ޔާމީނަށް ކެމްޕެއިންކުރި ގާޒީ ނަޖީބު ވަކިކުރަން ޖޭއެސްސީން ނިންމައިފި

ކްރިމިނަލް ކޯޓަށް 2018 ވަނަ އަހަރު އައްޔަން ކުރި ހަސަން ނަޖީބު

ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީނަށް ކެމްޕެއިން ކުރެއްވި ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ފާސްކޮށްފިއެވެ.

ދެހާސްއަށާރަ ވަނަ އަހަރުގެ މެއި މަހު ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް އައްޔަން ކުރެއްވި ނަޖީބު މަގާމުން ވަކިކުރަން ޖޭއެސްސީން ނިންމީ ރިޔާސީ އިންތިހާބުގެ ކެމްޕޭނާއި ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިންގައި ބައިވެރިވެފައިވާތީއެވެ.

އޭނާ މަގާމުން ވަކިކުރަން ފެންނަ ކަމަށް ފާސްކޮށް، ޖޭއެސްސީ ފާސްކުރީ އިއްޔެ ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމެއްގައެވެ.

އެ ބައްދަލުވުމުގައި ނިންމި ކަންތައްތަކާ ގުޅޭ ގޮތުން ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރި ރިޔާސީ ކެންޑިޑޭޓަކަށް ތާއިދު ހޯދުމުގެ ގޮތުން ބައްދަލުވުމެއް ބާއްވައި ގާޒީ ހަސަން ނަޖީބު ވާހަކަ ދައްކަވާފައިވާ ކަމަށެވެ. އެނގިފައިވާ ގޮތުގައި އޭނާ ކެމްޕެއިން ކުރީ ރައީސް ޔާމީނަށް ތާއިދު ހޯއްދެވުމަށެވެ.

މީގެ އިތުރުން، ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގައި ތަހުގީގީ އެއްވެސް އިދާރާއަކުން އެދިފައި ނުވަނީސް، ޖިނާއީ އަދުލުގެ ނިޒާމުގައި އެކަށައެޅިފައިވާ ޤާނޫނީ އަސާސްތަކާ ކަނޑައެޅިގެން ހިލާފަށް ދެ މީހަކު ހައްޔަރުކުރުމަށް ގާޒީ ނަޖީބު އަމިއްލައަށް ކޯޓު އަމުރު ނެރެފައިވާކަން ސާބިތުވާ ކަމަށެވެ.

މީގެ އިތުރުން 2017 ވަނަ އަހަރުގެ ބޭއްވި ކައުންސިލް އިންތިހާބުގައި ގއ. އަތޮޅު ކައުންސިލްގެ ވިލިގިލީ ދާއިރާއަށް ކުރިމަތިލި ކެންޑިޑޭޓަކަށް ތާއިދު ހޯދުމަށް ގާޒީ ނަޖީބު މަސައްކަތްކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ޕާޓީއަކަށް ނިސްބަތްވާ ކެންޑިޑޭޓެއް ކަމެއް ބަޔާނުގައިނެތެވެ.

އެނގިފައިވާ ގޮތުގައި އޭނާ ކެމްޕެއިން ކުރެއްވީ ޕީޕީއެމްގެ ޓިކެޓުގައި އެ ދާއިރާއަށް ނުކުތް ކެންޑިޑޭޓަކަށެވެ. އަދި އެ ކެންޑިޑޭޓާ ދެކޮޅަށް ނުކުންނެވި އޭރުގެ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުގެ ކެޑިޑެސީ ބާތިލުކުރުމަށް ގާޒީ ނަޖީބު މަސައްކަތް ކުރެއްވިއެވެ.

ޖޭއެސްސީގެ ބަޔާނުގައި އެ ވާހަކަ ވެސް ގެނެސްފައިވެއެވެ.

"އެ އިންތިހާބުގައި އެ ދާއިރާއަށް ކުރިމަތިލި އަނެއް ކެންޑިޑޭޓުގެ ކެނޑިޑެސީ ބާތިލުކުރުމަަށް ގާޒީ ހަސަން ނަޖީބު މަސައްކަތް ކުރިކަމަށާއި..." ޖޭއެސްސީގެ ބަޔާނުގައިވެއެވެ.

ޖޭއެސްސީން ބުނީ އޭނާގެ އަމަލުތަކަކީ ޤާނޫނުއަސާސީ އާއި ފަނޑިޔާރުންގެ ޤާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ކަނޑައެޅިގެން ހިލާފަށްކޮސްފައިވާ ކަންތައްތަކެއް ކަމަށެވެ. އެހެންކަމުން ޖޭއެސްސީގެ ޤާނޫނުގެ ދަށުން އޭނާ ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފެންނަ ކަމަށް ކޮމިޝަންގެ އިއްޔެގެ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *