މޫނު ނިވާކޮށްގެން، ވަގަށް ވަދެ ކެމިކަލް އެޅީ ކުރީގެ އަނބިމީހާގެ އަނގަޔަށް!

އަންހެނުންނަށް ކުރާ އަނިޔާ އާއި ދެކޮޅު ފޮޓޯއެއް --

އަންހެނެއްގެ އަނގަޔަށް ކެމިކަލް އެޅި ވާހަކަ އާއި އެކުގައި ރަށަށް ވަނީ ސިހުން ލިބިފައެވެ. ހާއްސަކޮށް އަންހެން މީހާގެ އާއިލާއަށެވެ. މިވަރުގެ ރަހުމުކުޑަ އަމަލެއް ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހަކީ އަންހެން މީހާގެ ކުރީގެ ފިރިމީހާއެވެ. ސުވާލަކީ އެވަރުގެ އިންސާނިއްޔަތާއި ހިލާފު އަމަލެއް އެ މީހާ ހިންގީ ކީއްވެގެން ހެއްޔެވެ. އޭގެ ފަހަތުގައި ވަނީ ކޮން ކަމެއް ހެއްޔެވެ.

"ހަތާވީސް އޮންލައިން" އާއި އަންހެން ކުއްޖާގެ އާއިލާ އިން މިއަދު ބުނީ އެކަން ހިނގާދިޔައީ ރޭ 21:40 ހާއިރު ކަމަށެވެ. އަދި އެކަން ހިނގާދިޔައިރު އަންހެން ކުއްޖާ އޮތީ އެކުއްޖާގެ ކޮޓަރީގައި ކަމަށެވެ.

"ރޭ ކައިގެން ނަމާދު ކޮށްގެން ކޮޓަރީގައި އޮށޯވެލައިގެން އޮއްވާ މިކަމެއް ހިނގާދިޔައީ،" އާއިލާ ފަރާތުން މައުލޫމާތު ދިން މީހާ ބުންޏެވެ.

އަންހެން މީހާ އަށް ހަމަލާ ދިން އޭނާގެ ކުރީގެ ފިރިމީހާ އަކީ މީގެކުރިންވެސް އެހެން މީހަކާއި ކައިވެނިކޮށްފައިވާ މީހެކެވެ. އަދި އެމީހާ ހަމަލާ ދިން އަންހެން މީހާ ނުވަތަ ވިކްޓިމް ވެސް ވަރިކޮށްފައި ހުންނަތާ 9 ވަރަކަށް މަސް ދުވަސް ވެފައިވާ ކަމަށް އާއިލާއިން މައުލޫމާތު ދިނެވެ. ނަމަވެސް ދެ މީހުންގެ ގުޅުން ރަނގަޅު ކަމަށް އާއިލާއިން ބުންޏެވެ. އެ ދެ މީހުންގެ ކައިވެންޏަށް ކުރިން ދަރިއަކު ލިބިފައިވެއެވެ. ދެ މީހުންވެސް ވިސްނަމުން ދިޔައީ ހަމަޖެހިލައިގެން އަލުން ކައިވެނި ކުރުމަށެވެ.

"މިހެން މިކަންތައް އޮއްވާ މީގެ މަހެއްހާ ދުވަސް ކުރިން އަންހެން ކުއްޖާ އަށް މި އިނގެނީ މި ފިރިހެން މީހާ ކުރިން މެރީ ކުރި މީހާއާ ވެސް ވާހަކަދައްކަމުން އަންނަ ކަމަށް. އެހެންވީމަ އަންހެން ކުއްޖާ [ވިކްޓިމް] މޫވްއޮން ކުރީ. މޫވް އޮން ކުރިކަން ފިރިހެން މީހާއަށް އެނގުނީމަ ވަރަށް އިންޒާރުވެސް ދިން އަންހެން ކުއްޖާއަށް. އެހެން އިންޒާރު ދީފައި ވަނިކޮށް ރޭ މިކަމެއް މި ކުރީ،" އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އަންހެން ކުއްޖާގެ އާއިލާ ބުނީ ފިރިހެން މީހާ އެ ގެއަށް ރޭ ވަނީ މޫނުވެސް ނިވާ ކޮށްގެން ކަމަށެވެ. އަދި އިނގިލީގެ ނިޝާންތައް އެއްވެސް ތަނަކުން ފެނިދާނެތީ ކޮންމެ އަތަކަށް ދެ އަންގި ވެސް ލައްވާފައިވާ ކަމަށް އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

"އޭނާ އުޅުނީ އަންހެން ކުއްޖާ ހޭނައްތާލަން ވެގެން. އެހެންވެ ފުރަތަމަ ހެދި އެއްޗަކީ ސްޕޮންޖު ގަނޑަކަށް ކްލިން ކްލިން [ފާހާނަ ފަދަ ތަންތަން ސާފުކުރަން ގެންގުޅޭ ކެމިކަލްއެއް] އެޅުމަށްފަހު އެ ތެތްކޮށްފައި އަނގާފައި ހޭކުވީ. ދެން އެވަރުން ނުވެގެން ގަދަކަމުން ދެ ކޮލުގައި ހިފީމަ ކޮންމެވެސް ވަރަކަށް އަނގަ ހުޅުވޭނެތާ، ހުޅުވުނީމަ އަނގައަށް ވެސް އެޅީ،" އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އޭނާ ބުނީ އަންހެން ކުއްޖާ އެ ފިރިހެން މީހާގެ ކިބައިން ސަލާމަތްވުމަށް ވަރަށް މަސައްކަތް ކުރި ކަމަށާއި އެގޮތުން އެ ފިރިހެން މީހާ އެވަރު ކުރަމުން ދިޔައިރުވެސް ސަލާމަތްވުމަށް ކޮޓަރީގެ ކުޑަދޮރުން ފުންމާލި ކަމަށެވެ. އަދި ކަމެއް ހިނގިކަން އެނގުނީ އެހާ ހިސާބުން ކަމަށްވެސް އޭނާ ބުންޏެވެ.

މި މައްސަލާގައި ކުރީގެ އަނބިމީހާގެ އަނިޔާކުރި ތުހުމަތުގައި އެމީހާ ހައްޔަރުކުރީ އޭނާ ދިރިއުޅޭ ގެ ކައިރިންނެވެ. ފުލުހުން ބުނީ އިއްޔެ ރޭ 9:45 ހާއިރު އަލިފުށީގައި އަންހެނެއްގެ އަނގަޔަށް "ލައްފިލުވާ" އެޅި މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން 32 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.

އަންހެން ކުއްޖާ މިހާރު އޮތީ އިތުރު ފަރުވާ އަށް އުނގޫފާރު ރީޖާނަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ. އާއިލާއިން ބުނީ އުނގޫފާރަށް ވެސް އަންހެން ކުއްޖާ ގެންދެވުނީ ވަރަށް މަސައްކަތުން ކަމަށެވެ. އެގޮތުން އާއިލާއިން ވަނީ ކުއްޖާ އެހާލަތުގައި އޮއްވާ ވެސް އަލިފުށި ސިއްހީ މަރުކަޒުން ކުއްޖާ އިތުރުފަރުވާ އަށް އުނގޫފާރަށް ފޮނުވަން ދެކޮޅު ހެދުމުން އާސަންދަ ލިބުމަށްވެސް ދަތިތަކާއި ކުރިމަތިވި ކަމަށް ބުނެ ކަންބޮޑުވުންފާޅުކޮށްފައެވެ. އަދި މިހާރު ކުއްޖާގެ އާއިލާގެ ހަރަދުގައި މިއަދު އެކުއްޖާ އުނގޫފާރަށް ގެންގޮސްފައިވާ ކަމަށެވެ.

Leave a Reply

Your email address will not be published.