ސަފާރީ ރޭޕް އަށް އެއްވެސް ފަރާތަކުން ނުފޫޒެއް ނުފޯރުވާ: ފުލުހުން

ޖެންޑާ ކޮމެޓީގައި ފުލުހުންގެ ފަރާތުން ސަފާރީ ރޭޕް ކޭސް އާއި ގުޅިގެން މައުލޫމާތު ދެއްވަނީ: ފޮޓޯ / މަޖިލިސް

މިދިޔަ ބުރާސްފަތި ދުވަހު ހުޅުމާލެ ފަޅު ތެރޭގައި އޮތް ސަފާރީއެއްގައި 27 އަހަރުގެ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމުގެ މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވާއިރު އެ މައްސަލާގައި ފުލުހުންނަށް އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިފަދައިން ބުނެފައި ވަނީ މިހާރު ކުރިޔަށްދާ ރައްޔިތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީގެ ބައްދަލުވުމުގައެވެ. މިއަދުގެ ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފް ވިދާޅުވީ މިހާތަނަށް އެ މައްސަލަ އާއި ގުޅިގެން އެއްވެސް މީހެއްގެ ފަރާތުން ފުލުހުންނަށް ނުފޫޒެއް ފޯރާފައި ނުވާ ކަމަށެވެ.

"ވަރަށް ސާފުކޮށް އަޅުގަނޑު ދަންނަވާލަން ހަމަ އެއްވެސް ފަރާތެއްގެ ނުފޫޒެއް އޮވެގެން މި މައްސަލަ އާއި ގުޅިގެން އެއްވެސް ޑިޒިޝަނެއް މިހާތަނަށް ނަގާފައެއް ނުވާނެ. މި މައްސަލާގައި ފުރަތަމަ އަޅުގަނޑުމެން ފާހަގަކުރި ފަދައިން ޖެޓީ އާއި ހަމައިން ކުށެއް ހިނގައިފި ކަމަށް ގަބޫލު ކުރެވުނީ އެވަގުތު އެތަނަށް ދިޔަ ފުލުހަކަށް އޭނާގެ ވިސްނުމަށް. ހައްޔަރު ކުރުމާއި ބަޔާން ނެގުމާއި ޑޮކްޓަރަށް ދެއްކުންވެސް ހަމަ އެގޮތަށް. އެކަމެއް ކުރަން ހަވާލުވެ އެތިބި ބަޔަކު އެބައެއްގެ ކުރިމައްޗަށް ގެނެވިފައި ހުރި މައުލޫމާތުތަކެއް މައްޗަށް ބުރަވެ، އެއްވެސް ނުފޫޒެއް އެއްވެސް ބިރެއް ނެތި ނަގާފައި ހުރި ޑިޒިޝަން އެއީ،" މަންނާނު ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހުޅުމާލެ ޕޮލިސް ސްޓޭޝަން އިންޗާޖު ޗީފް ސްޕްރިޑެންޓު އޮފް ޕޮލިސް މުހައްމަދު ރަޝީދު ވިދާޅުވީ އެ މައްސަލާގައި ހައްޔަރު ކޮށްފައިވާ މީހުން ފަހުން ފުލުހުން ދޫކޮށްލީ އެވަގުތު ލިބިފައިވާ މައުލޫމާތުތަކަށް ބަލާފައި ކަމަށެވެ. ފުލުހުންގެ އެންމެ ބޮޑު ވިސްނުމަކީ މީހަކު ހައްޔަރުކޮށްގެން ގެންގުޅެފައި 30 ދުވަސް ވުމުން ކުށް ސާބިތުނުވެގެން ނޫނީ އެމީހެއްގެ މައްޗަށް ހުށަހަޅާނެ ހެކި ނެތިގެން ދޫކޮށްލުމަށްވުރެ ފައިދާ ބޮޑީ އެމީހަކު ދޫކޮށްލާފައި ބަހައްޓައިގެން ދިގު މުއްދަތު ނަގައިގެން ވިޔަސް މައްސަލަ ސާބިތު ކުރުމަށް ހެކި ހޯދުމުގެ ވަގުތު ހޯދުން ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *