ސަފާރީ ރޭޕްއާ ގުޅިގެން ފުލުހުން ނުފޫޒުގައި ޖެހި ވާޖިބުން އެއްކިބާވެއްޖެ: ޑރ. ޖަމީލް

ކުރީގެ ނާއިބު ރައީސް ޑރ. ޖަމީލް އަލުން ޕީޕީއެމް އާއި ގުޅިވަޑައިގަތުމަށްފަހު ވާހަކަދައްކަވަނީ: ފޮޓޯ / ހަތާވީސް

ހުޅުމާލެ ފަޅުގައި އަލާފައި އޮތް ސަފާރީއެއްގައި 27 އަހަރުގެ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލާގައި ހައްޔަރުކުރި ދެ މީހުން ދޫކޮށްލުމުން ފުލުހުން ނުފޫޒުގައި ޖެހި ވާޖިބުން އެއްކިބާވެއްޖެ ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންގެ އިސްވެރިންނަށް އިތުބާރު ކުރި މަދު ބައެއްގެ އިތުބާރުވެސް މިއަދު ވަނީ ގެއްލިފައި ކަމަށާއި، ގޭންގް ރޭޕާއި ގުޅިގެން ފުލުހުން ވަނީ ވާޖިބުން އެއްކިބާވެ ނުފޫޒުގައި ޖެހިފައި ކަމަށެވެ. ޑރ. ޖަމީލް ވަނީ އެ މައްސަލައިގައި ތުހުމަތު ކުރެވޭ ދެ މީހުން ޔޫރިން ޓެސްޓު ނުކޮށް އެމީހުން މަސްތު ނުވާ ކަމަށް ނިންމީ ގާނޫނީ ކޮން ހަމަޔަކުންތޯ ސުވާލު އުފައްދަވައިފައެވެ. އަދި އެއީ ފުލުހުންގެ މުއައްސަސާގައި ދާއިމަށް ޖެހުނު ހުތުރު ލައްގަނޑެއް ކަމަށް ޑރ. ޖަމީލް ވަނީ ވިދާޅުވެފައެވެ.

ޣައިރު ގާނޫނީ އަމުރަށް ތަބާވާ ފުލުހުން ވެސް އިންސާފުގެ ކުރި މައްޗަށް ހާޒިރު ކުރުވުމުން ނޫނީ ގާނޫނުގެ ހުކުމް މި ގައުމުގައި ދުވަހަކު ވެސް ނުހިނގާނެކަން ފާހަގަކުރައްވާ ޖަމީލް ވަނީ ފުލުހުންގެ ލީޑާޝިޕް އެކްޓިވިސްޓުންގެ ދަރަޖައަށް ވެއްޓިގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ.

ދާދިފަހުން ރައްޔިތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީގައި ވާހަކަދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފް ވިދާޅުވީ ފުލުހުންގެ ހައްޔަރުކުރީ އެ މައްސަލާގައި ދެ މީހަކު ކަމަށެވެ. އަދި އެމީހުންގެ ކުޑަކަމުދާ ތަކެތި ނުނެގީ އެމީހުން ތިބީ މަސްތުވެގެން ކަމަށް ފުލުހުންނަށް ނުބެލެވޭތީ ކަމަށެވެ.

“އެމީހުންގެ ކުޑަކަމުދާ ތަކެތި ނުނެގީ މަސްތުވެގެން ކަމަށް ނުބެލެވޭތީ،” މަންނާނު ވިދާޅުވިއެވެ.

މީގެއިތުރުން މަންނާނު ވިދާޅުވީ މިހާތަނަށް އެ މައްސަލަ އާއި ގުޅިގެން އެއްވެސް މީހެއްގެ ފަރާތުން ފުލުހުންނަށް ނުފޫޒެއް ފޯރާފައި ނުވާ ކަމަށެވެ.

“ވަރަށް ސާފުކޮށް އަޅުގަނޑު ދަންނަވާލަން ހަމަ އެއްވެސް ފަރާތެއްގެ ނުފޫޒެއް އޮވެގެން މި މައްސަލަ އާއި ގުޅިގެން އެއްވެސް ޑިޒިޝަނެއް މިހާތަނަށް ނަގާފައެއް ނުވާނެ. މި މައްސަލާގައި ފުރަތަމަ އަޅުގަނޑުމެން ފާހަގަކުރި ފަދައިން ޖެޓީ އާއި ހަމައިން ކުށެއް ހިނގައިފި ކަމަށް ގަބޫލު ކުރެވުނީ އެވަގުތު އެތަނަށް ދިޔަ ފުލުހަކަށް އޭނާގެ ވިސްނުމަށް. ހައްޔަރު ކުރުމާއި ބަޔާން ނެގުމާއި ޑޮކްޓަރަށް ދެއްކުންވެސް ހަމަ އެގޮތަށް. އެކަމެއް ކުރަން ހަވާލުވެ އެތިބި ބަޔަކު އެބައެއްގެ ކުރިމައްޗަށް ގެނެވިފައި ހުރި މައުލޫމާތުތަކެއް މައްޗަށް ބުރަވެ، އެއްވެސް ނުފޫޒެއް އެއްވެސް ބިރެއް ނެތި ނަގާފައި ހުރި ޑިޒިޝަން އެއީ،” މަންނާނު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *