މަސްތުގެ ހާލަތުގައި ތިބި ކަމަކަށް ނުބެލެވޭ، އެހެންވެ ޓެސްޓެއް ނުކުރަން: ފުލުހުން

ޖެންޑާ ކޮމެޓީގައި ފުލުހުންގެ ފަރާތުން ސަފާރީ ރޭޕް ކޭސް އާއި ގުޅިގެން މައުލޫމާތު ދެއްވަނީ: ފޮޓޯ / މަޖިލިސް

މިދިޔަ ބުރާސްފަތި ދުވަހު ހުޅުމާލެ ފަޅު ތެރޭގައި އޮތް ސަފާރީއެއްގައި 27 އަހަރުގެ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމުގެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން އެ މައްސަލާގައި ފުލުހުން ހައްޔަރުކުރި މީހުން މަސްތުގެ ހާލަތުގައި ތިބި ކަމަށް ނުބެލެވޭތީ އެމީހުން މަސްތުވާތަކެއްޗަށް ނުވަތަ ބަނގުރާ ބޭނުންކޮށްފައި ހުރިތޯ ޓެސްޓު ކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ރައްޔިތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީގައި މިއަދު މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފް ވިދާޅުވީ ފުލުހުންގެ ހައްޔަރުކުރީ އެ މައްސަލާގައި ދެ މީހަކު ކަމަށެވެ. އަދި އެމީހުންގެ ކުޑަކަމުދާ ތަކެތި ނުނެގީ އެމީހުން ތިބީ މަސްތުވެގެން ކަމަށް ފުލުހުންނަށް ނުބެލެވޭތީ ކަމަށެވެ.

"އެމީހުންގެ ކުޑަކަމުދާ ތަކެތި ނުނެގީ މަސްތުވެގެން ކަމަށް ނުބެލެވޭތީ،" މަންނާނު ވިދާޅުވިއެވެ.

މީގެއިތުރުން ފުލުހުން އެންމެ ފުރަތަމަ އެ މީހުން ތިބި ތަނަށް ދިޔުމުން ފުލުހުންނަށް ހުށަހެޅުނީ ފޯނެއް ގެއްލިގެން އުޅޭ މައްސަލައެއް ކަމަށާއި ނަމަވެސް އަންހެން މީހާގެ ވާހަކައިން މުޅި މައްސަލަ ބަދަލުވެގެން ދިޔަ ކަމަށާއި އެގޮތުން އަންހެން މީހާ އަށް ޖިންސީ ގޯނާކުރި ކަމަށް ބުނެފައިވާ ކަމަށެވެ.

"އެހިސާބުން ލޮގު ކުރެވުނީ ޖިންސީ ގޯނާގެ މައްސަލައެއްގެ ގޮތުގައި،" މަންނާނު ވިދާޅުވިއެވެ.

މިއަދު މި ކޮމެޓީއަށް ފުލުހުން ހާޒިރުކުރި ނަމަވެސް ކޮމެޓީން ވަނީ މި މައްސަލާގައި ގިނަ ހުށަހެޅުންތަކެއް ފާސްކޮށްފައެވެ. އެގޮތުން އަނިޔާ ލިބުނު ފަރާތުގެ ސަލާމަތާއި ރައްކާތެރިކަން ޖެންޑާ މިނިސްޓްރީން ކަށަވަރުކޮށްދިނުމާއި ފުލުހުން އަމަލުކޮށްފައިވާ ގޮތް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ބަލައި، އެކަން ކޮމިޓީއާ ހިއްސާކުރުމާއި އަނިޔާ ލިބުނު އަންހެން މިހާގެ ފަރާތުން މިކަމުގެ މައުލޫމާތު ސާފުކުރުމަށް އޭނާއާ ބައްދަލުކުރުމާއި އަނިޔާ ލިބުނު ފަރާތް އިތުރަށް ވިކްޓިމައިޒްވާ ގޮތަށް މިޑީއާތަކުން ދޮގު ހަބަރު ނުފަތުރާކަން ކަށަވަރުކުރުމަށް، މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނަށް އެންގުމުގެ އިތުރުން ސީނަށް ދިޔަ ފުލުހުންނާއި ހުޅުމާލޭ ޕޮލިސް ސްޓޭޝަން އިންޗާޖާ ވަކިވަކިން ބައްދަލުކުރުން ހިމެނެއެވެ.

އެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ވަނީ އެ ސަފާރީ އިން 39 އަހަރުގެ ދެ ދިވެހިން ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ އެ މައްސަލާގައި ތަހުގީގަށް ހައްޔަރުކޮށްފައި ބެހެއްޓޭނެ އެކަށީގެންވާ ސަބަބެއް ނެތުމުން، އެ ދެމީހުން ވެސް މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *