ހިޔާ ފްލެޓް ހަވާލުކުރުން ފަސްވެއްޖެ، 8 މަސް ނަގާނެ!

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރުއާ ގުޅޭ ގޮތުން މިނިސްޓަރު އަސްލަމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ-- ފޮޓޯ/ ޕްލޭނިން މިނިސްޓްރީ

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ މަޝްރޫއުގެ ފްލެޓްތައް ހަވާލު ކުރެވީނީ އަށް މަސް ފަހުން ކަމަށް މިނިސްޓަރު އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު އަސްލަމް ވިދާޅުވީ ހިޔާ މަޝްރޫއުގެ މަސައްކަތް ނިންމުމަށް ކޮންޓްރެކްޓަރާ ހަވާލުކުރީ ދެ އަހަރު ދުވަހުގެ މުއްދަތަށް ކަމަށާއި މަސައްކަތް ނިންމަން އޮތް ތާރީހަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަސް ކަމަށެވެ.

ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އިމާރާތް ކުރާ ހިޔާ ފްލެޓުތައް ނިންމޭނެ ކަމަށް ކޮންޓްރެކްޓަރު އަންގަނީ އިތުރު އަށް މަސް ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ. ސަބަބެއް ކަމަށް ވިދާޅުވީ އެޕާޓްމަންޓުތަކުގެ ތަޅުން އެޅުމާއި ފެން މީޓަރު ހަރުކުރުމާއި ކަރަންޓު ގުޅުމަށް އެ މުއްދަތު ނަގާނެތީ ކަމަށެވެ.

އަސްލަމް އެ ވިދާޅުވި ގޮތަށް އެ މަސައްކަތަށް އިތުރު އަށް މަސް ނަގާނަމަ، އެތަނަށް މީހުންނަށް ވަދެވޭނީ ފެބްރުއަރީ މަހު އެވެ.

"އެހެންވީމަ މީގެން ތަނަކަށް މީހަކަށް ވަދެވޭނީ އަށް މަސް ދުވަސްފަހުން،" އަސްލަމް ވިދާޅުވިއެވެ.

"ސަރުކާރުން ކަމެއް ލަސްކުރީކީއެއް ނޫން. ޕްރޮޖެކްޓް ހިނގާ ސްޕީޑާއެކު ހިނގާނެ ވަރު އަޅުގަނޑު މި ދެންނެވީ. އަންފޯޗްނަޓްލީ ހަތަރު މަސް ގެއްލިގެން ހިނގައްޖެ. ސަރުކާރުން ދިނީ ތާރީހެއް ނޫން. ވަރަށް އަވަހަށޭ، އެއީ އެބްޒޮލިޓް ޑޭޓެއް ނޫން. އަޅުގަނޑު މިއަދު މި ދަންނަވަނީ އެބްޒޮލިއުޓް ޑޭޓް،" އަސްލަމް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *