އުޖޫރު ނުލިބުނު މީހުންނަށް ވެސް އިންސާފު ލިބެންޖެހޭ: ހިސާން

ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން: ހަމަނުޖެހުން ހިންގާފައިވާ އޭނާ ނިސްބަތްވާ ދާއިރާގައި

ބ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރާ ބޮޑުފިނޮޅުގައި އިހްތިޖާޖު ކުރި އުޖޫރު ނުލިބުނު ބިދޭސީންނަށް ވެސް އިންސާފު ލިބެންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.

ތުޅާދޫއާ އެއްފަޅެއްގައި އޮންނަ ބޮޑުފިނޮޅުގައި ދިވެހިންތަކެއް ރަހީނުކޮށް، އިއްޔެ ހަވީރުން ފެށިގެން 12 ގަޑިއިރަށް ދިގުދެމިގެންދިޔަ ހަމަނުޖެހުންތައް ފުލުހުން ކޮންޓްރޯލްކުރުމާ ގުޅިގެން ހިސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުޅި މައްސަލަ ތަހުގީގު ކުރަމުންޖެހޭ ކަމަށެވެ. އެ މައްސަލައަށް ފަރުވާއެއް ހޯދައި، ހުރިހާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ހިސާންއަކީ ބ. އަތޮޅުގައި ހިމެނޭ ފެހެންދޫ އާއި ފުޅަދޫ އާއި ގޮއިދޫގެ އިތުރުން ތުޅާދޫ ތަމްސީލު ކުރައްވާ މަޖިލިސް މެމްބަރެކެވެ. ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ އަދަދެއްގެ މީހުން މަސައްކަތް ކުރާ އެ އަތޮޅުގައި 17 ރިސޯޓު އޮވެއެވެ. އަދި އަލަށް ތަރައްގީ ކުރާ ރިސޯޓުތަކުގެ އަދަދަކީ ވެސް 17އެވެ.

Leave a Reply

Your email address will not be published.