން ނިންމާފައިވާނެ ކަމަށް ޖޭއެސްސީން ބުންޏެވެ.

"އެގޮތުން އެމް.ޑީ.ޕީ. އަދި ޕީ.ޕީ.އެމްގެ ސިޔާސީ ހަރާކާތްތަކުގައި ބައިވެރިވެގެން މިކޮމިޝަނުން 14 މައްސަލައެއް ބަލާފައިވާއިރު، އެފަދަ މައްސަލައެއް ތަޙްޤީޤުކޮށް ނިމުމުން ދެ ފަނޑިޔާރަކު މަޤާމުން އިސްތިއުފާ ދެއްވާފައިވެއެވެ. އަދި، ފަނޑިޔާރުކަމުގެ މަޤާމުގައި ހުރެ ސިޔާސީ ހަރަކާތެއްގައި ފަނޑިޔާރަކު ބައިވެރިވުމަކީ އިސްތިސްނާއެއްނެތި، ފަނޑިޔާރުން ޤާނޫނުން މަނާ ކުރެވިފައިވާ ކަމެއްކަން މިކޮމިޝަނުން ފާހަގަކުރަމެވެ،" ޖޭއެސްސީން ބުންޏެވެ.

Leave a Reply

Your email address will not be published. Required fields are marked *