އިމްޕޯޓު އެކްސްޕޯޓު ގާނޫނަށް ވިސާމް ހުށަހެޅި އިސްލާހު ދިރާސާ ކުރަން މުޅި މަޖިލީހުގެ ކޮމެޓީއަށް

ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް

ރައްޔިތުން މަޖިލީހަށް ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމު އިމްޕޯޓު އެކްސްޕޯޓުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަލައިގެންފިއެވެ.

މި އިސްލާހު ބަލައިގަތީ 62 މެންބަރުންގެ ވޯޓުންނެވެ. މިބިލް ދިރާސާކުރެއްވުމަށް ފޮނުވާފައި ވަނީ މުޅި މަޖިލީހުގެ ކޮމިޓީއަށެވެ. މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަމާޒު ހިފާފައި ވަނީ ބިލުގެ މަސައްކަތް މި ހަފްތާގެ ތެރޭގައި ނިންމާލުމަށެވެ. އެގޮތުން ބިލާއި ގުޅޭ ގޮތުން މެންބަރުންގެ ހިޔާލެއް އޮތް ކަމަށްވާ ނަމަ އެ ހިޔާލެއް މާދަމާގެ ހެނދުނު 9:00ގެ ކުރިން ހުށަހެޅުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.

މި ބިލު ހުށަހެޅި މަގުސަދުތަކުގެ ތެރޭގައި އުފެއްދުންތެރިކަން އިތުރުކުރުމުގެ ގޮތުން، ދިވެހިރާއްޖެއަށް އެތެރެކުރެވޭ ބައެއް ބާވަތުގެ މުދަލުން އިމްޕޯޓް ޑިއުޓީ ނެގުން ކުޑަކުރުން ނުވަތަ ހުއްޓާލުމާއި، ސިއްހަތަށް ގެއްލުން ލިބޭ ބާވަތުގެ ތަކެތި ބޭނުންކުރުމުން ދުރުހެލިވުމަށް ބާރުއެޅުމަށްޓަކައި އެފަދަ މުދަލުގެ އިމްޕޯޓް ޑިއުޓީ ބޮޑުކުރުން ހިމެނެއެވެ.

އިމްޕޯޓު އެކްސްޕޯޓުގެ ގާނޫނަށް ހުށަހަޅާފައިވާ އެ އިސްލާހުގައި ބުނެފައިވަނީ މީގެކުރިން ފަސް ޕަސަންޓުގެ ޑިއުޓީ ނަގަމުން އައި ދަގަނޑާއި އެކަތަ ޝީޓު، ޕްލޭޓުން މީގެފަހުން ޑިއުޓީ ނުނަގާނެ ކަމަށެވެ. ނަމަވެސް ދަގަނޑުގެ ބާވަތްތަކުގެ ތެރެއިން ދަގަނޑު ޓިނުން ނަގާ ޑިއުޓީ 10 ޕަސެންޓަށް ބޮޑުކުރުމަށްވެސް އިސްލާހުގައި ހުށަހަޅާފައިވެއެވެ.

ޒިންކުން ހަދާފައި ހުން ތަކެތީގެ ތެރޭގައި ހިމެނޭ ޓިނާއި ތިނބި އަދި ދިޔަދޮވިން 15 ޕަސެންޓުގެ ޑިއުޓީއެއް އަންނަނީ ނަގަމުންނެވެ. ނަމަވެސް ވިސާމް ހުށަހަޅާފައިވާ އިސްލާހުގައި އެތަކެތިންވެސް ޑިއުޓީ ނުނެގުމަށް ވަނީ ހުށަހަޅާފައެވެ.

ހަމައެއާއި އެކު ސެރަމިކުން ހަދާފައި ހުންނަ ތަކެތީގެ ތެރެއިން ތަށިމުށިން ނަގާ ޑިއުޓީ 10 ޕަސެންޓުން ސުން ޕަސެންޓަށް އަދި ޓޭބަލްވެއާ އާއި ކިޗަންވެއާއިން ނަގާ ޑިއުޓީ 15 ޕަސެންޓުން ފަސް ޕަސެންޓަށް ކުޑަކުރުމަށްވެސް ވަނީ ހުށަހަޅާފައެވެ.

ވިސާމް ހުށަހަޅާފައިވާ ބިލުގައި އާއްމުން އާއްމުކޮށް ބޭނުންކޮށް އުޅޭ ގިނަ ސާމާނުތަކަކުން ޑިއުޓީ ކަނޑާލުމާއި ކުޑަ ކުރުމަށް ހުށަހަޅާފައިވާއިރު ސިއްހަތަށް ގެއްލުން ލިބޭ ފަދަ ބާވަތްތަކުން ޑިއުޓީ ބޮޑު ކުރުމަށްވެސް ހުށަހަޅާފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *