މަސް ދުވަހަށްފަހު ޝިޔާމް މަޖިލީހަށް, ހުށަހެޅުއްވީ ހިޔާ ފްލެޓުތައް ދޫކުރުމަށް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް: ބޯހިޔާވަހިކަމުގެ ވައުދު އަވަހަށް ފުއްދުމަށް ގޮވާލއްވި

މަޖިލީހުގައި ހިންގި ހަމަނުޖެހުންތަކުގައި އަނިޔާ ލިބުނު، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހަށް ވައިނުގަންނަވާތާ މަސް ދުވަހަށްފަހު، މަޖިލީހަށް ވަޑައިގެންނެވި ފުރަތަމަ ދުވަހު ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

ޕީޕީއެމްގެ ނައިބު ލީޑަރުކަން ވެސް ކުރައްވާ ޝިޔާމް މިއަދު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލާގައި ބުނެފައި ވަނީ ހިޔާ މަޝްރޫރުގެ ފްލެޓުތައް ލިބިފައިވާ ފަރާތްތަކަށް ވީ އެންމެ އަވަހަކަށް އެތަންތަން ހަވާލުކޮށް، މި ސަރުކާރުން ވެފައިވާ ބޯހިޔާވަހިކަމުގެ ވައުދު ފުއްދުން އަވަސް ކުރުމަށެވެ. ހިޔާ ފްލެޓްތަކަށް މިހާތަނަށް އެތަނަށް ވަދެވޭނެ ދުވަހެއް ސަރުކާރަށް ބުނެ ދެވިފައިނުވާ ކަމަށް އޭނާ ހުށަހެޅުއްވި ކުއްލި މައްސަލާގައި ބުނެފައިވެއެވެ.

ކޮވިޑް19ގެ ގުޅިގެން ވަރަށް ގިނަ ބައެއްގެ އާއްދަނީ ހުއްޓި، ކުލި ނުދެއްކި މަގުމަތިވަމުންދާތީ، ވީހާ ވެސް އަވަހަކަށް ފްލެޓުތައް ދޫކުރުމަށް ޝިޔާމް ވަނީ ސަރުކާރަށް ގޮވާލަވާފައެވެ. މި ސަރުކާރުން ވައުދުވެފައިވާ ގޮތަށް އިތުރު ފްލެޓުތައް އަޅައި، ބޯހިޔާވަހިކަމުގެ ވައުދު ފުއްދުމަށްވެފައިވާ ވައުދު ފުރިހަމަ ކުރުމަށްވެސް އޭނާ ގޮވާލެއްވިއެވެ.

ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލަ އެމްޑީޕީގެ މެމްބަރުންގެ ވޯޓާ އެކު މަޖިލީހަށް ބަލައިގަނެ، ބަހުސް ވަނީ ފަށާފައެވެ. ކުއްލައިގެ ބަހުސް ފެށުމަށް ބަލައިގަތީ 45 މެމްބަރުންގެ ވޯޓުންނެވެ.

ޝިޔާމަށް ލިބުނު އަނިޔާތަކާ ގުޅިގެން، އިދިކޮޅު ޕީޕީއެމް/ޕީއެސްސީ އިން ވަނީ މަޖިލީހުގެ ޖަލްސާތައް މަސް ދުވަހަށް ބޮއިކޮޓް ކުރައްވާފައެވެ. ނަމަވެސް މިއަދުން ފެށިގެން އިދިކޮޅު މެމްބަރުން ވެސް ވަނީ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިގަންނަވަން ފައްޓަވާފައެވެ.

ޝިޔާމް މިއަދު ވިދާޅުވީ އޭނާ މަޖިލީހަށް ވަޑައިގެންނެވީ ފަސް ހަފްތާއަށްފަހު ކަމަށާއި މަޖިލީހަށް ވަޑައިނުގެންނެވުނީ އޭނާއަށް ދެކޮޅަށް ހިންގި ހަމަނުޖެހުންތަކުގައި ލިބުނު އަނިޔާތަކުގެ ސަބަބުން ކަމަށެވެ.

 

Leave a Reply

Your email address will not be published. Required fields are marked *