ކުދިންގެ ޝަކުވާތައް އޮއްސާލުމުން ނާއިބު ރައީސް ތެލެސީމިއާ ސެންޓަރަށް

ތެލެސީމިއާ ސެންޓަރަށް ނާއިބު ރައީސް ކުރެއްވި ޒިޔާރަތުގެ ތެރެއިން: ފޮޓޯ / ރައީސް އޮފީސް

ތެލެސީމިއާ ސެންޓަރުގެ ހިދުމަތްތަކާއި އެތަނުން ފަރުވާ ހޯދުމަށް ދިމާވާ ދަތިތަކުގެ ވާހަކަތައް ސޯޝަލް މީޑީއާ އަށް ތެލެސީމިއާ ކުދިން އޮއްސާލުމުން ނާއިބު ރައީސް ފައިސަލް ނަސީމް ތެލެސީމިއާ ސެންޓަރަށް ޒިޔާރަތް ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ނާއިބު ރައީސް އެ ސެންޓަރަށް ވަޑައިގެން ތަނުގެ ހާލަތު ބައްލަވާލައްވާފައިވާ ކަމަށާއި އަދި މުވައްޒަފުންނާއި ބައްދަލުކުރައްވާފައިވާ ކަމަށެވެ.

މި ޒިޔާރަތުގައި، އެމަނިކުފާނު ވަނީ، އެ ސެންޓަރުން އެކިއެކި ހިދުމަތްތައް ފޯރުކޮށްދެއްވާ ގޮތް ބައްލަވާލައްވައި އެ ސެންޓަރުގެ ހިދުމަތް ހޯދާ ބައެއް ފަރާތްތަކާއި އަދި ސެންޓަރުގެ މެނޭޖްމަންޓާ ވެސް ބައްދަލުކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ބައްދަލުކުރެެއްވުމުގައި، ތެލެސީމިއާ ސެންޓަރުގެ މެނޭޖްމަންޓުން ވަނީ އެ ސެންޓަރަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމާއި ވަސީލަތްތަކުގެ ދަތިކަމާއި ތަނުގެ މަސައްކަތްތައް ކުރިއަށްގެންދިޔުމުގައި ދިމާވާ ގޮންޖެހުންތަކުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ހިއްސާ ކުރައްވާފައެވެ. ހަމަ އެއާއެކު އެމަނިކުފާނު ވަނީ އެތަނުގެ ހިދުމަތް ހޯއްދަވާ ފަރާތްތަކާއި ބައްދަލުކުރައްވައި، ހިދުމަތް ހޯދުމުގައި އެ ބޭފުޅުންނަށް ކުރިމަތިވާ ދަތިތަކުގެ މައުލޫމާތު ސާފު ކުރައްވާފައެވެ.

ތެލެސީމިއާ ސެންޓަރަށް ކުރެއްވި ޒިޔާރަތުގައި ނާއިބު ރައީސްގެ އަރިހުގައި ޕްލޭނިން އަދި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް: ފޮޓޯ / ރައީސް އޮފީސް

މި ޒިޔާރާތްކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެ ސެންޓަރަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދުމަށް ހާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރެއްވުމަށް ކަމާގުޅުންހުރި އިދާރާތަކުގެ ފަރާތުން އެދިވަޑައިގަންނަވާފައެވެ. އަދި އެމަނިކުފާނު ވަނީ އެ ސެންޓަރުގެ މެނޭޖުމަންޓުން ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ނާއިބު ރައީސް ތެލެސީމިއާ ސެންޓަރަށް ޒިޔާރަތް ކުރައްވާފައި މިވަނީ ދާދިފަހުން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް އެ ސެންޓަރަށް ޒިޔާރަތް ކުރައްވާފައި ވަނިކޮށެވެ.

މީގެއިތުރުން ދާދިފަހުން ރައްޔިތުން މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި ތެލެސީމިއާ ސޮސައިޓީން ވަނީ އެކުދިންނަށް ދިމާވާ ދަތިތަކުގެ ވާހަކަތައް ވެސް ހިއްސާ ކޮށްފައެވެ.

ތެލެސީމިއާ ސެންޓަރުގެ އިސް ބޭފުޅުންނާއި ނާއިބު ރައީސް ވާހަކަދައްކަވަނީ: ފޮޓޯ / ރައީސް އޮފީސް

ތެލެސީމިއާ ސޮސައިޓީގެ ޗެއާޕާސަން ފާތިމަތު ޖީހާން ސަލީމް މިދިޔަ މަހުގެ 26ވަނަ ދުވަހު މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި ވިދާޅުވީ މިދިޔަ އަހަރު ތެލެސީމިއާގައި 12 ކުއްޖަކު މަރުވެފައިވާ ކަމަށެވެ. އޭގެ ތެރެއިން ނުވަ ކުއްޖަކު މަރުވީ އެއް މަސް ދުވަހުގެ ތެރޭގައި ކަމަށާއި އެ މަސް ދުވަސްތެރޭ އެހާ ގިނަ ކުދިން މަރުވުމުން ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ތެލެސީމިއާ ސެންޓަރުން އެ ކުދިންނަށް ދެމުންދާ ބޭހުގެ ކޮލެޓީއާ ބެހޭ ގޮތުން އެ ޖަމިއްޔާގެ ވައިސް ޗެއާޕާސަން އައިޝަތު ޒުހުރާ ވަނީ ސުވާލު އުފައްދާފައެވެ. އެގޮތުން ބޭހުގައި ހުންނަންޖެހޭ ކުލަ ނޫން ކުލަ ބަދަލުވެފައިވާތީ އެެއީ ރައްކާތެރި އެއްޗެއްކަން މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮޓޯރިޓީ (އެމްއެފްޑީއޭ) އިން ކަށަވަރުނުކޮށްދޭތީ، ބޭސް ނުކައި ގިނަ ދުވަސް ހޭދަކުރަންޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ޖަމިއްޔާއިން ވަނީ ތެލެސީމިއާ ސެންޓަރާ ގުޅޭ ގިނަ ކަންބޮޑުވުންތަކެއް ކޮމެޓީއަށް ހިއްސާކޮށްފައެވެ. އެގޮތުން އެތަނުގައި ތެލެސީމިއާ އެކްސްޕާޓެއް ނުހުންނަ ކަމަށާއި އެތަނުގައި ހުންނަނީ ކުޑަކުދިންގެ ޑޮކްޓަރެއް ކަމަށެވެ. އަދި ތެލެސީމިއާ ސެންޓަރުގައި ހުންނަ ކުޑަކުދިންގެ ވޯޑުގެ ބޭނުންކުރުން ހުއްޓާލާފައިވާތީ އެކަމުގެ ކަންބޮޑުވުން ވެސް އެ ޖަމިއްޔާއިން ވަނީ މަޖިލީހާ ހިއްސާކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *