ފުދުންތެރިކަން ނެތް 50 މީހަކަށް ދައުލަތުން މިދިޔަ އަހަރު ވަކީލުން ހަމަޖައްސައިދީފި

ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ ތެރެއިން މާލީ ތަނަވަސްކަން ނެތް 50 ފަރާތްތަކަށް މިދިޔަ އަހަރު ގާނޫނީ ވަކީލުން ދައުލަތުން ފޯރުކޮށްދީފިއެވެ.

މިއީ މި ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި އެންމެ ގިނައިން ވަކީލުން ފޯރުކޮށްދިން ފަހަރެވެ. ބަންޑާރަ ނާއިބުގެ އޮފީހުން މިއަދު ބުނީ ދައުލަތުގެ ފަރާތުން ވަކީލުން ހަމަޖައްސައި ދިނުމަށް އެދި މިދިޔަ އަހަރު 105 ފަރާތަކުން އެ އޮފީހަށް ފޯމު ހުށަހަޅާފައިވާ ކަމަށެވެ.

އޭގެތެރެއިން މިދިޔަ އަހަރު 50 މީހަކަށް ގާނޫނީ ވަކީލުން ފޯރުކޮށްދީފައިވާއިރު 39 ފަރާތަކުން ދައުލަތުގެ އެހީތެރިކަމާއި އެކުގައި ވަކީލަކު ހަމަޖައްސައި ދިނުމަށް ހުށަހަޅާ ފޯމަށް ހުށަހަޅަންޖެހޭ މައުލޫމާތު ހުށަހަޅާފައި ނުވާތީ އެކަމަށް ގޮތެއް ނިމިފައި ނުވާ ކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ބުންޏެވެ. ބަންޑާރަ ނާއިބުގެ އޮފީހުން ބުނީ އޭގެތެރެއިން 13 ފަރާތުން ދައުލަތުގެ ވަކީލުން އައްޔަން ކޮށްދިނުމުގައި ބަލާ މިންގަނޑުން ފާސްވެފައި ނުވާތީ ވަކީލަކު އައްޔަންކޮށްދެވެން ނެތް ކަމަށް ނިންމާފައިވާ ކަމަށެވެ. އަދި ތިން ފަރާތަކުން ދައުލަތުގެ ވަކީލަކު އައްޔަންކުރަން ބޭނުން ނުވާ ކަމަށް ބުނެފައިވާ ކަމަށްވެސް އޭޖީ އޮފީހުން ބުންޏެވެ.

އޭޖީ އޮފީހުން ބުނީ 2018ވަނަ އަހަރަށްވުރެ 2019ވަނަ އަހަރު ދައުލަތުގެ ފަރާތުން ވަކީލަކު ހަމަޖައްސައި ދިނުމަށް އެދި ހުށަހެޅި މިންވަރު 84.21 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ. އަދި 2018ވަނަ އަހަރާއި އަޅާބަލާއިރު 2019ވަނަ އަހަރު ދައުލަތުން ގާނޫނީ ވަކީލުން އައްޔަންކޮށްދީފައިވާ މިންވަރު 117.39 އިންސައްތަ އިތުރުވެފައިވާ ކަމަށްވެސް އެ އޮފީހުން މައުލޫމާތުދެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.