ބިދޭސީން އަމާން ދީފި، ރަށުން ދިވެހިން ސަލާމަތްކޮށް ބަލާ ފާސްކުރަނީ

ބޮޑުފިނޮޅުގައި ހިނގި އިހުތިޖާޖު ކޮންޓްރޯލްކޮށް އެރަށުގައި އެސްއޯ ފުލުހުން ހަރަކާތްތެރިވަނީ: ފޮޓޯ / ޕީއެސްއެމް

ބ. ތުޅާދޫ ފަޅު ތެރޭގައި އޮންނަ، ރިސޯޓެއް ތަރައްގީ ކުރަމުންދާ ބ. ބޮޑުފިނޮޅުގައި އިހުތިޖާޖު ކުރަމުން ދިޔަ ބިދޭސީން އެންމެ ފަހުން އަމާން ދީފިއެވެ.

މި މީހުން އިހުތިޖާޖު ކުރަމުން ދިޔައީ އެމީހުންނަށް ލިބެންޖެހޭ އެތައް މަހެއްގެ މުސާރަ އެމީހުން ލައްވާ މަސައްކަތް ކުރުވާ ކުންފުނިން ދެމުން ނުދާތީއެވެ. އެކަމުގެ ރުޅީގައި އެމީހުން ވަނީ އެރަށުގައި މަސައްކަތް ކުރަމުން ދިޔަ ދިވެހިންތަކެއް ރަހީނުވެސް ކޮށްފައެވެ. އެ މައްސަލާގައި ރޭ ފުލުހުންގެ ޓީމެއް އެރަށަށް ދިޔަ ނަމަވެސް އެ ފުލުހުންނަށް ބޮޑު ފިނޮޅުގައި ތިބި ބިދޭސީން ވަނީ ހަމަލާ ދީފައެވެ. އެގޮތުން އެއް ފުލުހެއްގެ ބޯ ފަޅައިގެން ދިޔަ ކަމަށް މައުލޫމާތު ލިބެއެވެ.

އެންމެ ފަހުން އެ ރަށަށް ދިޔަ ފުލުހުންނަށް ރަށަށް ނޭރެވުމުން އަނބުރާ ވަނީ އައިސްފައެވެ. އަދި ފަހުން މާލެއިން ސިފައިންނާއި ފުލުހުން ހިމެނޭހެން ސަލާމަތީ ބާރުތަކުގެ ފައުޖެއް އެރަށަށް ދިއުމަށް ރޭ ދަންވަރު މާލެއިން ފުރިއެވެ. އެންމެ ފުރަތަމަ ތުޅާދޫ އަށް ވަނީ ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަން (އެސްއޯ) ފުލުހުންގެ ޓީމެވެ. އަދި ތުޅާދޫގައި ވަގުތުކޮޅަކަށް މަޑު ކުރުމަށްފަހު ފަތިހުގެ ވަގުތެއްގައި ބޮޑުފިނޮޅަށް ދިއުމަށް އެސްއޯ ފުލުހުންގެ ޓީމެއް ދޯންޏެއްގައި ފުރިއެވެ.

އަދި އެރަށަށް އަރާ ރަހީނު ކޮށްފައި ތިބި ދިވެހިންގެ ތެރެއިން 12 މީހަކު ސަލާމަތްކުރިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އިހުތިޖާޖު ކުރަމުން ދިޔަ ބިދޭސީންނާއި ފަހުން ބޮޑުފިނޮޅަށް ދިޔަ އެސްއޯ ފުލުހުންނާއި ދެމެދު އެއްވެސް ހަމަ ނުޖެހުމެއް ނުހިނގައެވެ. އިހުތިޖާޖު ކުރަމުން ދިޔަ ބިދޭސީން ވަނީ އަމާން ދީފައެވެ. އަދި ފުލުހުން މިހާތަނަށް އެއްވެސް މީހަކު މި މައްސަލާގައި ހައްޔަރުކުރި ކަމުގެ މައުލޫމާތެއްވެސް ނުލިބެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ދަނީ އިހުތިޖާޖު ކުރަމުން ދިޔަ ބިދޭސީންނާއި މަޝްވަރާ ކުރަމުންނެވެ. އަދި މީގެ އިރުކޮޅެއް ކުރިން ރަށު ތެރެއަށް އަރާފައެވެ. ރަށުތެރެއަށް އަރާފައި ވަނީ ފުލުހުންގެ ތަހުގީގު ޓީމެކެވެ. އެ ޓީމުގެ ތެރޭގައި ހިއުމަން ޓްރެފިކިންގެ މައްސަލަތައް ތަހުގީގު ކުރާ ފުލުހުންވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ.

1 thought on “ބިދޭސީން އަމާން ދީފި، ރަށުން ދިވެހިން ސަލާމަތްކޮށް ބަލާ ފާސްކުރަނީ

  1. Polihun nah ulheneeves sifain nah ulheneeves alhugandumen rahyathunge dharin emeehunah aniyaa kuranyaa raihyathun nikume bangaalheen nah adhabu dheyn jeheyne

Leave a Reply

Your email address will not be published.