މުސާރަ ނުދީގެން ދިވެހިން ރަހީނުކުރުން "އޯކޭ"ވުމަކީ ގައްދާރުވުން: މާރިޔާ

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ --

ބިދޭސީންނަށް މުސާރަ ނުދީގެން ދިވެހިންގެ ބިމުގައި ދިވެހިން ރަހީނު ކުރުން "އޯކޭ" ވުމަކީ ގައުމަށް ގައްދާރުވުން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެެއެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބިދޭސީންގެ ހައްގުތައް ހޯދުމަށް ރާއްޖޭގެ ކޯޓުތަކާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަދި ލޭބާ ރިލޭޝަން އޮތޯރިޓީ ފަދަ ގާނޫނީ އިންތިޒާމުތައް ރާއްޖޭގައި އެބަހުރި ކަމަށެވެ. ދިވެހި ބިމުގައި ދިވެހިން ރަހީނުކޮށް މުދަލަށް ގެއްލުން ދިނުމަކީ މުސާރަ ނުލިބުމުން ކުރުން "އޯކޭ" ކަމެއް ކަމަށް ގައުމަށް ގައްދާރުވުން ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

އެކަމަނާ މިފަދައިން ވިދާޅުވެފައި މިވަނީ ބ. ތުޅާދޫ ފަޅު ތެރޭގައި އޮންނަ، ރިސޯޓެއް ތަރައްގީ ކުރަމުންދާ ބ. ބޮޑުފިނޮޅުގައި އިހުތިޖާޖު ކުރުމުންނެވެ.

މި މީހުން އިހުތިޖާޖު ކުރަމުން ދިޔައީ އެމީހުންނަށް ލިބެންޖެހޭ އެތައް މަހެއްގެ މުސާރަ އެމީހުން ލައްވާ މަސައްކަތް ކުރުވާ ކުންފުނިން ދެމުން ނުދާތީއެވެ. އެކަމުގެ ރުޅީގައި އެމީހުން ވަނީ އެރަށުގައި މަސައްކަތް ކުރަމުން ދިޔަ ދިވެހިންތަކެއް ރަހީނުވެސް ކޮށްފައެވެ. އެ މައްސަލާގައި ރޭ ފުލުހުންގެ ޓީމެއް އެރަށަށް ދިޔަ ނަމަވެސް އެ ފުލުހުންނަށް ބޮޑު ފިނޮޅުގައި ތިބި ބިދޭސީން ވަނީ ހަމަލާ ދީފައެވެ. އެގޮތުން އެއް ފުލުހެއްގެ ބޯ ފަޅައިގެން ދިޔަ ކަމަށް މައުލޫމާތު ލިބެއެވެ.

އެންމެ ފަހުން އެ ރަށަށް ދިޔަ ފުލުހުންނަށް ރަށަށް ނޭރެވުމުން އަނބުރާ ވަނީ އައިސްފައެވެ. އަދި ފަހުން މާލެއިން ސިފައިންނާއި ފުލުހުން ހިމެނޭހެން ސަލާމަތީ ބާރުތަކުގެ ފައުޖެއް އެރަށަށް ދިއުމަށް ރޭ ދަންވަރު މާލެއިން ފުރިއެވެ. އެންމެ ފުރަތަމަ ތުޅާދޫ އަށް ވަނީ ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަން (އެސްއޯ) ފުލުހުންގެ ޓީމެވެ. އަދި ތުޅާދޫގައި ވަގުތުކޮޅަކަށް މަޑު ކުރުމަށްފަހު ފަތިހުގެ ވަގުތެއްގައި ބޮޑުފިނޮޅަށް ދިއުމަށް އެސްއޯ ފުލުހުންގެ ޓީމެއް ދޯންޏެއްގައި ފުރިއެވެ.

އަދި އެރަށަށް އަރާ ރަހީނު ކޮށްފައި ތިބި ދިވެހިންގެ ތެރެއިން 12 މީހަކު ސަލާމަތްކުރިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އިހުތިޖާޖު ކުރަމުން ދިޔަ ބިދޭސީންނާއި ފަހުން ބޮޑުފިނޮޅަށް ދިޔަ އެސްއޯ ފުލުހުންނާއި ދެމެދު އެއްވެސް ހަމަ ނުޖެހުމެއް ނުހިނގައެވެ. އިހުތިޖާޖު ކުރަމުން ދިޔަ ބިދޭސީން ވަނީ އަމާން ދީފައެވެ.

މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށުގައި ތިބީ 19 ބިދޭސީއެއް ކަމަށް ފުލުހުން ބުންޏެވެ.

Leave a Reply

Your email address will not be published. Required fields are marked *