ބޮޑުފިނޮޅުން ހައްޔަރުކުރި މީހުންނަށް ޓެރަރިޒަމްގެ ތުހުމަތު!

ބޮޑުފިނޮޅުގައި ހިނގި އިހުތިޖާޖު ކޮންޓްރޯލްކޮށް އެރަށުގައި އެސްއޯ ފުލުހުން ހަރަކާތްތެރިވަނީ: ފޮޓޯ / ޕީއެސްއެމް

ބ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބޮޑު ފިނޮޅުން ފުލުހުން ހައްޔަރުކުރި މީހުންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފިއެވެ.

އެރަށުގައި 203 ބިދޭސީއަކަށް މުސާރަ ނުދީގެން މިދިޔަ ބުރާސްފަތި ދުވަހު އިހުތިޖާޖު ކުރިއެވެ. އަދި އެރަށުގައި ތިބި ދިވެހިންތައް ރަހީނުކުރިއެވެ. އެކަން ފުލުހުންނަށް އެނގުމުން ލޯންޗެއްގައި އެދުވަހުގެ މެންދުރުފަހު ފުލުހުން އެރަށަށް ދިޔައެވެ. ނަމަވެސް ބަނދަރުމަތީގައި ބިދޭސީން ތިބީ ފުލުހުން އައިސް ދާނެ ކަމަށް ތައްޔާރުވެ ލަކުޑި ބުރި އާއި ދަގަނޑު ބުރި ހިފައިގެންނެވެ. އެރަށާއި ފުލުހުހން ކައިރި ކުރަން އުޅުމުން އެތަކެތި ލޯންޗާއި ދިމާލަށް އުކިއެވެ.

ދެފަހަރެއްގެ މަތިން ފުލުހުން އެރަށަށް ދިޔަ ނަމަވެސް ފުލުހުންނަށް އެރަށަށް އެރޭނެ ގޮތެއް ނުވިއެވެ. އެހެންކަމުން މާލެއިން ސަލާމަތީ ބާރުތަކުގެ ފައުޖެއް އެރަށަށް ދިޔައެވެ. އެގޮތުން އިއްޔެ ފަތިހު ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަންގެ ޓީމެއް އެރަށަށް ދިއުމުން ބިދޭސީން އަމާން ދިނެވެ. އަދި ފުލުހުންނަށް އެއްބާރުލުން ދިނެވެ.

އެ މައްސަލާގައި ފުލުހުން ހައްޔަރުކުރީ 19 މީހެކެވެ. އެމީހުންގެ ބަންދަށަ ބ. އޭދަފުށި މެޖިސްޓްރޭޓު ކޯޓުން ވަނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަހައްޓަން 15 ދުވަސް އެމީހުންގެ ބަންދަށް އިތުރުކޮށްފައެވެ.

ބަންދުގެ މުއްދަތު އިތުރު ކުރުމަށް ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ފުލުހުން ވަނީ ހައްޔަރުކުރި މީހުންގެ މައްޗަށް  ޓެރަރިޒަމް ހުއްޓުވުމާއި ޓެރަރިޒަމަށް ފައިނޭސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ބިރުވެރިކަން އުފައްދާ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ކުށުގެ ތުހުމަތު ކޮށްފައެވެ. އަދުލު އިންސާފު ގާއިމުކުރަން ހުރަސް އެޅުމާއި އާއްމު މަސްލަހަތު ގެއްލުވާލުމާއި މުޖްތަމައަށް ނުރައްކާ ކުރުމުގެ ކުށުގެ ތުހުމަތުތައް ކުރާއިރު ބައެއް މީހުންގެ މައްޗަށް މުދަލަށް ގެއްލުން ދިނުމާއި ވައްކަން ކުރުމުގެ ތުހުމަތުވެސް ކުރެއެވެ.

މި މައްސަލައިގެ އަޑުއެހުން ކުރިޔަށް ގެންދިޔައީ ބަންގްލަދޭޝް ތަރުޖަމާނެއްގެ އެހީގައެވެ. އެގޮތުން ފުލުހުން ވަނީ ހައްޔަރު ކުރި މީހުންނަށް ފުލުހުންނަށް ހަމަލާދިން ކަމަށް ބުނެފައެވެ. ނަމަވެސް ހައްޔަރުކުރި އެންމެން ވެސް އެކުށަށް އިންކާރު ކުރެއެވެ. ނަމަވެސް ބައެއް މީހުން ވަނީ ތަންތަނާއި މުދަލަށް ގެއްލުން ދިން ކަމަށް އެއްބަސްވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *