ބޮޑުފިނޮޅު އޮޕަރޭޝަން: 19 ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށުގައި

ބޮޑުފިނޮޅުގައި ހަރަކާތްތެރިވި ބިދޭސީންތަކެއ: ފޮޓޯ / ޕީއެސްއެމް ނިއުސް

ބ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރާ ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގި މައްސަލާގައި 19 ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ބޮޑުފިނޮޅުގައި ހިނގާދިޔަ ހާދިސާ އާއި ގުޅޭ ތަފްސީލީ މައުލޫމާތު ހާމަކޮށް ފުލުހުން ނެރުނު ބަޔާނެއްގައި މިއަދު ބުނީ އިއްޔެ ހެނދުނު 9:30 އެހާއިރު ބޮޑު ފިނޮޅުގައި މަސައްކަތްކުރާ 15 ދިވެހި މުވައްޒަފުން އެރަށުން ފޭބުމަށް މަސައްކަތްކުރުމުން އެރަށުގައި ތިބި 203 ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން
ބަޔަކު، އެކަމަށް ހުރަސް އަޅައި ދިވެހި މުވައްޒަފުން ފޭބިޔަނުދިން ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އެ މައުލޫމާތު ލިބުމާއި ގުޅިގެން ފުރަތަމަ ބ.ތުޅާދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން އެރަށަށް ދިއުމުން އެރަށުގައި ތިބި ބިދޭސީ މަސައްކަތްތެރިން ވަނީ ރުޅިވެރިކަން އިސްކޮށް ފުލުހުންނަށް ދެކޮޅުވެރިކަން ދައްކާފައި ކަމަށް ފުލުހުން ބުންޏެވެ. އެކަމާއި ގުޅިގެން އިތުރު ފުލުހުންނާއެކު ރޭ އިރާކޮޅުގެ ވަގުތެއްގައި ފުލުހުން އެރަށަށް ދިއުމުން އެމީހުން ފުލުހުންނާ ދިމާލަށް އޮށްގަލާއި ދަގަނޑުބުރިތައް އުކައި ހަމަނުޖެހުން ހިންގާފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައި ބުންޏެވެ.

އެގޮތުން ހިންގި ހަމަނުޖެހުންތަކުގައި އެއް ފުލުހެއްގެ ބޯފަޅައިގެން ގޮސް ސީރިއަސް އަނިޔާތެއް ލިބުމާއި ގުޅިގެން އަތޮޅު ސިއްހީ މަރުކަޒުން ފަރުވާ ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެހެން ފުލުހެއްގެ އިނގިލި ބިންދައިގެން ގޮސް އަނިޔާވެފައިވާއިރު ގިނަ އަދަދެއްގެ ފުލުހުންނަށް އެކިވަރުގެ އަނިޔާތައް ވެފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައި ބުންޏެވެ.

އެކަމާއި ގުޅިގެން ފުލުހުންގެ އިސް ދެ އޮފިސަރުން ހިމެނޭ ގޮތަށް ޕަބްލިކް އޯޑާ ރެސްޕޯންސް ޔުނިޓް ޓީމަކާއި ފުލުހުންގެ ތަހްގީގު ޓީމެއް ބަންގްލަދޭޝްގެ ހައިކޮމިޝަންގެ ދެ އޮފިޝަލުންނާއެކު ރޭގެ ފަތިހުގެ ވަގުތެއްގައި ބޮޑުފިނޮޅަށް ގޮސް އެރަށުގައި ތިބި ދިވެހިން ސަލާމަތްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ޕަބްލިކް އޯޑާ ރެސްޕޯންސް ޔުނިޓްގެ ފުލުހުންނާއި ފުލުހުން ތަހުގީގު ޓީމު އެރަށަށް ދިޔަ ފަހުން އެއްވެސް ހަމަނުޖެހުމަށް ހިނގާފައެއް ނުވާކަން ފާހަގަކޮށް ފުލުހުން ބުނީ ބަންގްލަދޭޝް ހައިކޮމިޝަންގެ އޮފިޝަލުންގެ އެހީތެރިކަމާއެކު އެރަށުގައި ތިބި ބިދޭސީ މަސައްކަތްތެރިންނާ މުއާމަލާތްކުރެވި، އެރަށުގައި ކުރިން ހިނގައިދިޔަ ހަމަނުޖެހުންތަކުގައި ޝާމިލްވާ ކަމަށް ބެލެވޭ 19 ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ފުލުހުންގެ ޓީމުން މިހާރު ދަނީ ރަށުތެރޭގައި ހުރި ތަކެއްޗަށާއި ތަންތަނަށް ދީފައިވާ ގެއްލުންތައް ބަލައި މައުލޫމާތު އެއްކުރަމުން ކަމަށާއި އަދި އެ މައްސަލަތައް މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓާއި ހިއުމަން ޓްރެފިކިން ޑިޕާޓްމަންޓް ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ބިދޭސީން އިހުތިޖާޖު ކުރަމުން ދިޔައީ އެމީހުންނަށް ލިބެންޖެހޭ އެތައް މަހެއްގެ މުސާރަ އެމީހުން މަސައްކަތް ކުރާ ކުންފުނިން ދީފައި ނުވާތީއެވެ.

2 thoughts on “ބޮޑުފިނޮޅު އޮޕަރޭޝަން: 19 ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށުގައި

  1. LAARI eiee Bidhesinnahves beyruGhaomehgaa amudhun thibey.iru ETHAHMAHEHGE MUSAARAnulibumakee VARAH VES DHERAKAMEI VEEMAA EKAMAA HEDHI VEEGOTHAHVAANEE THIYABIDHEYSEEN MIGHAOM6GAAVES ULHEY THAA XAMAAN THAKEH VEFAAVAAIRU MIFADHAKAMEI HINGUMAKEE JAAIZ KAMEI

Leave a Reply

Your email address will not be published.