ޖިންސީ ގޯނާގެ މައްސަލަތަކަށް އިތުރު ސަމާލުކަމެއް ދިނުމަށް ރައީސް އެދިވަޑައިގެންފި

ފުލުހުންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިހު ހިތާބު ދެއްވަނީ: ފޮޓޯ / ރައީސް އޮފީސް

އަންހެނުންނާއި ކުޑަކުދިންނަށް މި ފަހަކަށް އައިސް ރާއްޖޭގައި ޖިންސީ ގޯނާ ކުރުން އިތުރުވެފައި ވާތީ އެފަދަ މައްސަލަތަކަށް އިތުރު ސަމާލުކަމެއް ދިނުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފުލުހުންގެ ކިބައިން އެދިވަޑައިގެންފިއެވެ.

އިސްކަންދަރު ކޮށީގައި ދިވެހި ފުލުހުންނާއި މިއަދު ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުގެ ކިބައިން ރައްޔިތުން އެދެމުން ދަނީ އިންސާފު ލިބިގެން ދިއުން ކަމަށެވެ. ނަމަވެސް އިންސާފު ލިބުމުގެ ފެށުމަކީ ވެސް ފުލުހުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ފުލުހުންގެ ތަހުގީގުތައް އަވަސް ކުރުމަކީ އިންސާފު ލިބުމަށް އަވަސްވުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ މުޖުތަމައުގެ ތެރޭގައި އުފެދިފައިވާ އިޖުތިމާއީ ގިނަ މައްސަލަތަކަކީ ހައްލު ނުކުރެވިފައިވާ ގިނަ ދުވަސްވީ މައްސަލަތައް ކަމަށާއި ސަރުކާރުން މަސައްކަތް ކުރަނީ އިޖުތިމާއީ މައްސަލަތައް ހައްލު ކުރުމަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އެއީ ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ މައްސަލަތައް ކަމަށްވީ ނަމަވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ގެވެށި އަނިޔާ އާއި މަސްތުވާތަކެތީގެ މައްސަލަތައް ކަމަށްވީ ނަމަވެސް މިއީ ހައްލު ނުކުރެވި މުޖުތަމައުގައި ހުރި ދުވަސްވީ މައްސަލަތައް،" ރައީސް ވިދާޅުވިއެވެ.

ފުލުހުންނަކީ ގާނޫނު ތަންފީޒު ކުރުމުގައި އެންމެ މުހިއްމު ރޯލެއް އަދާ ކުރާ އަދި ރައްޔިތުންނާއި އެންމެ ގާތުން މަސައްކަތް ކުރާ ބަޔަށްވުމުން އެ މައްސަލަތައް ހައްލު ކުރުމުގައި ފުލުހުންގެ ރޯލު ވަރަށް މުހިއްމު ކަމަށް ރައީސް ވިދާޅުވިއެވެ. އެކަން ކާމިޔާބު ކުރުމުގައި ގާނޫނުތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށާއި އަދި ފުލުހުންނާއި ތަންފީޒި އިދާރާތަކަށް ބޭނުންވާ ވަސީލަތާއި ތައުލީމާއި ތަމްރީނުވެސް އިތުރަށް ހޯދަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ބޭނުމަކީ ފާޑު ކިޔުން ނޫން ކަމަށާއި ބޭނުންވަނީ ދިވެހި ފުލުހުންނަކީ ރައްޔިތުން މިހާރަށްވުރެ އިތުބާރު ކުރާ އަދި ނަޒާހާތްތެރި ޕްރޮފެޝަނަލް ތަނަކަށް ހެދުން ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *