އައިޖީއެމްއެޗުގެ ހަތަރު މުވައްޒަފަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ

އައިޖީއެމްއެޗް-

އައިޖީއެމްއެޗް ހޮސްޕިޓަލުން ކޮވިޑް-19 އަށް ފައްސިވި މުވައްޒަފުންގެ އަދަދު ހަތަރަކަށް އަރައިފިއެވެ. އިއްޔެ އައިޖީއެމްއެޗް އިން ބުނެފައި ވަނީ އެތަނުގެ ތިން ނަރުހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށެވެ.

މިއަދު އައިޖީއެމްއެޗް އިން ނެރުނު ބަޔާނެއްގައި ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދިޔަ ދެބަލި މީހަކާއި ހަތަރު މުވައްޒަފަކު ކޮވިޑް-19 އަށް މިހާތަނަށް ފައްސިވިކަން ކަށަވަރު ކޮށްދީފައި ވެއެވެ. ނަމަވެސް ހަތަރު ވަނަ އަށް ފައްސިވި މުވައްޒަފުގެ އިތުރު ތަފްސީލެއް ނުދެއެވެ.

އައިޖީއެމްއެޗް އިން ނެރުނު ބަޔާނުގައި ބުނީ އައިސީޔޫ އާއި އޮޕަރޭޝަން ތިއޭޓަރުގެ ޑޮކްޓަރުންނާއި ނަރުހުން އަދި ކޮންޓެކްޓް ޓްރޭސިން އިން ފާހަގަވި އެހެނިހެން މުވައްޒަފުން އެކަހެރިކޮށް ޓެސްޓު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

"އަދި ޓެސްޓު ކުރުމުގެ ބޮޑުބައެއް މިހާރު ނިމިފައިވާއިރު މިހާތަނަށް މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ 4 މުވައްޒަފުންނެވެ. އަދި މިހާތަނަށް ޓެސްޓު ކުރެވުނު އެހެން މުވައްޒަފުންގެ ޓެސްޓު ވަނީ ނެގެޓިވް ވެފައެވެ. މި ބައްޔަށް ޕޮޒިޓިވް ވި ޕޭޝަންޓުން މިހާރު ޑީ.އެޗް 11 އަށް ބަދަލުކުރެވިފައިވާއިރު މި ފަރާތްތަކުގެ ހާލު ރަނގަޅެވެ. އަދި މުވައްޒަފުންގެ ހާލުވެސް ރަނގަޅެވެ." އައިޖީއެމްއެޗްގެ ބަޔާނުގައި ބުނެފައި ވެއެވެ.

އައިސީޔޫގައި މިވަގުތު ކޮވިޑް-19 އަށް ފައްސިވެފައިވާ ބަލި މީހެއް އަދި މުވައްޒަފެއް ނެތްނަމަވެސް ރައްކާތެރިވުމުގެ ގޮތުން އިތުރަށް އަޅާ ފިޔަވަޅެއްގެ ގޮތުން މިވަގުތަށް އިތުރު ބަލި މީހުން އައިސީޔޫ އަށް ވެއްދުން މަޑުޖައްސާލައި، އައިސީޔޫ އިން ދޭންޖެހޭ ފަރުވާ ދެވޭނެ ގޮތް ހޮސްޕިޓަލުގެ އެހެން ތަނެއްގައި ވަނީ ހަމަޖެހިފައި ކަމަށް އައިޖީއެޗް އިން ބުންޏެވެ.

ހޮސްޕިޓަލުގެ އެޑްމިޓް ކޮށްގެން ފަރުވާދޭ ބަލި މީހުން ކޮވިޑް-19 އަށް ޓެސްޓު ކުރުމުގެ ނިޒާމް އިތުރަށް ހަރުދަނާކޮށް، ހުރިހައި ބަލި މީހުން ވެސް ކޮވީޑް-19 އަށް ޓެސްޓު ކުރާގޮތަށް މިހާރު ވަނީ ހަމަޖެހިފައި ކަމަށާއި ނަމަވެސް ބަލި މީހެއްގެ ފުރާނަ ސަލާމަތް ކުރަންޖެހޭ ފަދަ ނުވަތަ އެނޫންވެސް ބޮޑު އިމަރޖެންސީ ހާލަތެއް މެދުވެރިވެއްޖެނަމަ ކޮވިޑް-19 ގެ ނަތީޖާ ލިބެންދެން މަޑުނުކޮށް، ދޭންޖެހޭ ފަރުވާ ދޭނެ ކަމަށް އައިޖީއެޗްގެ ބަޔާނުގައި ވެއެވެ.

އަދި މިކަމުގައި ބަލަން ޖެހޭ އިތުރު ކަމެއް އަދި އިސްލާހް ކުރަން ޖެހޭ ކަމެއް އޮތްނަމަ އިސްލާހް ކުރާނެ ކަމަށް ވެސް އައިޖީއެމްއެޗް އިން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *