މާލޭގައި ހުކުރު ނަމާދުގެ ޖަމާއަތް ނުހެދުމަށް ނިންމައިފި

އިސްލާމީ މަރުކަރު-- ފޮޓޯ / މިހާރު

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މާލެ ސަރަހައްދުގެ މިސްކިތްތަކުގައި މާދަމާގެ ހުކުރު ނަމާދުގެ ޖަމާއަތް ނުހެދުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހާއި، ދީނީ އިލްމުވެރިންނާއި ޑޮކްޓަރުންގެ ލަފާގެ މަތިން މާދަމާ ހުކުރު ނުކުރަން ނިންމައި، އިސްލާމިކް މިނިސްޓްރީން ނެރުނު ސަކިއުލާއެއްގައި ބުނެފައި ވަނީ ހުކުރު ނަމާދުގެ ޖަމާއަތަކީ ވަރަށް ގިނަ އަދަދެއްގެ މީހުން އެއްތަންވެ، ގިނަ ވަގުތު ހޭދަވާ ޖަމާއަތަކަށް ވުމުން، މި ދަނޑިވަޅަކީ މަރުހަލާތަކަކަށް ބަހާލައިގެން ލުއިތައް ދީ، އެ ލުއިތަކުގެ ސަބަބުން ބަލިމަޑުކަން ފެތުރޭ ގޮތް ދިރާސާކޮށް ދެނެގަނެ، އޭގެ މައްޗަށް ބިނާކޮށް އިތުރު ނިންމުންތަކެއް ނިންމަންޖެހޭ ހާލަތެއް ކަމަށެވެ. އެހެންކަމުން ބަލިމަޑުކަން ފެތުރުމުގެ ބިރުވެރިކަން އޮތް ކަމަށް ޑޮކްޓަރުން ލަފާކުރާތީ އާއި މިފަދަ ހާލަތެއްގައި އަމަލު ކުރުމަށް އިސްލާމްދީނުގައި އައިސްފައިވާ ޝަރުއީ ގަވާއިދުތަކާ ހަމަތަކަށް ރިއާޔަތްކުރުމަށްފަހު، މާދަމާ ހުކުރު ނަމާދު މާލެ ސިޓީގައި ނުކުރުމަށް ނިންމާފައިވާ ކަމަށް ސަރކިއުލާގައި ބުނެފައިވެއެވެ.

ހުކުރު ނަމާދު ޖަމާއަތުގަައި ނުކުރަން ނިންމި ނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު، ފަރުޟު ފަސް ނަމާދުގެ ޖަމާއަތް ހަދައިގެން މާލެ ސަރަހައްދުގައި ކުރުމަށް ވަނީ ފުރުސަތު ދީފައެވެ.

""ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ފުރުޟު ފަސް ނަމާދުގެ ޖަމާއަތް ޤާއިމުކުރުމުގެ ނިއުމަތް ﷲ ތައާލާގެ ހެޔޮ ރަހްމަތުން ފަހިވެފައިވާތީ، އެކަމަށް ޝުކުރުކޮށް، މި ދަނޑިވަޅުގައި ވެސް ކަމާބެހޭ ފަރާތްތަކުން ދޭ އިތުޝާދުތަކާ އެއްގޮތަށް ޢަމަލު ކުރުމަށާއި، ފަރުޟު ފަސްނަމާދު ބަރާބަރަށް އަދާކުރުމަށާއި، ހެޔޮއަމަލުތައް ގިނަކޮށް، މިހާރު ފެތުރިފައިވާ ބަލިމަޑުކަމުން ރާއްޖެ ސަލާމަތްކޮށްދެއްވުން އެދި ﷲގެ ހަޟުރަތަށް ދުއާ ދެންނެވުމުގައި ދެމިތިބުމަށް ހުރިހާ ރައްޔިތުންނަށް ނަސޭހަތްތެރިވެ ވަސިއްޔަތް ކުރަމެވެ." އިސްލާމިމް މިނިސްޓްރީން އާންމު ކުރި ސާކިއުލާގައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *