ގުދޯގުދޯ ގޮވައިފި! އީސައަށް ރަލުގެ ތުހުމަތު، މޮސްޓާއަށް "ހަކުރު"ގެ ތުހުމަތު!

މެމްބަރު އީސަ އަދި ނޮޅިވަރަމް މެމްބަރު މޮސްޓާ: އެކަކު އަނެކަކަށް ސީރިއަސް ތުހުމަތުތަކެއް ކުރެއްވި-- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރަކު އެއް މެމްބަރަކު އަނެއް މެމްބަރަކަަށް "ގުދޯގުދޯ" ގޮވައިފިއެވެ. ގުދޯގުދޯ ބޮވުމަކީ ތިމާގެ ކިބައިގައި ހުރި އުނިސިފައެއްގެ މައްޗަށް ބެލުމެއް ނެތި ހަމައެސިފަހުރި އަނެއް މީހަކާ ދިމާޔަށް އެސިފައާ ބެހޭގޮތުން އެއްޗެހި ކިޔުމެވެ.

ޓީވީތަކުން ލައިވްކޮށް ދައްކަމުން ދިޔަ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވީ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާއަކީ ރާ ބޯ މީހެއް ކަމަށެވެ. އެ ތުހުމަތު ކުރެއްވީ ނިޒާމީ މައްސަލައެއްގައި "ބޯ ހަމަނުޖެހޭ" މީހެއް ކަމަށް މޮސްޓާއަށް އަމާޒުކޮށް، އީސަ ވިދާޅުވުމުންނެވެ.

މޮސްޓާ ވިދާޅުވީ އީސައަކީ ވެސް ވިސްނުމުގެ ކޮށިކަން ހުރި މީހެއް ކަމަށާއި ރާއްޖެ އަންނަ ޓޫރިސްޓުންނަށް އޭނާ ޖިންސީ ގޯނާކޮށްފައިވާ ކަމަށެވެ. މަޖިލީހުގެ ތަޅުމުގައި އެފަދަ ތުހުމަތުތަކެއް ކުރުމުން، ރިޔާސަތުން ވަނީ އެގޮތަށް ވާހަކަ ނުދެއްކެވުމަށް އެދިވަޑައިގެންފައެވެ. އެ ތުހުމަތުތައް ކުރެއްވިއިރު، އީސަ މަޖިލީހުގެ ތަޅުމަކު ނެތެވެ.

އީސަ ވަނީ މޮސްޓާ މަސްތުވާތަކެތީގެ ވިޔަފާރި ކުރި ކަމަށް ތުހުމަތުކޮށްފައެވެ. އީސަ ވިދާޅުވީ މަޖިލީހުގެ ކުޑަދޮށުގައި އިންނަވައި، މަސްތުވާތަކެތި މާލެ ތެރެއަށް ވިއްކި ކަމަށް މޮސްޓާ އެއްބަސްވެފައިވާ ކަމަށެވެ. އެގޮތުން 12 މިލިއަނެއްހާ ރުފިޔާގެ މަސްތުވާތަކެތި ވިއްކި ކަމަށެވެ.

އީސަ އާއި މޮސްޓާއާ ދެމެދު ހިނގައިދިޔަ ބަހުގެ ހަމަލާތަކާ ގުޅިގެން ބައެއް މެމްބަރުން ނިޒާމީ މައްސަލަ ނެންގެވިއެވެ. ކަނޑައެޅިގެން އިތުރުފުޅު ހައްދަވައި މަޖިލީހުގައި ވާހަކަ ނުދެއްކޭނެ ކަމަށް ބައެއް މެމްބަރުން ވިދާޅުވިއެވެ.

ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ މަޖިލީހުގައި އިތުރުފުޅު ނުހެއްދެވުމަށް އެދިވަޑައިގެންފައެވެ.

އީސަ އާއި މޮސްޓާއާ ދެމެދު ބަހުގެ ހަމަލާތައް ފެށުނީ މޮސްޓާ ހުށަހެޅުއްވި ޤަރާރެއްގެ ބަހުސްގައި އެއްވެސް މެމްބަރަކު ބައިވެރިވެވަޑައި ނުގެންނެވުމުންނެވެ. އެމްޑީޕީގެ ސާފު މެޖޯރިޓީ އޮތް މަޖިލީހުން ޤަރާރުގެ ބަހުސްގައި އެއްވެސް މެމްބަރަކު ބައިވެރިވެވަޑައި ނުގެންނެވީ ރައީސް ނަޝީދުގެ ނުފޫޒާއި ބާރުން ކަމަށް މޮސްޓާ ވިދާޅުވިއެވެ. އެ ޤަރާރުގެ ސަބަބުން ނަޝީދު ބޭޒާރުވެދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މޮސްޓާ ހުށަހެޅުއްވި ޤަރާރުގައި ބުނެފައި ވަނީ ރާއްޖެއިން ކޮސޯވޯގެ މިނިވަންކަން ބަލައިގަނެ، އެކަން ރަސްމީކޮށް އިއުލާންކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާފަދަ މައުލުތަކެއް ހިނގާފައިވާ ކަމަށެވެ. އަދި އެ މައްސަލަ މަޖިލީހުން ބަލައި، ފިޔަވަޅު އަޅައިދިނުމަށް އޭނާ ހުށަހެޅުއްވި ޤަރާރުގައި އެދިފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *