ބީއެމްއެލް މުހިއްމު ހިދުމަތްތައް ހުއްޓިއްޖެ، ބުނީ ޓެކްނިކަލް މައްސަލައެއް ކަމަށް!

ބީއެމްއެލްގެ މުވައްޒަފުން އޭޓީއެމްގެ ހިދުމަތް އިތުރަށް ރަނގަޅު ކުރަނީ-- ފޮޓޯ/ ބީއެމްއެލް

ބީއެމްއެލްގެ މުހިއްމު ހިދުމަތްތަކެއް މިރޭ ހުއްޓުމަކަށް އައިސް، އާއްމުންނަށް ދަތިތަކަކާ ކުރިމަތިވެއްޖެއެވެ.

ބީއެމްއެލްގެ ހިދުމަތްތަކަށް މިރޭ މައްސަލަތަކެއް ދިމާވެފައި ވަނީ އިންޓަނެޓް ބޭންކިން އާއި ޕީއޯއެސްތަކުގެ އިތުރުން އޭޓީއެމްތަކަށެވެ. މިރޭ 8:00 ޖެހިފަހުން ފެށިގެން އިންޓަނެޓް ބޭންކިން ހިދުމަތް ރަނގަޅަކަށް ނުލިބެއެވެ. ފިހާރަތަކުގައި ބަހައްޓާފައި ހުންނަ ޕީއޯއެސްތަކުން ވެސް ފައިސާ ނުކެނޑެއެވެ. އަދި އޭޓީއެމްތަކުގެ ހިދުމަތް ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.

ބީއެމްއެލްގެ މުހިއްމު ހިދުމަތްތަކަށް ބުރޫ އަރާފައި ވަނީ މާދަމާ ނިއު ނޯމަލްއަށް އަމަލުކުރަން ފަށާތީ، ގެތަކުން މީހުން ނުކުމެ، ފިހާރަތަކުން މިރޭ ވިޔަފާރިތައް ކުރަން އުޅުނު ދަނޑިވަޅާދިމަކޮށެވެ.

ބީއެމްއެލުން ކުރި ޓްވީޓެއްގައި ބުނީ ހިދުމަތްތަކަށް ބުރޫ އެރީ ޓެކްނިކަލް މައްސަލައަކުން ކަމަށެވެ. މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް މައްސަލަ ހައްލުވާނެ ވަގުތެއް އެ ކުންފުންޏަކުން ނުބުނެއެވެ.

 

Leave a Reply

Your email address will not be published.