މިއަދުވެސް މީހަކު ނިޔާވެއްޖެ، ކޮވިޑުގައި މަރުވި އަދަދު 12އަށް

ސިއްހީ ހިދުމަތްތެރިން ރައްކާތެރިކަމުގެ އާލާތްތަކާ އެކު، މާލެ މަގުމަތީގައި

ކޮވިޑް19 ޖެހިގެން އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑް19 ޖެހިގެން ދޮށީ އުމުރުގެ މީހާ ނިޔާވީ ރޭ ފަތިހު 4:35ހާއިރު ކަމަށެވެ. އޭނާއަށް ފަރުވާ ދެމުން ގެންދިޔައީ ކޮވިޑް19 ޖެހިގެން ހާލުބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށް ހާއްސަކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައެވެ.

ކޮވިޑް19ގައި ރާއްޖެއިން ރޭ ފަތިހު ނިޔާވި މީހާއާއެކު ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 12އަށް އަރާފައެވެ. ރާއްޖެއިން ކޮވިޑް19 ޖެހުނު މީހުންގެ ޖުމްލަ އަދަދަކީ 2،468 އެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައި ވަނީ 2،040 މީހުންނެވެ. އެ ބަލީގައި މިހާރު ފަރުވާ ދެމުން ގެންދަނީ 403 މީހުންނަށެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން 1500 ވުރެ ގިނަ މީހުންނަކީ ބޭރު މީހުންނެވެ. ބަލި ޖެހުނު ދިވެހިންގެ އަދަދު 900އަށް އަދި ނާރައެވެ.

Leave a Reply

Your email address will not be published. Required fields are marked *