ކޮވިޑް19 އާއި ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އެޅުމަށް މައުމޫން ގޮވާލައިފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް / ފޮޓޯ- ޓުވީޓާ

ރާއްޖޭގައި ކޮވިޑް19 ފެތުރޭ މިންވަރާއި އަދި އެ ބަލީގައި މަރުވާ މީހުންގެ ނިސްބަތަށް ބަލާއިރު އެ ބައްޔާއި ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ކުރީގެ ރައީސް އަދި ސަރުކާރު ކޯލިޝަން އެމްއާރްއެމްއެގް އިންތިގާލީ ރައީސް، މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ޓްވީޓާގައި ޓެގު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަނެއްކާ ވެސް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމަށެވެ. އެހެންވެ، ހަރުކަށި ފިޔަވަޅުތަކެއް އަޅައި ދިނުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވާ ކަމަށް ވެސް މައުމޫންގެ ޓުވީޓުގައި ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް މި ބަލީގައި 2،469 މީހަކު ޕޮޒިޓިވްވެފައިވާއިރު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 1،279 ދިވެއްސަކާއި ބަންގްލަދޭޝްގެ 876 މީހަކާއި އިންޑިއާގެ 227 މީހަކާއި ނޭޕާލްގެ 44 މީހަކާއި ސްރީ ލަންކާގެ 19 މީހަކާއި އިޓަލީގެ 11 މީހަކާއި ޕާކިސްތާނުގެ ތިން މީހެކެވެ. އަދި "އެހެނިހެން" ކެޓަގަރީގައި 10 މީހަކު ހިމެނެއެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް19 ޖެހުނު މީހުންގެ ތެރެއިން 2،049 މީހުން ވަނީ ބަލިން ރަނގަޅުވެސް ވެފައެވެ. މިހާރު ބަލި ޖެހިފައިވާ މީހުންގެ ތެރެއިން ފަރުވާ ދެމުން ދަނީ 403 މީހުންނަށެވެ.

މި ބަލީގައި ރާއްޖެ އިން 12 މީހަކު ވަނީ ނިޔާވެފައެވެ. އެއީ ހަ ދިވެހިންނާއި ބަންގްލަދޭޝްގެ ފަސް މީހަކާއި ފިލިޕީންސް މީހެކެވެ.

Leave a Reply

Your email address will not be published. Required fields are marked *